ފުރާނައިގެ ކާނާ: ގުދުރަތުގެނިޔާ

ކޮޓަރިކޮޅު ބަންދު ކުރައްވާފައި ދެތިން ހަފްތާ ވަންދެން ބަހައްޓަވާފައި ހުޅުވައިލައްވާށެވެ. ފެނިވަޑައިގަންނަވަނީ ކޮން އެއްޗެއްތޯއެވެ؟ މުޅި ކޮޓަރިކޮޅުން ފެނިވަޑައިގަންނަވާނީ ހިރަފުހުގެ ފަށަލަތަކެކެވެ. މިއީ ހިތްޕުޅު ހަމަ ޖެހޭ މަންޒަރަކަށް ނުވާނެ އެވެ.

ކޮޓަރިކޮޅުން ހިރަފުސް ފޮޅުއްވައި ސާފު ކުރެއްވުމަށް ފަހު ނޫނީ އެ ކޮޓަރިކޮޅުގައި އުޅުއްވާ ހިތްޕުޅެއް ނުވާނެކަން ގައިމެވެ. ހަމަ އެ ފަދައިން މޫނުފުޅަށް ވަޔާއެކު އަރާ ހިރަފުސް ވެސް ފޮޅުއްވައި ސާފުކޮށް ދޮންނެވުނީމާ ނޫނީ ހިތްޕުޅަކަށް ހަމަޖެހުމެއް ލިބިވަޑައެއް ނުގަންނަވާނެ އެވެ.

Advertisement

އަޅުގަނޑުމެންނަށް މި އުނދަގޫ ކުރާ ހިރަފުހަކީ ޙަޤީޤަތުގައި ކޮން އެއްޗެއްތޯއެވެ؟ އެއީ ބިމުގައި ހުންނަ ވެލި ނުވަތަ މަށީގެ ހިމުން ވައްތަރެކެވެ. ވެލި ނުވަތަ މަށްޓަކީ އަޅުގަނޑުމެން ކާން މި ގެންގުޅޭ ތަރުކާރީ އާއި މޭވާ އާއި އެ ނޫންވެސް ބާވަތްތައް ހައްދަން ބޭނުންވާ އެއްޗެކެވެ. މި ވެލި ނުވަތަ މަށި ދުނިޔޭގެ ބިމުގައި ލައްވާފައި ނުވާ ނަމަ އަޅުގަނޑުމެންނަކަށް ދިރިއެއް ނޫޅެވުނީހެވެ.

ބިމުގައި ހުންނަ ފެން އާވްތަށް ވެގެން ޖައްވަށް އަރައިގެން ގޮސް ކޮޅި ގަނޑު ގަނޑަށް ވަނީ މި ދެންނެވުނު ހިރަފުސް ޖައްވުގެ ތެރޭގައި ހުންނާތީ އެވެ. ބިން ތާޒާކަން މަތީގައި އޮންނަނީ ވާރޭ ވެހޭތީ އެވެ. ވާރޭ ވެހެނީ ކޮޅިގަނޑު އުފެދިގެންނެވެ. ވާރެއާ ނުލައި ބިމުގައި ދިރުމެއް ނުހުންނާނެ އެވެ. ވާރޭ ވެހެނީ ޖައްވުގައި ހިރަފުސް ހުންނާތީ އެވެ.

އިރު އަރާ އިރުގައްޔާއި އިރު އޮއްސޭ އިރު އުޑުމަތީން އެ ފެންނަ ރީތި ރަތް ކުލައަކީ ޖައްވުގައި ހިރަފުސް ހުންނާތީ ފެންނަ ރަތް ކުލަ އެކެވެ. ވުމާއެކު ހިރަފުހަކީ އަޅުގަނޑުމެންނަށް އެތައް ފައިދާއެއް ލިބޭ އެއްޗަކަށް ވާ ފަދައިން ދުނިޔެ ރީތި ކޮށް އޮންނަނީ ވެސް ހިރަފުހުގެ އެހީ ވަރަށް ބޮޑަށް ލިބިގެންނެވެ.

މި މިސާލުން އަޅުގަނޑުމެންނަށް ސާފުކޮށް އެނގެނީ ހިތްހަމަ ނުޖެހޭ ކަހަލަ ކަންތައްތަކާއެކު އަޅުގަނޑުމެންގެ ހިތަށް ފިނިކަމާއި އަރާމު ލިއްބައިދޭ ކަންތައްތައް ވެސް އެއް ކަމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވައިފައިވާ ކަމެވެ. ފިނިފެންމަލަކީ ނުލާހިކު ރީތި މަލެކެވެ. އެކަމަކު އެ މަލާއެކު ތޫނު ކަށި ވެސް ވަނީ ލައްވައިފައެވެ. ދުނިޔޭގައި ލައްވައިފައި ވަނީ ހިތާމަތައް ލިބިދޭ އެއްޗިއްސާއި އުފާވެރިކަން ގެނެސްދޭ އެއްޗިއްސެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔެ ހައްދަައިާފައިވާ ގޮތެވެ. އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ ދުނިޔެ ހައްދަވައިފައިވާ ގޮތަށް ފެތިގެން ދިރިއުޅުމެވެ. އަޅުގަނޑުމެން ކިތަންމެ ވަރަކަށް ގަދައަޅައި މަސައްކަތް ކުރި ނަމަވެސް ޤުދުރަތުގެ ޤާނޫނަކަށް ބަދަލެއް ނާންނާނެ އެވެ.

ވުމާއެކު ކަންތައްތަކާ މެދު ޝަކުވާކުރުމަކީ ފައިދާއެއް އޮންނާނޭ ކަމެއް ނޫނެވެ. ޝަކުވާކުރާ ނަމަ ކޮށްފައި ނުކޮށް ދޫކޮށްލާނޭ ކަމެއް ނެތޭ ބުނާ ވަރަށް ޝަކުވކުރަން ޖެހޭ ކަންތައްތައް ގިނަ އެވެ. ބުއްދިވެރި ގޮތަކީ ހިތްހަމަ ނުޖެހޭ ކަންތައްތަކުގެ މަތީން ހަނދާންނައްތައިލުމެވެ. އެއީ ދިރިއުޅުމުގެ ބައެއްކަމަށް ޤަބޫލު ކުރުމާއެކު ހިތާމަތަކާއި ހަސަދަވެރިކަމާއި ދުޝްމިނުކަން ފުނަށް ކޮނެ ވަޅު ލުމެވެ. އަދި ދިރިއުޅުމުގެ ޙަޤީޤީ މަޤްޞަދާއިގެން ކުރިއަށް ދިޔުމެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here