ޗައިނާގެ އެންމެ މަޝްހޫރު ވުނަދަންކާރަ އަދި ދުނިޔޭގެ މަހާ ސާދާގަރެއް ކަމުގައިވާ، ޖެކްމާ ވަނީ ވީނުވީއެއް ނޭނގިފައެވެ. ކުއްލިއަކަށް ނޮވެމްބަރު މަހުން ފެށިގެން އޭނާ ވަނީ އާންމު މަހެފިލްތަކުން ގެއްލިފައެވެ. އޭޝިއާ ފައިނޭންޝަލް ޓައިމްސްއިން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ޖެކްމާގެ ކުންފުނި އަލީބާބާއާ ދެކޮޅަށް މޮނޮޕޮލީގެ ތުހުމަތުތައްކޮށް ޗައިނާއިން ގެންދަނީ ތަހްގީގު ކުރަމުންނެވެ. ހެންގްޒޫގައި ޖެކް މާ، އަލީބާބާ ފެށްޓީ 1999 ގައެވެ.

ޖެކްމާ ވަނީ ޗައިނާގެ ބޭންކިންގ ސިސްޓަމަށް ފާޑުކިޔާފައެވެ. އަދި މިއަށް ބަދަލެއްގެ ގޮތުގައި ޗައިނާގެ ބޭންކިންގ ނިޒާމުގެ ވެރިން ބުނަނީ އަލީބާބާގެ މާލީ އުސޫލުތަކަކީ ހަރުދަނާ އުސޫލުތަކެއް ނޫން ކަމުގައެވެ. އަދި ސަރުކާރުން ވަނީ މި މައްސަލާގައި ތަހުގީގަށް ހުރިހައި މަސްއޫލުވެރިން ބެއިޖިންގއަށް ވެސް ޖަމާކޮށްފައެވެ.

ޖެކްމާގެ އަމިއްލަ މިލްކިއްޔާތުގައި އޮކްޓޯބަރު މަހާ ހަމައަށް 60 ބިލިއަން ޑޮލަރު ހުރިކަމަށް ވެއެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 12 ބިލިއަނަށް ތިރިވެފައެވެ.

ޖެކްމާ އަކީ ޗައިނާގައި މިފަދައިން ދުވަސްކޮޅަކަށް ނަމަވެސް ގެއްލިގެން ދިޔަ ފުރަތަމަ ވިޔަފާރިވެރިޔާއެއް ނޫނެވެ. އޭނާގެ ކުރިން، ވިޔަފާރިވެރިންނާއި ފިލްމުސްޓާރުންނާއި މަސްއޫލުވެރިން ގެއްލިފައި ފަހުން ފެނިފައި ވެއެވެ.

ސިއްރިއްޔާތުގައި މީހުން ބަންދުކޮށްގެން ގެންގުޅުން 2013 ގައި ޗައިނާ ކޮމިއުނިސްޓް ޕާޓީން ހުއްދަ ކޮށްފައިވާ ކަމަށް އޭޝިއާ ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓް ކޮށްފައި ވެއެވެ.

ޗައިނާގެ އިސް ނޫސްކަމަށްވާ ކޮމިއުނިސްޓް ޕާޓީގެ ޕީޕަލްސް ޑެއިލީން ނޮވެމްބަރު މަހު ބުނެފައިވަނީ "ޖެކް މާ ގެ ޒަމާން ނިމިގެން ހިނގައްޖެ" ކަމަށެވެ. އަދި އޭނާއަކީ ވިޔަފާރި ފުރުސަތުތައް ހޯދަން މޮޅު މީހެއް ކަމުގައިވީނަމަވެސް ސަރުކާރުގެ ސިޔާސަތާއި ސަރުކާރުގެ ތާއީދާ ނުލައި އަލީބާބާއާއި އޭނާއަށް ކުރި ނުހޯދުނީސްކަމަށް މިނޫހުގައި ބުނެފައި އޮތެވެ.

ޕީޕަލްސް ޑެއިލީން އިތުރަށް ސިފަކުރިގޮތުގައި ޖެކް މާ އަކީ އިހުސާން ތެރިވާން ދަންނަ މީހެއް ނޫނެވެ. ޗައިނާގެ މީސްމީޑިއާގައިވެސް ކުއްލިއަކަށް އޭނާއަށް ފާޑު ކިޔުން އިތުރު ވެފައި ވެއެވެ. އަދި އޭނާ ސިފަކޮށްފައިވަނީ ފަގީރުން އަތުން ފައިސާ ފޭރޭ، ލޭބޯ މީހެއްގެ ގޮތުގައެވެ.

ޗައިނާގައި ގެއްލިފައި ފަހުން ފެނިފައިވާ މީހުންގެ ލިސްޓަށް ނަމެއް އިތުރުވީއެވެ. މީގެ ކުރިން މިލިސްޓްގައި ފިލްމީތަރި ފާން ބިންގބިންގއާއި ޖީން އެޑިޓިންގ ސައިންޓިސްޓް ހީ ޖިއާންކީއާއި ކުރީގެ އިންޓަރޕޯލްގެ ވެރިޔާ މެންގ ހިންވީފަދަ ނަން ތައް ހިމެނެއެވެ.

އޭޝިއާ ފައިނޭންޝަލް ޓައިމްސްއިން ލަފާ ކުރާ ގޮތުގައި ޖެކް މާ ދުވަސްކޮޅަކަށް އިސްލާހު ޖާޑީއަށް ލުމަށްފަހު ކޮމިއުނިސްޓް ޕާޓީން އޭނާ ދޫކޮށްލާނެ އެވެ. އެކަމަކު އެހެން ބައެއް ފަރާތްތަކުގެ ލަފައަކީ މާ އަމިއްލައަށް ދުނިޔެއާ ދުވަސްކޮޅަކަށް އެކަހެރި ވެލީއެވެ.

ޖެކް މާ އަކީ ކޮމިއުނިސްޓް ޕާޓީގެ މެމްބަރެކެވެ. އުމުރުން 56 އަހަރުގެ ޖެކް މާ އަކީ ކުރިން ކޮމިއުނިސްޓް ޕާޓީގެ ޕޯސްޓާ ބޯއި އެވެ. ޖެކް މާ ވެސް ކާންދޭ އަތުގައި ދަތް އަޅައިގެން ނުވާނެ އެވެ!