މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ކޯލިޝަން ޕީޕީއެމްގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމުގެ ހުށަހެޅުއްވި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލުކުރީ ރަނގަޅަށް ކަމަށާއި އެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އެދިއްޖެއެވެ.

މިއަދު ހަވީރު 3:45 އިން ފެށިގެން ސުޕްރީމް ކޯޓުގައި އަދިވެސް ކުރިއަށްދާ ޔާމީންގެ ފަރާތްފުޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލާގައި އެކޯޓުގައި މިއަދު ހަވީރު 3:45 އިން ފެށިގެން އަދިވެސް ކުރިއަށްދާ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަދައްކަވަމުން އެޓާނީ ޖެނެރަލް އޮފީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ހަދީޖާ ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވާ މީހުންގެ ބައެއް ހައްގުތައް ހިފެހެއްޓިގެންދާނެ ކަމަށެވެ. ހަދީޖާ ވިދާޅުވީ ގާނޫނުއަސާސީ މާނަކުރުމުގައި އޮޅުން އަރާނަމަ ދެން ޖެހެނީ އޭގެ އަސްލު މާނައަށް ބަލައިގެން ތަރުޖަމާކުރަން ކަމަށާއި އެގޮތުގައި ބެލުމަށް ރިއާޔަތްކުރަން އޮޅުން އަރާ މާއްދާ ލިޔެފައިވާ ނިޔަތަށް ކަމަށެވެ.

އޮޅުން އަރާ މާއްދާގެ ނިޔަތަށް ބަލާ އިރު އެ މާއްދާ ގާނުނު އަސާސީގައި ހިމަނައިފައި ވަނީ ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ ފަރާތްތަކަށް އިންތިހާބީ މަގާމެއްގައި ނުވަތަ އޭނުން ވެސް ބޮޑު މަގާމެއްގައި ނުހުރެވޭނެ ގޮތް ހެދުން ކަމަށްވެސް ވިދާޅުވިއެވެ. އަދި ޔާމީންގެ ފަރާތުން މައިގަނޑު ގޮތެއްގައި ވަކާލާތުކުރައްވަމުން ދަނީ ކެންޑިޑޭޓެއްގެ ޝަރުތު އުނިވާ ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ "ހުކުމެއް ކުރެވިފައިވާ" ބަހުގެ މާނައަކީ މީހެއްގެ މައްޗަށް ނިހާއީ ހުކުމެއް އޮންނަ މީހެއްގެ ވާހަކަ ކަމަށް ހަދީޖާ ވިދާޅުވިއެވެ.

ޔަމީން ވިދާޅުވާގޮތުގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ އެގާރަ އަހަރުގެ ހުކުމް އިސްތިއުނާފު ކޮށްފައިވުމުން އެއީ ނިހާއީ ހުކުމެއް ކަމަށް ނުބެލެވޭނެތީ، އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވާ ކަމަށް ހަދީޖާ ވިދާޅުވިއެވެ. އެހެންނަމަވެސް ގާނޫނުއަސާސީގެ މަގުސަދަކީ އިންތިހާބީ މަގާމަކަށް ނުވަތަ އެ ނޫންވެސް މަގާމަކަށް ކުރިމަތިލާ އަދި އައްޔަންކުރާ މީހަކީ ޖިނާއީ ބޮޑު ހުކުމެއްގައި ނެތް މީހަކު ކަމުގައިވުން ކަމަށް ހަދީޖާ ވަނީ ވިދާޅުވެފައެވެ.

ހަދީޖާ ވިދާޅުވީ ގާނޫނުއަސާސީގައި ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތެއް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ހާލަތްތަކުގައި، ދެން ކަންތައް ކުރަންވީ ގޮތް ބަޔާންކޮށްފައި ނުވަނީ ސަބަބުތަކެއް އޮތުމުންކަމަށެވެ. އެއްވެސްހާލެއްގައި އެގޮތް ބަޔާންކޮށްފައި ނުވަނީ އެކަންތައްތައް ނޭނގިގެން ނޫން ކަމަށްވެސް ހަދީޖާ ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 127 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކުށުގެ ޒިންމާ އުފުލަންވާނެކަން ފާހަގަ ކުރައްވައި ހަދީޖާ ވިދާޅުވީ އެ މާއްދާގައި އިތުރަށް އޮތީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވިއްޖެނަމަ ދެން އަމަލުކުރަންވީ ގޮތްކަމަށެވެ.

މިކަންތައްތައް ފާހަގަކުރައްވައި ދައުލަތުން އެދުނީ އިލެކްޝަން ކޮމިޝަންގެ ނިންމުން ބަދަލުކުރަން ޖެހޭނެ ގާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ޔާމީންގެ ފޯމު ބާތިލުކުރީ ގާނޫނާ ހިލާފަށް ނޫންކަމަށް ކަނޑައަޅައިދިނުމަށެވެ.

މިހާރު މިއަޑުއެހުން ވަނީ ނިމުމަކާހަމައަށް ގޮސްފައެވެ. މިހާރު ސުޕްރީމްކޯޓުގައި ކުރިއަށްދާ ރައީސްޔާމީންގެ ކެންޑިޑެސީ އީސީން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތުގައި މިހާރު ކުރިއަށްދަނީ ސުޕްރީމްކޯޓުުން ނިންމާނިންމުން އިއްވުމުގެ ފަހުގެ ވާހަކަތަކެވެ.