ރާއްޖެއިން އަނެއްކާވެސް ހިމަބިހި ޖެހިފައިވާ މީހަކު ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ހާމަކޮށްފިއެވެ. މީގެ ކުރީން ޖުލައި 27 ގައި ވެސް ހިމަބިހި ޖެހިފައިވާ މީހަކު ވަނީ ފެނިފައެވެ.

އެޗްޕީއޭ އިން ބުނީ މިމީހާއަށް ހިމަ ބިހި ޖެހިފައިވާކަން އެނގުނީ އިއްޔެ ކަމަށެވެ. ކުރީ ފަހަރުގެ ކޭސް ގައި ބަލިމީހާއަށް ހިމަބިހި ޖެހުނީ ރާއްޖެއިން ބޭރުންނެވެ. މިފަހަރުގެ ކޭސްގައި ބަލިމީހާއައަކީ ރާއްޖެއިން ބޭރުން ބަލިޖެހިގެން ރިޕޯޓް ކުރެވިފައިވާ މީހެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޭސް ފެނުމާއެކު، މިފަދަ ބަލިތަކުގައި، އެހެން ފަހަރުތަކުގައި ވެސް ކަންތައް ކުރާ އުސޫލުން ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަންނަން މަސައްކަތް ކުރަމުންދާއިރު އޭނާއާ ކޮންޓެކްޓުވީ މީހުން ދެނެގަތުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމުގައި އެޗްޕީއޭއިން ހާމަކުރެއެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މިކޭސް، މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެނިފައިވާ ހިމަބިހި ޖެހުނުމީހާ އާ ގުޅުމެއް ހުރި ކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެކެވެ. އެހެންކަމުން ހިމަބިހި ޖެހިފައިވާ އެންމެ ފަރާތެއް ފެނުނު ނަަަމަވެސް ބެލެވޭނީ އައުޓްބެރޭކެއްގެ ގޮތުގައެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިރާއްޖެއިން މިސަރަހައްދުން މީސްލްސް ނައްތާލެވިފައިވާ ފުރަތަމަ ގައުމުގެ ލަގަބު ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މަސައްކަތް ފެށީ 31 ޖަނަވަރީ 2017 ގައި، ރާއްޖެއިން މީސްލްސް، ނުވަތަ ހިމަބިހީގެ އަލާމާތެއް ނުފެންނަތާ ތިން އަހަރުވެފައިވާތީއެވެ. ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2017 ވަނަ އަހަރުގެ ޖޫންމަހުގައި ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅައި އެ ކަމުގެ ލިޔުން ރާއްޖެއަށް ވަނީ ދީފައެވެ.

ނަމަވެސް ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް 2020 ވަނަ އަހަރުގެ ޖަނަވަރީ 13ގައި ހެލްތް މިނިސްޓްރީން ވަނީ އިއުލާނު ކޮށްފައެވެ. 2020 ވަނަ އަހަރު ޖެނުއަރީމަހުގައި ކުޑަކުދީންތަކަކަށް ހިމަބިހި ޖެހުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމުގެ ކެމްޕެއިން ވަރަށް ފުޅާކޮށް ވަނީ ހިންގާފައެވެ. ނުހަނު ބާރުމިނުގައި ކުރިއަށް ގެންދިޔަ މި ކެމްޕެއިނަށް ހުރަހަކަށް ވީ މުޅިދުނިޔެއަށްވެސް ހިތާމަވެރި ހިތްދަތި ކަމަކަށްވި ކޮވިޑު-19އިގެ ބިރުވެރިއަނދިރިކަމެވެ.

ހިމަބިއްސަކީ ވަރަށް ހަލުވިކޮށް ފެތުރޭ، ބަލިޖެހޭ ކުޑަކުދިންގެ ފުރާނައަށް ވެސް ނުރައްކާ ކުރާ ބައްޔެކެވެ. ރާއްޖޭގައި މި ބައްޔަށް އަށް ވެކްސިން ދޭންފެށީ 1981 ވަނަ އަހަރު އެވެ. ވެކްސިންގެ ދެ ޑޯޒް ހަމަކޮށް ވެކްސިން ދޭން ފެށީ 2007 ވަނަ އަހަރު އެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި

  • ހުން އައުން
  • ހަމުގައި ރަތް ބިހިތަކެއް ނެގުން
  • ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން
  • ލޯ ރަތްވުން

މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެފަރާތަކުން ލަސްނުކޮށް ވީއެންމެ އަވަހަށް އެންމެ ކައިރީގައި ހުރި ސިއްހީ ފަރުވާދޭ ތަނަކަށް ދިއުމަށް ނުވަތަ އެންމެ އަވަހަށް ލިބެން ހުރި ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.