ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދޮޅު، ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީން ވަކިން ކެންޑިޑޭޓަކު ނެރެން ފާސްކޮށްފިއެވެ.

ޕީއެންސީން ރިޔާސީ ކެނޑިޑޭޓެއް ނެރެން ފާސްކުރީ، ރިޔާސީ ކެންޑިޑޭޓެއް ނެރުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 44 މެމްބަރުންގެ ތާއީދާއެކުގައެވެ. ނަމަވެސް ސެނެޓުން ފާސްކޮށްފައި ވަނީ ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަ ނުކުރެވޭ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށެވެ. މި ނިންމުމާއެކު، ޕީއެންސީން ރިޔާސީ ކެނޑިޑޭޓެއް ނެރެން މެންދުރުފަހު 2:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ހަވީރު 4:00 ގައި އަލުން ސެނެޓް އެއްވެ، ނަގާ ސިއްރު ވޯޓަކުންނެވެ.

ޕީއެންސީން ކެންޑިޑޭޓެއް ނެރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ޕީއެންސީގެ ސެނެޓާ ހަވާލުކުރި މަަސައްކަތުގެ ތެރެއިން، ރިޔާސީ ޕްރައިމަރީއަކަށް ނުގޮސް ސީދާ ސެނެޓުން ކެންޑިޑޭޓަކު ކަނޑައަޅަން ނިންމީ، ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ރިޔާސީ ޕްރައިމަރީއަކަށް ހުޅުވާލައިގެން އެކަން ކުރުމުގެ މުއްދަތު ރިޔާސީ އިންތިހާބާ ދެމެދު ނެެތުމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުމުގެ ވަގުތު ކުޑަތަން ވަމުން އަންނަ މި ދަނޑިވަޅުގައި ރައީސްޔާމީނަށް މި އިންތިހާބުގައި ވާދަ ކުވެރިދާނެ ކަމާމެދު އުފެދިފައިވާ ސުވާލަށް ކޮންމެވެސް އެއް ޖަވާބެއް ލިބޭނީ ސުޕްރީމް ކޯޓުގެ ނިޔާ އިއްވުމުންނެވެ.