މިނިވަން އުފާ ކާނިވަލުގެ ނިމުން ފާހަގަކުރުމަށް މިރޭ 9:00 ގައި ފަސްމިނެޓަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވާއަރުވައިފިއެވެ.

ހޯމް މިނިސްޓްރީއާއި އާބަންކޯ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މިނިވަން އުފާ ކާނިވާ ފެށުނީ ހަ ދުވަހުގެ ކާމިޔާބު އުފާވެރި މުނިފޫހިފިލުވައިދިނުމަކަށްފަހު މިރޭ ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިދިޔަ ހޮނިހިރު ދުވަހު ހުޅުވި މި ކާނިވަލުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގިނަ ތަފާތު ކުޅިވަރުތަކެއް ކުރިއަށް ގެންދާއިރު ކާނިވަލުގައި ގިނަ އަދަދެއްގެ ކާބޯތަކެތި ވިއްކާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންވެސް ވަނީ ބައިވެރިވެފައެވެ. މިކާނިވަލުގައި އޯތެންޓިންކް މޯލްޑިވްސްގައި ރަޖިސްޓްރީވެގެން ހިންގާ ދިވެހިންގެ އަމިއްލަ އުފެންދުންތައް ދައްކާލަން ސްޓޯލްތަކެއްވެސް ހާއްސަކޮށްފައިވެއެވެ.

މިނިވަން އުފާ ކާނިވަލުގައި އެންމެބޮޑު ތަރުހީބެއް ލިބެމުންދާ އެމްއެންޑީއެފްގެ ފަރާތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ މިނީ ޓްރޭނިން ގްރައުންޑާއި ގޭމްވޯޑްއިން ކުރިއަށް ގެންދާ ޑިޖިޓަލް ގޭމްތަކާއި ލޭޒާ ގޭމްގެ އިތުރުން އެތައް ބައެއްގެ ހާއްސަ ސަމާލުކަމެއް ހޯދަމުންދާ ބިރުވެރި ހޮހަޅަވެސް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ކޮންމެ ރެއަކު ކުރިއަށް ގެންދާ ސްޓޭޖްގެ ހަރަކާތްތަކާއި ސްޓޭޖް ޝޯގައި ދިވެހި ފަންނާނުންގެ ބޮޑުބެރު، ދިވެހި ލަވަކިޔުންތެރިންގެ އިތުރުން ރާއްޖެއިން ބޭރުގެ ބައެއް ފަންނާނުންގެ މެޖިކް ޝޯ އަދި އަލިފާނުގެ ކުޅިވަރުތަކަށް ދެޖިންސުގެ ޒުވާނުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.

މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބާގައި މި ދިޔަ ހޮނިހިރުދުވަހުގެ ރޭ ރައީސް އިބްރާހީމްމުހައްމަދު ސާލިހު ހުޅުއްވައިދެއްވި "މިނިވަންއުފާ" މިއީ ސްކޫލުތައް ހުޅުވުމުގެކުރިން ދަރިވަރުންނަށްވެސް ލިބިގެންދިޔަ ވަރަށްބޮޑު އުފާވެރިކަމެކެވެ. ހަމައެހެންމެ، ކޮންމެ ދުވަހަކު ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ކުރިއަށް ގެންދާ މި ކާނިވާ ހަ ދުވަހާއި ހަ ރޭ ނިމިގެންދާއިރު ފެނިގެންގޮސްފައި މިވަނީ ވަރަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަތަނެވެ.