ވިސްނައިލަމާ (1) – ވޭނަކާ ނުލައި ފައިދާއެއް ނުލިބޭނެ

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް

ނިކަން ވިސްނައިލަމާތޯއެވެ؟ ވޭނަކާ ނުލައި ފައިދާއެއް ނުލިބޭނެއޭ ކިޔާ އަޑު އައްސަވަމެއް ނޫންތޯއެވެ؟ ކުޑަ ކުއްޖަކު ކަލާނގެއާ މުޚާޠަބްކޮށް ލިޔުނު ނޯޓެއްގައި އޮތެވެ. “މަންމަ އަޅުގަނޑު ވިހެއި ވަގުތު، ވަރަށް ބޮޑު ވޭނެއް ތަޙައްމަލު ކުރިއޭ ބޭބެ ބުންޏެވެ. އެއީ ބޭބެ ސަމާސަޔަކަށް ދެއްކި ވާހަކައެއް ދޮގެއްތޯއެވެ؟” ނޫނެކެވެ. އެއީ ހަމަ ވަރަށް ބޮޑު ތެދެކެވެ. އެކަމަކު ދުނިޔޭގެ އެތައް މިލިއަން އަންހެނުންނެއް މި ބުރައާއި ވޭން އުފުލައެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ އެ މީހުން ބޭނުންވާ އުފާވެރިކަމަށް އޮތް މަގަކީ އެއީ ކަމަށް ވުމެވެ. އަމިއްލަ ދަރިއެއް ލިބިގަތުމުގެ ބޮޑު އުފާ ހާސިލުކުރެވެން އޮންނަ ހަމަ އެކަނި ގޮތަކީ އެއީ ކަމަށް ވުމެވެ.

Advertisement

އަޅުގަނޑުގެ ހަނދާނަށް އަންނަނީ ތޮށިގަނޑު ފަޅައިލައިފައި ނުކުންނަން މަސައްކަތް ކުރާ ކޮކާލެކެވެ. ކުޑަ ކުއްޖަކަށް މި މަންޒަރު ފެނިގެން ހެދި ގޮތަކީ ތޮށިގަނޑު ފަޅައިލައިފައި، ކޮކާ ނެރުނީއެވެ. އެއީ ނުކުންނާން ވެގެން ކޮކާ ކުރާ މަސައްކަތާއި، އުފުލާ ވޭން ކުޑަ ކޮށް ދިނުމުގެ ބޭނުމުގައި ކުޅަ ކަމެކެވެ. އެކަމަކު ނަތީޖާއަކަށްވީ އެ ކޮކާލަށް ނުއުދުހެވި، ވެއްޓިފައި އޮތް ތަނުގައި އޮވެގެން މަރުވުމެވެ. ފިޔަތައް ރޫޅި، ހަކަތަ އިތުރުވެ، ބާރު ލިބެނީ ކޮކާ ނުކުންނަން ކުރާ މަސައްކަތުންނެވެ. އެ މަސައްކަތް ކުރެވޭ ގޮތް ނުވީމާ، ފިޔައެއް ރަނގަޅަކަށް ނުރޫޅުނެވެ. ބާރެއް، ހަކަތައެއް ނުލިބުނެވެ.

ބަރު އުފުލާ މީހުންނާއި، ހަށިގަނޑު ވަރުގަދަކުރާ މީހުން ބުނާ ވާހަކައެއް އޮވެއެވެ. “ދިލައިގެ އިޙްސާސް ކުރާށެވެ.” އެ މީހުން ބަރު އުފުއްލާއިރު ނުވަތަ ހަށިގަނޑު ވަރުގަދަ ކުރާން ކަސްރަތުކޮށްހަދާއިރު، ހަށިގަނޑުގައި އަޅާ ވޭނުގެ ދިލަ އިހުސާސް ކުރެވުނު ނަމަވެސް، ހަށިގަނޑަށް ބާރު ލިބި، ވަރުގަދަ ވަނީ އެ ދިލައިގެ ސަބަބުންކަން އެ މީހުން ދަނެއެވެ. “ވޭނާއި، ދިލައިގެ ސަބަބުން ބައެއް މީސްމީހުންގެ ހިތްވަރު އެލެއެވެ. އަނެއް ބަޔަކު ދުނިޔޭގެ ރިކޯޑުތައް މުގުރައިލައެވެ.” ހަނދުމަފުޅު ކުރައްވާށެވެ! “މަރު ނުވާ ފަދަ ކޮންމެ ބުރައަކުން އިންސާނާ ވަރުގަދަ ކޮށްދެއެވެ.”

