ރަޝިޔާގެ ކަނޑުގެ ސަރަހައްދުން މިއަދު ދަތުރި ކުރި އެގައުމުގެ ޓޭންކަރަކަށް ޔޫކްރޭނުން ހަމަލާދީ އިންޖީން ރޫމް ހަލާކު ކޮށްލައިފިއެވެ.

ޔޫކްރޭނުން ދިން ހަމަލާއެއްގައި ރަޝިޔާގެ ޓޭންކަރެއްގެ އިންޖީން ރޫމް ހަލާކުވެފައިވާކަން ރަޝިޔާގެ ނޮވޮރޮސިސްކުގެ މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ވަނީ އެގައުމުގެ މީޑިޔާތަކަށް ކަށަވަރު ކޮށްދީފައެވެ.

ނޮވޮރޮސިސްކްގެ މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ބުނީ ޓޭންކަރުގެ އިންޖީނު ރޫމް ހަލާކުވެފައި ވަނީ ކެރްޗް ސްޓްރެއިޓްގައި ޔޫކްރޭނުން ދިން ހަމަލާއެއްގެ ސަބަބުން ކަމަށެވެ

"ކްރެޗް ސްޓެއިޓުގައި ޓޭންކަރަކަށް ޔޫކްރޭނުން ދިން ހަމަލާއެއްގައި ޓޭންކަރުގެ އިންޖީނު ރޫމް ހަލާކުވެފައި އޮތީ. މާބޮޑު ގެއްލުމެއް ނޫން، އެކަމަކު ހަލާކުވެފައި އޮތީ. މިހާދިސާގައި އެއްވެސް ފަޅުވެރިޔަކަށް ގެއްލުމެއް ނުލިބޭ" މެރިން ރެސްކިއު ސެންޓަރުން ބުންޏެވެ.

ޔޫކްރޭނުގެ ހަމަލާއެއް ރަޝިޔާގެ ޓޭންކަރަށް އަމާޒުވެފައި މިވަނީ ޔޫކްރޭނުން ރަޝިޔާއާ ދެކޮޅަށް ފަށާފައިވާ ކައުންޓަރ އޮފެންސިވްގައި އިއްޔެގެ ވަގުތެއްގައި ޔޫކްރޭނުން ދިން އެހެން ހަމަލާއެއްގައި ރަޝިޔާގެ އަސްކަރީ މަނަވަރެއް ފައްތާލާފައިވާ ދަނޑިވަޅެއްގައެވެ.