ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ކްރެޑިޓް ރޭޓިންގ، ފިޗް އިން ދަމަހައްޓައިފި

2

ފިޗް ރޭޓިންގސް އިން ރާއްޖެއަށް ކަނޑައަޅާފައިވާ B+ ސޮވްރިން ކްރެޑިޓް ރޭޓިންގ ދަމަހައްޓައިފިއެވެ. މިއީ 2017 ވަނަ އަހަރު ކަނޑައެޅި އިނީޝަލް ރޭޓިންގެ ފަހުން މި އަހަރު ކުރި ރިވިއުގައި ދީފައިވާ ރޭޓިންގެވެ.

ސޮވްރިން ކްރިޑިޓް ރޭޓިންގަކީ ދައުލަތެއްގައިވާ ދަރަނި އަނބުރާ އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު އަންދާޒާކުރުމަށް، އެ މަސައްކަތަށް ޚާއްސަ މިނިވަން އިދާރާއެއް މެދުވެރިކޮށް ތައްޔާރުކުރާ އެސެސްމަންޓްގެ ނަތީޖާއަށް ކިޔާ ނަމެކެވެ. ކްރެޑިޓް ރޭޓިންގ ތައްޔާރުކުރުމުގެ ދުނިޔޭގެ ސިނާއަތުގެ 95 އިންސައްތަ ހިއްސާކުރާ ތިން ކުންފުނިން ކުރެ، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ މޫޑީސް އިންވެސްޓަރސް ސަރވިސް (މޫޑީސް) އާއި ފިޗް ރޭޓިންގސް (ފިޗް) އަށެވެ. މި ދެ ކުންފުނިން ދަނީ ކޮންމެ އަހަރަކު (މޫޑީސް 2016 އިން ފެށިގެން އަދި ފިޗް އިން 2017 އިން ފެށިގެން) ރާއްޖެއާގުޅޭ ގޮތުން އާންމުކޮށް ލިބެން ހުންނަ ތަފާސްހިސާބާއި މަޢުލޫމާތު އިތުރަށް ރާއްޖެއަށް ޒިޔާރާތްކޮށް، ކަމާބެހޭ އޮފީސްތަކާއި ރާއްޖެއާ ގުޅުންހުރި ބޭރުގެ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ހޯދަމުންނެވެ. މިގޮތުން ފިޗް އިން ވަނީ މި އަހަރު އޭޕްރީލްގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

Advertisements

ފިޗް އިން އެ ކުންފުނީގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުން “B+” ރޭޓިންގ ދަމަހައްޓާފައިވަނީ ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި، ރާއްޖެއިން ކުރަމުންދާ ޚަރަދުގެ ނިސްބަތުން ބަލާއިރު ބޭރުފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް، އެއާ އެކަށޭނަ ވަޞީލަތްތައް ރާއްޖޭގައި ހުރިކަމުގައި ފާހަގަކުރެވޭތީއެވެ. މިގޮތުން ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން (ޖީޑީޕީ) އިތުރުވަމުންދާ މިންވަރާއި، ކުރިއަރަމުންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބެމުންދާ އާމްދަނީ އިތުރުވާނެ ކަމަށް ކުރެވޭ އަންދާޒާއާއި ރާއްޖޭގެ ސްޓްރަކްޗަރަލް އިންޑިކޭޓަރުތަކުގެ ދުޅަހެޔޮކަން ފިޗް އިން ރާއްޖޭގެ ރޭޓިންގާމެދު ނެރެފައިވާ ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

