ރައީސް ޔާމިންގެ ކެންޑިޑެސީ ބާތިލު ކުރީ ރަނގަޅަށް ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވޭނެކަމަށް ސުޕްރިމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން، ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ބޯއިކޮޓު ކުރުމަށް ރައީސް ޔާމިން އެންގުމަށް ތަބާ ނުވުމަށް، ޕީޕީއެމް/ޕީއެންސީގެ ސެނެޓްގެ މެޖޯރިޓީން ނިންމާފައި ވަނިކޮށް، ޕީޕީއެމްގެ ސްޓޭމްޕާއި ލެޓަރހެޑްގެ ބޭނުން އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާކަމުގެ ހަބަރުތައް ފެތުރެމުން ދާއިރު މިކަމާ ގުޅިގެން ސީދާ ޕީޕީއެމްގެ ބަހެއް އަދި ވަނީ ނުލިބިފައެވެ.

ޕީޕީއެމްގެ ލެޓަހެޑާއި ސްޓޭމްޕް އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭ ގޮތް ހަދާފައިވަނީ ކޮންފަރާތެއްގެ އެންގުމަކަށް ކަމެއް ސީދާ އެނގިފައި ނުވި ނަމަވެސް މިއީ ނުވެދާނެ ކަމެއް ނޫންކަމުގެ އަޑުތައްވެސް ދަނީ ފެތުރެމުންނެވެ.

ޕީޕީއެމްގެ ސްޓޭމްޕާއި ލެޓަރހެޑް އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭގޮތް ހަދާފައިވާ ކަމަށް ހަަބަރުތައް ފެތުރެމުންދާ މިދަނޑިވަޅުގައި، ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސްޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާމެދު ސިޔާސީ ގިނަ އިސް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން މިއަދު ޕީޕީއެމްގެ ސެނެޓު ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު އެޕާޓީގެ މައި އޮފީސްތެރޭގައި ވަނީ މާރާމާރީ ހިންގައި ފުލުހުން ހާޒިރުވާން ޖެހޭ ހާލަތަށް ގޮސްފައެވެ.

މި ރިޔާސީ އިންތިހާބު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެންގެވި ނަމަވެސް، އިދިކޮޅު ޕްރޮގްރެސިވް ޖޮއިންޓް ސެނެޓުން ނިންމީ އިންތިހާބުގައި ވާދަކުރުމަށެވެ. އަދި މި ނިންމުން ގަބޫލުފުޅު ނުކުރައްވާ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ އަދި ރައީސް ޔާމިންގެ މި އެންގެވުމާއި ގުޅޭގޮތުން ދެ ޕާޓީގެ ލީޑަރޝިޕުން މިޙާރު ދަނީ ބައްދަލު ކުރަމުންނެވެ.