ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ އިލެކްޝަން ކޮމިޝަނުން ބާތިލު ކުރި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމުގެ ނިންމުން، އެމައްސަލައިގެ ހުކުމް އިއްވުން ސުޕްރީމްކޯޓުގައި މިއަދު ހެނދުނު 9:30 އަށް ތާވަލު ކޮށްފައިވާއިރު މުޅި ގައުމުގެ އެތައް ރައްޔިތުންނެއް މިއަޑުއެހުމުގެ ނިންމުން، ނުވަތަ އިއްވާނެ ހުކުމް އަޑުއެހުމަށް ވަނީ ކެތްމަދުވެފައެވެ.

ސަބަބަކީ މިއީ ދިވެހިރާއްޖޭގެ މުޅި ތާރީހުގައި ވެސް ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކުން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ފަހަރުކަމަށް ވުމާއި ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ފަރާތަކުން މިފަދަ މައްސަލައެއްގައި ސުޕްރީމްކޯޓުގެ ބަހުސަކަށް ދިޔަ ފުރަތަމަ ފަހަރުކަމަށްވުމެވެ. އަދި ހަމައެހެންމެ މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ކުރީގެ ރައީސް ޔާމީންގެ އެތައް އުދާސްތަކެއް ސުޕްރީމްކޯޓުގެ އެންމެފަހު އަޑުއެހުުމުގައި ހާމަވެގެން ގޮސްފައިވާއިރު މި ނިންމުން ވެގެންދާނި ދިވެހި ތާރީހުގައި ފަވާލެވޭނެ ނިންމުމަކަަށްވެސް ވުމެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު މިއީ ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ތަފާތު އެތައް ކަމެއް ހިނގަމުން އަންނަ ފަހަރެކެވެ. ރިޔާސީ ޓިކެޓް އެންމެ ފުރަތަމަ ހާސިލު ކުރެއްވި ފަރާތަށް ރައީސް ޔާމީންވުމާއެކު އެމަނިކުފާނު ވ އާރަށުގެ ހިޔާނަތަށް ކުރި ހުކުމުގެ އިސްތިއުނާފީ މަރުހަލާތައް ކޯޓުގައި ތާށިވުމާއި ކުރިއަށް ދިއުން ދަތިވުމާއި ހަމައެހެންމެ އެމަނިކުފާނުގެ ފަރާތްޕުޅުން ދެއްވާ އިރުޝާދުފުޅުތަކަށް އަމަލު ކުރަމުން ގެންދާ ޕީޕީއެމުން ކުރަމުންދާ ހިތްވަރަކީ ވެސް ފާހަގަވާ ކަންތައްތަކެވެ.

ހަމައެހެންމެ ސިޔާސީ ލީޑަރުންގެ ތެރެއިން އިންތިހާބަށް ކުރިމަތިލެއްވި ފަރާތްތަކުން ކެންޑިޑެސީ ފޯމު ހުށަހެޅުން ލަސްވަމުން އަންނަކަންވެސް މިއީ މި އިންތިހާބުގައި ފާހަގަ ވާ ކަމެކެވެ. ހަމަމިއާއެކު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ ފިޔަވައި މިފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައި އެއްވެސް ފަރާތަކުން ގަދަފަދަ ފުރިހަމަ ކެމްޕޭނުގެ ހަރަކާތެއް ކުރިއަށް ނުގެންދާ ކަންވެސް މިއީ މިއިންތިހާބު ފާހަގަ ކޮށްލެވޭ ކަމެކެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެޗް

މިފަދަ އެތައް ކަމެއް ފަހަތަށް ޖައްސާލާފައި މިވަގުތު މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައިވާ ސުޕްރީމްކޯޓުގެ ހުކުމް އިވިގެންދާނެ ގޮތަކާމެދު މިވަގުތު ހުރިހާ ދިމާލެއްގައި ކުރިއަށް ދަނީ ހިޔާލުތަފާތުވުންތަކާއި ހިޔާލުފާޅުކުރުންތަކެވެ. ބައެއް ފަރާތްތަކުން ރައީސްޔާމީންގެ މައްޗަށް އިއްވިގެންދާނެ ހުކުމަކީ މިހާރުވެސް އެނގޭ ނިކަން ސާފު ހުކުމެއްކަމަށް ބުނަމުންދާއިރު އަނެއްބައި ފަރާތްތަކުން އެހެންހުރިހާ ބަސްތަކަށްވުރެ ގަދަކުރަމުންދާ ބަސްތަކަކީ ރައީސްޔާމީން މިނިވަންވާންޖެހޭ، މިނިވަންވާނެ މިބަސްތަކެވެ.

ކޮންމެއަކަސް މި އިންތިޒާރުތަކަށް ނިމުން އަންނާނީ މިއަދު ހެނދުނު ސުޕްރީމްކޯޓުގެ ޝަރީއަތް ބޭއްވި އަޑުއެހުމުގެ ނިންމުން، އާދެ، ރައީސްޔާމީންގެ ކެންޑިޑެސީއާމެދު ވާނެގޮތުގެެ ޔަގީން ނިންމުން އިވިގެން ދިއުމުންނެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަން މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ގަޒިއްޔާ ނަމްބަރު: 2023/SC-C/01 ގަޒިއްޔާގެ އަޑުއެހުންތައް ނިންމާލާފައި ވަނީ އެއަޑުއެހުން ކުރިއަށް ގެންދިޔައީ ދެފަރާތަށްވެސް، ތަދައްހުލުވި ފަރާތަށްވެސް، ފުރުސަތު އަރުވައި ދެފަރާތުންވެސް ވަރަށް ފުރިހަމައަށް ތަފްސީލުކޮށް ވާހަކަދެކެވުނުކަން ފާހަގަ ކުރައްވައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާން އެއަޑުއެހުން ނިންމާލުމުގެ ގޮތުން އަޑުއެހުންތައް ނިންމާލުމާ ގުޅިގެން ފަނޑިޔާރުންގެ މެދުގައި ބަހުސްކުރައްވަން ޑެލިބަރޭޓް ކުރައްވާނެ ކަމަށާއި، އެ ޑެލިބަރޭޓް ކުރެއްވުމުގައި އަލުން އިތުރު ކަމެއް ސާފުކުރަން ނުވަތަ އަލުން އިތުރު ސުވާލެއް އޮތްކަމަށްވަންޏާ އަލުން އިތުރު ޝަރީއަތުގެ މަޖިލީހެއް ބޭއްވޭނެ ކަމަށް ވިދާޅުވުމާއެކުގައެވެ. އެފަދަ ކަމެއް ދިމާނުވާ ކަމަށްވާނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށް އުއްތަމަ ފަނޑިޔާރު ވަނީ އެ އަޑުއެހުން ނިންމާލަމުން ވިދާޅުވެފައެވެ.