މަޝްހޫރު ޓިކް ޓޮކް އެޕްލިކޭޝަންގެ ސަބަބުން ގައުމު ހަލަބޮލިވެ ފަސާދަތައް އުފެދޭ ކަމަށްބުނެ ސެނަގާލުން އެގައުމުގައި ޓިކް ޓޮކް ބޭނުން ކުރުން އިއްޔެއިން ފެށިގެން މަނާ ކޮށްފިއެވެ.

ގޫގަލް ފަހަތަށް ޖައްސާލުމަށްފަހު 2021 ވަނަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލް ވެބްސައިޓް މަގާމްވެސް ހޯދި ޓިކްޓޮކް މަނާ ކުރުމަށް ސެނަގާލުން ނިންމާފައިވާއިރު އެގައުމުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކީ މީގެ ދެދުވަހެއް ކުރިން އިދިކޮޅު ލީޑަރު އޮސްމާނޭ ސޮންކޯ ހައްޔަރު ކުރުމުން ހިނގަމުން އަންނަ ހަމަނުޖެހުންތަކެވެ.

ސެނަގާލް ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ޒުވާނުންގެ ބޮޑު ތާއީދެއް އޮންނަ ސޮންކޯއަށް ތާއިދު ކުރާ ފަރާތްތަކުން ތަންތަނަށް އެއްވެ ހަމަނުޖެހުން ހިންގަން އެންމެ ބޮޑަށް ބާރު ލިބެނީ ޓިކްޓޮކަށް އަޕްލޯޑް ކުރާ ވީޑިއޯތަކުގެ ސަބަބުންނެވެ.

"ޓިކްޓޮކް އެޕްލިކޭޝަނަކީ ގައުމުގެ ހަމަޖެހުމަށް ނުރައްކާވާ ގޮތަށް ނަފްރަތު އުފެދޭ އަދި ފަސާދަވެރި މެސެޖުތައް ފެތުރުމަށް ނުބައި ނިޔަތެއްގައި ތިބި މީހުން އެންމެ ގަޔާވާ ސޯޝަލް ނެޓްވޯކް" ކޮމިއުނިކޭޝަން އެންޑް ޑިޖިޓަލް އިކޮނޮމީގެ މިނިސްޓަރު މޫސާ ބޮކާ ތިއާމް ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.