ޕީއެންސީގެ ރިޔާސީ ޓިކެޓަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރިމަތި ލައްވައިފިއެވެ.

އެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުގެ މެންދުރު 2:00 އާ ހަމައަށެވެ. އެ ފުރުސަތުގައި ފޯމް ހުށަހެޅުއްވީ މުއިއްޒު އަދި އާދަމް ޝަރީފް އެކަންޏެވެ.

ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވުމަށް މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

މީގެއިތުރުން އެ ޕާޓީން ބުނީ ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން، ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރާ ފަރާތެއް ކަނޑައަޅާނީ، މިއަދު ހަވީރު 4:00 ގައި ބާއްވާ، ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ.

ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރާ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ވާދަކުރައްވަން ނިންމީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކޯލިޝަންގެ ކެންޑިޑޭޓެއް ނެރުމަށެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމު މިހާރު ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިނުގަނެފައެވެ. އެހެންވެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައެވެ. އަދި މިވަގުތު އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.