ޔޫކްރޭންގެ އިރުއުތުރުގެ ކުޕިއަންސްކް ސަރަހައްދުގައ ލޭއެޅުމަށް ބޭނުން ކުރާ މަރުކަޒަކަށް ރަޝިޔާއިން ބޮން އެޅުމުގެ ސަބަބުން 2 މީހުން މަރުވެފައިވާ ކަމަށް ޔޫކްރޭނުގެ އޮފިޝަލުން ބުނެފިއެވެ.

މިހަމަލާގެ ފޮޓޯއެއް ސޯޝިއަލް މީޑިޔާއާ ހިއްސާ ކުރައްވައި ޔޫކްރޭނުގެ ރައީސް ވްލޮޑިމީރް ޒެލެންސްކީ ވިދާޅުވީ މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

"ހަނގުރާމައިގެ މި ޖަރީމާ އެކަނި ވެސް ރަޝިޔާގެ އުދުވާނީ އަމަލުތަކާ ބެހޭ ގޮތުން ހުރިހާ އެއްޗެއް ބުނެދޭ" ޒެލެންސްކީ ވިދާޅުވި އެވެ.

މިހަމަލާއާ ގުޅޭ ގޮތުން ރަޝިޔާއިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ރަޝިޔާއިން މީގެ ކުރިން ވަނީ އާންމުންނަށް އަމާޒުކޮށްގެން ނުވަތަ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ބުނެ ޔޫކްރޭނުންގެ އެގައުމުގެ ބޮލުގައި އަޅުވާ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. -

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމަށްފަހު ފުރަތަމަ ދުވަސްކޮޅު ރަޝިޔާ ސިފައިން ވަނީ ކުޕިއަންސްކް ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެސިޓީއިން ނިކުތުމަށް ހުރަސް އަޅައި ހިފަހައްޓާފައިކަންވެސް ފާހަގަ ކޮށްލެވެ.