ފުރާނައިގެ ކާނާ: ތާރީޚް ބަދަލުކުރުން

ބީ. ޓުޗްމާން ލިޔުއްވާފައިވާ ގޮތުގައި ތާރީޚަކީ ނުބައި ލަފާކުރުންތަކެއް ފެންނަމުންދާ ދިއުމެކެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ ޢާންމު ގޮތެއްގައި ތާރީޚް ބަދަލުވެގެން ދަނީ އިންސާނުން އުއްމީދު ކުރާ ގޮތާ ޚިލާފު ގޮތަކަށެވެ. ހާދިސާތައް ހިނގަމުންދާއިރު މަންޒަރު ދެކެންތިބޭ މީހުން އެ މީހުންނަށް ފެންނަ ގޮތްތައް ހާމަ ކުރަމުން ދެއެވެ. އެހެން ނަމަވެސް ތާރީޚް ބަދަލު ވެގެން ދަނީ އެ މީހުން ބުނާހައި ގޮތަކަށް ނޫނެވެ. އެންމެ ފަހުން ކަންތައްތައް ނިމިގެން ދަނީ އިންސާނުން އުއްމީދު ކުރި ގޮތާ ދިމާ އިދިކޮޅު ގޮތަކަށެވެ.

މި ދެންނެވި ބަހުގެ މިސާލެއް އިސްލާމީ ތާރީޚުން ނަގަމާތޯއެވެ؟ ގުރައިޝް ވަންހައިގެ މީހުންނާއި ކީރިތި ރަސޫލާ މުޙައްމަދު ސައްލަ އަލައިހި ވަސައްލަމް އާ މެދު ހުދައިބިއްޔާގެ ސުލްހަނާމާ އެކަށައެޅުނީ ހިޖުރައިން 6 ވަނަ އަހަރުއެވެ. އެ ސުލްހަނާމާ ގައި ސޮއިކުރި ދުވަހު ގުރައިޝްވަންހައިގެ މީހުން ހީކުރީ، މުސްލިމުން އެ ސޮއިކުރަނީ މުސްލިމުންގެ އަމިއްލަ ހަލާކުގެ ލިޔުމުގައި ކަމަށެވެ. އެހެނީ މުސްލިމުން އެ ދުވަހު އެއްބަސްވީ ގުރައިޝްވަންހައިގެ މީހުންނަށް ފައިދާ ހުރި އެއްބަސް ވުމަކާއެވެ. އެހެން ނަމަވެސް އެ ސުލްހަނާމާ ފަހުން ވެގެންދިޔައީ މުސްލިމުންނަށް ލިބުނު މަތިވެރި ކާމިޔާބީ އަށެވެ. ތާރީޚަށް ބަލާއިރު މިކަހަލަ އެތައް މިސާލެއް ފެންނާން އެބަހުއްޓެވެ. އެމެރިކާއިން ޖަޕާނުގެ ހީރޯޝިމާ އަށާއި ނަގަސާކީ އަށް އެޓަމް ބޮމް އެޅީ 1945 ވަނަ އަހަރުއެވެ. އެދުވަހު އެމެރިކާއަށް ހީކުރެވުނީ އެ އޅިފުނިން ޖަޕާނަށް އަރައި ގަނެވޭނީ އެތައްސަތޭކަ އަހަރެއް ފަހުން ކަމުގައެވެ. އެކަމަކު އެހެނެއް ނުވިއެވެ. އެއްމެ ސާޅީށް ފަސް އަހަރު ފަހުން، މިހާރު ޖަޕާނު ވެފައި ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދީ އަދި ސިނާޢީ ބާރު ކަމުގައެވެ.

Advertisement

މި މިސާލުތަކުން އެނގެނީ އިންސާނާގެ ތާރީޚް ލިޔަނީ އަމިއްލަ އަށް ނޫންކަމެވެ. އިރާދަ ކުރައްވާ ގޮތަކަށް އިންސާނާގެ ތާރީޚް ބައްޓަން ކުރައްވައި ހިންގަނީ ﷲ ސުބުހާނަހޫ ވަޠަޢާލާ އެވެ. ހާދިސާތަކާއި ދުނިޔޭގެ ކަންތައްތައް ކުރިއަށް ދާ ގޮތް ކޮންޓްރޯލް ކުރަނީ އިންސާނުން އަމިއްލައަކަށް ނޫނެވެ. ތާރިޚުގެ ފަތްފުށްތައް އަޅުގަނޑުމެންގެ ކުރިމަތީގައި ނިއުޅެމުންދާތަން ފެނެއެވެ. އެހެން ނަމަވެސް  ހާދިސާތައް ހިންގަމުންދާނޭ ގޮތް ކަނޑައެޅެނީ މި ދުނިޔެއަކު ނޫނެވެ. އެއި އިލާހީ ނިންމުމެކެވެ. އެއީ އަލުގަނޑުމެންގެ ވިސްނުން ފޯރާވަރަށް ވުރެ މާ މަތީގައިވާ ކަމެކެވެ.

ދުނިޔޭގައި އުޅޭ އުޅުމުގައި ނާކާމިޔާބީއާއި ކުރިމަތިލާ މީހުންނަށް މި ހާދިސާތަކުން ލިބޭނޭ އިބްރަތްތަކެއް އެބަ ހުއްޓެވެ. ތަޖުރިބާ އިން އެނގިފައިވާ ގޮތުގައި އަލިފާން ފަރުބަދައިން ބުރައިގެންދާ އަލިފާން ކަނީގައި އެތައް އަހަރުވާންދެން ހޫނުކަން ދެމި ހުރެއެވެ. އެއްޗެއް ނެތިގެން ދިއުމަކީ އެ އެއްޗެއް މުޅިން ފަނާވެގެން ދިޔުމެއް ނޫނެވެ. އެ އެއްޗަކުން އެހެން އެއްޗެއް އުފެދިގެން ދާތަން އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެނެއެވެ.

ދިމާވާ ކަމެއްގެ ސަބަބުން އުއްމީދު ކަނޑައިލުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. ތާރީޚުގެ ސަފްހާތައް އުކިގެންދާ އިރު މަންޒަރު ބަދަލުވެގެން ދިޔުމަކީ އެކަށީގެން ވާކަމެކެވެ. ގިނަ ފަހަރަށް ކަންތައްތައް ބަދަލުވެގެން ދަނީ އަޅުގަނޑުމެން ހީކޮށްގެން ތިބޭ ގޮތާ މުޅީން ތަފާތު ގޮތަކަށެވެ.

Advertisements