އަޅުގަނޑުމެންގެ ޢާއްމު މައްސަލައަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެން ތިބެނީ ކުރެވޭ އިހުސާސްތަކުގެ އަޅުންނަށް ވެފައެވެ. އަރާމާއި، އުފައުވެރިކަން ހޯދަން ކޮންމެ ފަދަ ކަމެއްވެސް ކުރާ ބަޔަކަށް ވެފައެވެ. ހެނދުނު އިރު އަރައިގެން އައިސް، އިރު މެދުން ލަނބަންދެންެ ތަންމަތީގައި އޮންނަވާ ހިތްޕުޅެއް ނުވޭތޯއެވެ؟ އަރާމު ތަންމަތީގެ ހޫނުކަން ދޫކޮށްލައްވައިފައި ތެދުވެވަޑައިގަތުން އުނދަގޫފުޅެއް ނޫންތޯއެވެ؟ އެހެންވީމާ، މުޅި އުމުރު ދުވަސް ތަންމަތީގައި ހޭދަ ނުކުރައްވަނީ ކީއްވެގެންތޯއެވެ؟ އުފައުވެރި، ހަމަޖެހޭ ދިރިއުޅުމެއްގެ ސިއްރަކީ އެއީ ކަމަށް ވެދާނެތޯއެވެ؟

އެއްގޮތަކަށްވެސް އެހެންނެއް ނުވާނެއެވެ. އެއީ ޙަޤީޤީ ދިރިއުޅުމެއް ނޫންކަން އަޅުގަނޑުމެން ދަންނަމުއެވެ. އުފާވެރިކަމަކީ، މަސައްކަތެއް ނުކޮށް، ވޭނެއް ނުއުފުލައި، ކުރެވޭ އުފާވެރިކަމުގެ އިޙްސާސެއް ނޫނެވެ.

ދިރިއުޅުމަކީ ކުދި، ބޮޑު މައްސަލަތަކުން ފުރިފައިވާ އެއްޗެއްކަން ޔަގީނެވެ. ތިބާއަށް މައްސަލަޔަކާ ކުރިމަތިވެވަޑައިގެންފިނަމަ، ހަނދުމަފުޅު ކުރައްވާށެވެ! އެހެން މީހުންވެސް ދިރިއުޅެމުން ގެންދަނީ މައްސަލަތަކުގެ ތެރޭގައެވެ. ރަނގަޅު، ވަރުގަދަ މީހަކު ހެދި ފޯދިގެން އަންނަނީ މައްސަލަތަކުގެ ތެރެއިންނެވެ. ދަރިއަކު ވިހެއުމާމެދު ވިސްނައިވަޑައިގަންނަވާށެވެ! ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި، އަޅުގަނޑުމެންނަށް ޖެހޭނީ، މައްސަލަތަކާއި، ވޭނާއި، ކެކުޅުމުގެ ތެރެއިން ދަތުރު ކުރަން ދަސްކުރާށެވެ. ދިރިއުޅުމުގެ ދަތުރުގައި ކުރިމަތިވާ ހުރަސްތަކަކީ، ކާމިޔާބީއާ ދިމާއަށް ކުރާ ދަތުރުގައި ފައި އަޅާން ޖެހޭ ގައުތަކެކެވެ. މީހާގެ ޝަޚްޞިއްޔަތު ހަރުދަނާވެ، ދިރިއުޅުން ފަހި ވެގެން ދަނީ އަޅުގަނޑުމެން ކުރިމަތިލާ މައްސަލަތަކުގެ ސަބަބުންނެވެ.ކުޑަ ހިނދުކޮޅަކު ވިސްނައިލަމާތޯއެވެ؟

Advertisements