ފިޗްގެ މި ނިންމުމުން ދިވެހި ސަރުކާރުގެ ސިޔާސަތުތަކަށް އެފަރާތަށް އޮތް އިތުބާރު ދައްކުވައިދެއެވެ. މިގޮތުން ފިޗް އިން ވަނީ ކުރިއަށްވުރެ ސްޓްރެޓީޖިކް އަދި ދެފުށްފެންނަ އުސޫލަކުން ދައުލަތުގެ ޚަރަދުތައް ކުރުމަށް ކުރަމުންދާ މަސައްކަތާއި، ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުން، އޭގެ މަންފާ ހުރިހާ ރައްޔިތުންނަށްވެސް ކުރާނެފަދަ ގޮތަކަށް، ބަދަހިކުރުމަށް ކުރެވެމުންދާ މަސައްކަތާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކޮށްފައެވެ. މީގެ އިތުރުން މި ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޢުމްރާނީ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ފިޗްގެ ރޭޓިންގައި ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތައްވެސް ހިމަނާފައިވެއެވެ. މިގޮތުން ޚާއްސަ ގޮތެއްގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވުމުގެ ސަބަބުން އެ ސިނާއަތަށް އަންނަ ލޮޅުމަކުން ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ދިވެހިރާއްޖޭގެ ދަރަނި އިތުރުވުމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކެވެ. ފިޗް އިން ފާހަގަކޮށްފައިވާ ގޮންޖެހުންތަކަށް ސަމާލުވެ، ދިވެހި ސަރުކާރުން މިހާރުވެސް ދަނީ އެކަމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން އަޅަމުންދާ އަދި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ތިން ކަމެއް ފާހަގަ ކުރަމެވެ. އެއީ ދިވެހި ސަރުކާރުގެ މެދުރާސްތާގެ ތަރައްޤީގެ ޕްލޭން ހިއްސާކޮށް، ދިވެހިރާއްޖޭގައި ހުރި ފުރުސަތުތަކާ މެދު މަޢުލޫމާތު އެރުވުމަށް ބޭރުގެ އިންވެސްޓަރުންނަށް ދައުވަތު އަރުވައިގެން ޕާޓްނާޝިޕް ފޯރަމެއް މި ހިނގާ އަހަރުގެ މެދުތެރޭގައި ބޭއްވުމަށްވަނީ ޤަސްދުކުރެވިފައިވެއެވެ. މިއީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކުރުމަށް ހުޅުވިގެންދާނެ އިތުރު ދޮރެކެވެ. ދެވަނަ ކަމެއްގެ ގޮތުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް ފާހަގަކޮށްލަމެވެ. ދިވެހިރާއްޖޭގެ ދަރަނި އަދާކުރުމަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު ޤާއިމުކޮށްފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް މިހާރުވެސް ދަނީ ދައުލަތުގެ އާމްދަނީގެ ބައެއް، އެކަމަށް ޚާއްސަކޮށްގެން އެ ފަންޑުގައި ރައްކާ ކުރެވެމުންނެވެ. ތިންވަނަ ކަމެއްގެ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް އަތުވެދާނެ ލޮޅުންތަކުން ރައްކާތެރިވުމަށާއި އެ ސިނާއަތް އިހުނަށްވުރެ ބޮޑަށް ޕްރޮމޯޓްކުރުމަށް ކުރާ ޚަރަދު، ސަރުކާރުން އިތުރުކޮށްފައިވުން ފާހަގަކޮށްލަމެވެ.

ސޮވްރިން ކްރެޑިޓް ރޭޓިންގަކީ އެ ޤައުމެއްގެ ހުރިހާ ވިޔަފާރިތަކާއި މާލީ ހަރަކާތްތަކެއް އެއާއި ބެންޗްމާކު ކުރެވޭ އާންމު މުދަލެއް (ޕަބްލިކް ގުޑް)އެކެވެ. ވުމާއެކު ރޭޓިންގެ ސަބަބުން ލިބޭ މަންފާ މުޅި އިޤްތިޞާދަށް ބެހިގެންދެއެވެ. އެހެންކަމުން ކްރެޑިޓް ރޭޓިން ދަށްވިޔަ ނުދީ ދެމެހެއްޓުމަށާއި މިހާރަށްވުރެ ރަނގަޅުކުރުމަށް ސަރުކާރާ ގުޅިގެން އަމިއްލަ ވިޔަފާރިތަކާއި އާންމު ފަރުދުންވެސް މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. މިގޮތުން ރޭޓިންގ އިތުރަށް ރަނގަޅުކުރުމަށް ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި، ޤައުމުގެ ތަރައްޤީއަށް ފަހި މާހައުލެއް ޤާއިމުކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް މަސައްކަތްކުރަން ޖެހެއެވެ.

Advertisements

2 COMMENTS

  1. މަރުހަބާ އަމީރު. ވަރަށް ރަނގަޅު މަސައްކަތެއް. ޔޫކޭންޑޫ ބްރޯ

  2. އަމީރޫ ކަލޭ ހާދަ ފައްކަލޭ ދޯ؟ ރަނގަޅު މަސައްކަތެއް އިނގޭ

Comments are closed.