ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކެންޑިޑެސީ ފޯމް، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި އެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސްލަބީބުގެ ކެންޑިޑެސީ ފޯމު މިއަދު ހުށަހަޅާފައިވާއިރު މިއަދު ވަނީ އެސްޓިއޯގެ ކުރީގެ އެމްޑީ އަމްރަކީ އިލްޔާސްގެ ރަނިންގ މޭޓްކަމަށް ހަމަޖައްސައި އިއުލާން ކޮށްފައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ލާފައިވަނީ ރަނިންގމޭޓަކީ އަމްރުކަމަށް ހަމަޖައްސައި އިއުލާން ކުރުމަށްފަހު ތިން ގަޑިިއިރުވީތަނާ އިލްޔާސްލަބީބުގެ ކެންޑިޑެސީ ފޯމް ހުށަހެޅި ވާހަކަވެސް މިވަނީ އިއުލާންކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު އިލްޔާސްލަބީބު ހުށަހެޅުއްވިއިރު ފޯމާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ ސުންގަޑި ހަމަވުމުގެ ވަގުތު ކުޑަތަންވެފައިވާއިރު މިފަހަރުގެ އިންތިހާބަށް ކުރިމަތިލައްވާ ފަރާތްތަކުން ފެންނަނީ ވަރަށް ހިމޭންގޮތަކަށެވެ. މާނައަކީ ސަރުކާރުގެ މައިޕާޓީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން އިންތިހާބަށް ވަރުގަދަ ކެމްޕޭނެއް ކުރާ މަންޒަރު ނުފެނެއެވެ. ހަމައެހެންމެ ބާތިލުކޮށްފައިވާ ރައީސްނޔާމީނު ފިޔަވައި އެހެން ރިޔާސީ ކެންޑިޑޭޓުން ކެންޑިޑެސީ ފޯމު ހުށަހަޅަން ފެށީ މިއަދުގެ ވަގުތެއްގައެވެ. އެގޮތުން މިހާރު މިވަނީ އެމްޑީޕީން މިހާރުގެ ރައީސް އިބްރާހީމް މުަހައްމަދު ސާހިލު، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ނާޒިމް، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސްލަބީބް ވަނީ މިއަދުގެ މިހާތަނަށް ކެންޑިޑެސީ ފޯމު އިލެކްޝަންސްކޮމިޝަނަށް ހުށަހަޅާފައެވެ.