އޮސްޓްރޭލިޔާ އާއި ނިއުޒީލެންޑުގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވަރލްޑް ކަޕުގެ ކުއާޓާފައިނަލުގެ ފުރަތަމަ ދެޖާގަ ޖަޕާނާއި ސްޕެއިން މިއަދު ހޯދައިފިއެވެ.

މިފަހަރުގެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖަޕާނުން ކުއާޓާފައިނަލުގެ ޖާގަ ޔަގީން ކުރީ މީގެ ކުޑައިރުކޮޅެއް ކުރިން، ދެވަނަ ބުރުގައި ނޯވޭގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ. ޖަޕާނުގެ ފުރަތަމަ ލަނޑަކީ މެޗުގެ 15 ވަނަ މިނެޓުގައި ނޯވޭގެ އެންގްރިޑް އެންގެން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަސް މިނެޓް ފަހުން ގުރޯ ރެއިޓަންގެ ލަނޑުން ނޯވޭއިން ނަތީޖާ ހަމަހަމަ ކުރިއެވެ.

ޖަޕާނުން ދެވަނަ ހާފަ ފަށައިގެން 5 ވަނަ މިނެޓުގައި ލީޑް ނެގީ ރިސާ ޝިމުޒޫގެ ލަނޑުންނެވެ. މިލަނޑަށްފަހު ނޯވޭއިން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. މީގެ ފައިދާ ނަގައި ޖަޕާނުން ލީޑް ފުޅާ ކުރީ 81 ވަނަ މިނެޓުގައި ހިނާޓާ މިޔަޒަވާގެ ލަނޑަކުންނެވެ.

މިފަހަރު ޗެމްޕިއަންކަން ހޯދާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިނުން ކުއާޓާގެ ޖާގަ ޔަގީން ކުރީ ފަސޭހަކަމާއެކު ސްވިޓްޒަލޭންޑުގެ މައްޗަށް 5-1 އިން ކުރި ހޯދައިގެންނެވެ. ސްޕެއިނުން ކާމިޔާބު ކުރި 5 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބު ކޮށްދިނީ އައިޓަނާ ބޮންމަތީއެވެ. އަނެއް ތިން ލަނޑު ޖެހީ އަލްބާ ރިޑޮންޑޯ އާއި ލައިއާ ކޯޑީނާ އަދި ޖެނިފާ ހާމޯސޯއެވެ. ސްވިޓްޒަލޭންޑުގެ ހަމައެކަނި ލަނޑަކީ ސްޕެއިނުގެ ކޯޑީނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ކުއާޓާފައިނަލުގައި ޖަޕާން ބައްދަލު ކުރަން ޖެހޭނީ އެމެރިކާ އާއި ސްވިޑަން މާދަމާ ބައްދަލު ކުރާ މެޗުން މޮޅުވާ ގައުމަކާއެވެ. ސްޕެއިން ބައްދަލު ކުރަން ޖެހޭނީ ނެދަލޭންޑްސް އާއި ދެކުނު އެފްރިކާ މާދަމާ ބައްދަލު ކުރާ މެޗުން މޮޅުވާ ގައުމަކާއެވެ.