މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވަރލްޑް ކަޕުގައި ކްރޭޝިޔާ ގައުމީ ޓީމުން ވިދާލި ޒުވާން ޑިފެންޑަރު ހޮސްކޯ ގަވަޑިއޯލް ގެނައުމަށް ކުރި މަސައްކަތް މެންޗެސްޓަރ ސިޓީއިން އެންމެފަހުން ކާމިޔާބު ކޮށްފިއެވެ.

ޕްރިމިއަރ ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގްވެސް މިދިޔަ ސީޒަނުގައި ހޯދި މެންޗެސްޓަރ ސިޓީއިން ގަވަޑިއޯލް އެކްލަބަށް ގެނައީ އޭނާ ކުޅެމުންދިޔަ ޖަރުމަނުގެ ލައިޕްޒީގަށް 77.6 މިލިޔަން ޕައުންޑް ޓްރާންސްފާ ފީ އަށް ދެއްކުމަށްފަހުއެވެ.

ގަވަޑިއޯލް،21، މިވަގުތު ހުރީ ސިޓީގެ ކޮންޓްރެކްޓުގައި ސޮއި ކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ މެޑިކަލް ޓެސްޓް ހެދުމަށް އިނގިރޭސިވިލާތުގައެވެ. މެޑިކަލް ޓެސްޓަށްފަހު މިއަދުގެ ވަގުތެއްގައި ސިޓީގެ ކޮންޓްރެކްޓުގައި ގަވަޑިއޯލް ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓްރާންސްފާ މާކެޓުގެ އެހެނިހެން ޚަބަރުތަކަށް ބަލާއިރު ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ މެޑިކަލް ޓެސްޓްތައް ހެދުމަށް ވިންގަރ އޮސަމާނޭ ޑެމްބެލޭ މިވަގުތު ހުރީ ޕެރިހުގައެވެ.