ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސް ގޮތުގައި ހުންނެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އެ ކޯލިޝަންގެ ދެވަނަ ޕާޓީ ޕީއެންސީ އަށް މިއަދު ސޮއި ކުރައްވައިފިއެވެ.

އެ ޕާޓީގެ މަޖިލީހުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަނީ އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައެވެ.

އަދި އެ ނިންމުމާއެކު މުޢިއްޒު މިއަދު ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ. އެމަނިކުފާނު ޕީއެންސީއަށް ސޮއިކުރި ފޯމާއި ހަވާލުވެފައި ވަނީ އިދިކޮޅު ވަގުތީ ލީޑަރ، ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲ އެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ހުށަހެޅޭނީ އެ ޕާޓީގެ މެންބަރަކަށެވެ. އަދި އެ ޕާޓީން ވަނީ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައިއެވެ.

މީގެއިތުރުން، އެ ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅަން މިއަދު ހަވީރު 4:00 ގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.