ޕާކިސްތާނުގެ ނަވަބްޝާހުގައި މިއަދު ހިނގި ރެއިލް އެކްސިޑެންޓެއްގައި 30 މީހުން މަރުވެ 100 އަށްވުރެ ގިނަަ މީހުން ޒަޚަމްވެއްޖެއެވެ.

ޕާކިސްތާނުގެ ރެއިލްވޭ މިނިސްޓަރ ސާދް ރަފީގް ވިދާޅުވީ އެކްސިޑެންޓް ހިނގި ސަބަބު ދެނެގަތުމަށް މިހާރު ތަހްގީގް ފަށާފައިވާ ކަމަށެވެ. "މިހާތަނަށް ތަހްގީގުތަކުން ދެއްކީ ރެއިލް ދުއްވަމުން ދިޔައީ ކަނޑައަޅާފައިވާ ސްޕީޑުގައި ކަމަށް. އެކްސިޑެންޓްވި ސަބަބު ދެނެގަނެވޭނީ ތަހްގީގު ނިމުމުން" ރަފީގް ވިދާޅުވިއެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ރެއިލްގެ 8 ބައި ވަނީ ރޭލް ދަގަނޑު މަތިން ކައްސާލައިގެން ވެއްޓިފައެވެ. އަދި ރޭލުގެ ބައިތަކުގެ ތެރޭގައި ތާށިވެފައި އެތައް ބަޔަކު ތިބޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ.

މިހާދިސާއާ ގުޅިގެން ނަވަބްޝާހުގެ އެންމެ ބޮޑު ހޮސްޕިޓަލް ވަނީ ކުއްލި ހާލަތަށް ގެނެސް އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްފައެވެ. މީގެ އިތުރުން ނަވަބްޝާހް ސަރަހައްދާއި ކައިރީގައި އޮތް ސިންދް ޕްރޮވިންސުގެ މައި ހޮސްޕިޓަލްވެސް ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ.

ޕާކިސްތާނުގެ ތަފާސް ހިސާބުން ދައްކާ ގޮތުން 2019-2013 ދެމެދު ޕާކިސްތާނުގައި ހިނގި ރެއިލް އެކްސިޑެންޓްތަކުގައި 150 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ހިނގި ރެއިލް އެކްސިޑެންޓެއްގައި 40 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވިއެވެ.