ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ކުށުގެ ރެކޯޑު ސާފު ކުރެއްވުމަށް ހުށަހަޅުއްވައިފިއެވެ. ޑރ ވަހީދުގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅާފައި މިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖެހިދާނެ ކަމަށް ބަލާފައެވެ.

ޑރ. ވަހީދު މި ފޯމު ހުށަހެޅުއްވީ މިއަދުގެ ވަގުތެއްގައި ކަމަށްމައުލޫމާތު ލިބިފައިވެއެވެ. ޕީޕީއެމްގެ ފަރާތުން ޕްލޭން ބީ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނެވުމަށް ޑރ ވަހީދު ތައްޔާރުވެވަޑައިގަންނަވާ ކަމަށް ވަނީ އަޑުފެތުރިފައެވެ.

ޑރ ވަހީދު ކުށުގެ ރެކޯޑު ސާފުކުރައްވަން ހުށަހެޅުއްވިއިރު ޕީޕީއެމްއާއެކު ކޯލިޝަން ހަދާފައި އޮންނަ ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓު، މެންބަރު ހުސެން މުހަންމަދު މިއަދު އިއުލާނު ކުރައްވާފައެވެ.

އިންތިހާބަށް ވާދަކުރުމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތު މިމަހުގެ ހަތްވަނަ ދުވަހަށް ހަމަވާއިރު ކުރިމަތިލައްވާފައި ތިއްބެވި ފަރާތްތަކުން ދަނީ އިންތިހާބުގެ އެހެނިހެން ކަންތައްތައް އަވަސްމިނެއްގައި ނިންމުމަށް މަސައްކަތް ކުރައްވަމުންނެވެ.

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވައި، އީސީއަށް ފޯމު ހުށަހެޅުއްވީ ރައީސް ޔާމީންނެވެ. ނަމަވެސް އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާތީ ރައީސް ޔާމީން ޝަރުތު ހަމަނުވާކަމަށް ވަނީ ނިންމާފައެވެ. މިމައްސަލަ މިހާރު ސްޕްރީމް ކޯޓުގައި ދަނީ ހިނގަމުންނެވެ.