ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕޭނުގެ ތެރެއިން ބ. ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮވެރިކަން" ސިޔާސަތު ވަނީ އިފްތިތާހުކޮށްފައެވެ. މިއީ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން އިފުތިތާހު ކުރި ހަތަރުވަނަ ސިޔާސަތެވެ. ރޯދަ މަހުގެ ފަހު ދިހައެއްގައި ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ގޮތަށް "ވޯކް ފްރޮމް ހޯމް" ހަމަޖައްސައިދިނުން ހިމެނެނީ މެނިފެސްޓޯގެ "ހެޔޮވެރިކަން" ސިޔާސަތުގެ ސަބްބައިގެ ތެރޭގައެވެ.

"ހެޔޮވެރިކަން" މި ސިޔާސަތުގެ ދަށުގައި ދައުލަތުގެ ހިންގުން ވަރުގަދަކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި މުވައްޒަފުންނާ ގުޅޭ ކަންތައްތަކެއް ހިމެނެއެވެ. އޭގެތެރޭގައި، މަސައްކަތުގެ ބާވަތުންނާއި، މެދުވެރިވާ ހާއްސަ ހާލަތްތަކުގެ ސަބަބުން، އާންމު އުސޫލުން މަސައްކަތަށް ހާޒިރުވުމަކާ ނުލައި ފްލެކްސިބަލް އަދި ރިމޯޓް ވޯކިންގެ އުސޫލުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރެވޭނޭ ގޮތް ހަމަޖައްސައިދިނުމަށް ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރޯދަ މަހުގެ ފަހު ދިހަ ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަޝްއޫލުވެގެން އުޅޭ ދުވަސްވަރު ކަމަށްވާތީ އާއި މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި އެ ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން "ވޯކް ފްރޮމް ހޯމް" މޮޑަލިޓީއިން މަސައްކަތް ކުރާ ގޮތަށް ކަނޑައެޅުމަށް ވަނީ ހަމަޖައްސާފައެވެ.

އެ ސިޔާސަތުގެ ދަށުން ދައުލަތުގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތުގެ ދަށުން ދައުލަތުގެ ހުރިހާ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހާ ފަންނުތަކަކަށް ބޭނުންވާ ޖޮބް މެޓްރިކްސްތައް އެކުލަވާލައި، އެއްހަމަ މުސާރައިގެ މިންގަނޑުތަކެއް ގާއިމުކޮށް، މުސާރަތަކަށް ގެންނަންޖެހޭ ކުރިއެރުންތައް ގެންނަ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ހަމަމިއާއެކު، ވަޒީފާއާ ބެހޭ ގާނޫނަކީ ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ފުރިހަމަގޮތުގައި ހޯދައިދޭ، ހިންގުމުގެ ނިޒާމުތަކަށް އައިސްފައިވާ ކުރިއެރުންތައް އެކުލެވޭ، ފްލެކްސިބަލް އަސާސްތަކެއްގެ މައްޗަށް ބައްޓަންކުރެވިފައިވާ ގާނޫނެއްގެ ގޮތަށް ބަދަލުކުރުމަށްޓަކައި ގާނޫނު އިސްލާހުކުރުން ވެސް ހިމެނެއެވެ.

ސަރުކާރުގެ ވެރިކަން ހިންގުމުގެ ބާރުގެ ސިޔާސަތުތައް ހަލުވިކަމާ އެކު ތަންފީޒުކުރެވޭނެ އެފިޝަންޓް ނިޒާމަކަށް ބަދަލު ކުރާނެ ކަމަށް ވައުދުވެ ވަޑައިގަންނަވާފައެވެ. އަދި ސަރުކާރުގެ ރެގިއުލޭޓަރީ ނިޒާމަކީ ޒަމާނީ ހިންގުމުގެ ގޮތަށް ބައްޓަންކޮށްފައިވާ ފްލެކްސިބަލް އަސާސްތަކުގެ މައްޗަށް އޮންނަ ނިޒާމަކަށް ބަދަލު ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ރައީސް ސާލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.