ޕީޕީއެމް ނޫން ޕާޓީތަކަށް ފައިސާ ދިނުމަށް ފިނޭންސަށް ފޮނުވައިފި

0
އިލެކްޝަން ކޮމިޝަނުން އެކި ގޮތްތޮތުން ޕީޕީއެމަށް ދަތިކުރަމުންދާކަމަށް އެ ޕާޓީން ބުނޭ

މި އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބެން ޖެހޭ ހަތަރު ޕާޓީގެ ތެރެއިން ޕީޕީއެމް ފިޔަވައި އަނެއް ތިން ޕާޓީއަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް ފޮނުވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ހަތަރު ޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ބަހާނެ އެވެ. މެމްބަރުންގެ އަދަދަށް ބަލައިގެން އެ ފައިސާ ދޭއިރު މި އަހަރު އެންމެ ގިނައިން ލިބޭނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު 50،000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.

އެމްޑީޕީގެ އިތުރުން ފައިސާ ދޭން ފިނޭންސަށް ފޮނުވަނީ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ.

Advertisement

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމަށް ފައިސާ ދިނުން މަޑުޖައްސާލީ އެ ޕާޓީގެ އަހަރީ ރިޕޯޓު އަލުން އިސްލާހުކޮށް ހުށަހަޅަން އަންގާފައިވާތީ ކަމަށެވެ. އެހެންވެ ޕީޕީއެމުން ރިޕޯޓު ހުށަހެޅިހާ އަވަހަކަށް ފައިސާ ދޫކުރަން ފިނޭންސަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިއަ އަހަރު ޕީޕީއެމަށް ލިބެން ޖެހޭ ފައިސާ ވެސް، ތަފާތު ސަބަބުތަކާ ހެދި، އިލެކްޝަން ކޮމިޝަނުން ހިފެހެއްޓި އެވެ. އެގޮތުން އެ ފައިސާ އެ ޕާޓީއަށް ދީފައިވަނީ މި މަހު އެވެ.

މި އަހަރު ވަކިވަކި ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދެއް އީސީއަކުން އަދި ހާމައެއް ނުކުރެ އެވެ.

ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާ ފައިސާ ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭން ޖެހެ އެވެ. ނަމަވެސް އެ ފައިސާ ދޫކުރުން ލަސްވީ، އީސީން ބުނިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީތަކުން އެއްފަހަރާ ގިނަ އަދަދެއްގެ ފޯމު ހުށަހެޅުމުން، އޭގެ ސައްހަކަން ބެލުމަށެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިހާތަނަށް ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އެކަމަކު ފައިސާ ދޫކުރާނީ 10،000 އަށް ވުރެ ގިނަ މެމްބަރުން އެ ޕާޓީއެއްގެ ރަޖިސްޓްރީގައި ހިމެނޭ ޕާޓީތަކަށް އެކަންޏެވެ.

Advertisements