ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް މާލޭސީޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފިއެވެ.

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައި މިބަމީ އިދިކޮޅު ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ. މި ފޯމު ހުށަހެޅުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މުއިއްޒުގެ ކެންޑިޑެސީ ފޯމާ ހަވާލުވެވަޑައިގެންނެވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.

މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ އިތުރުން މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް އަދި ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓް މުހައްމަދު ތޮލާލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ ފަރެސް މާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމުން، ޔާމީން ވަނީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އަންގަވައިފައެވެ.

ޔާމީން އެގޮތަށް އަންގަވައި ދެއްވި ނޯޓާ ގުޅިގެން ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 67 ސެނެޓަރުން ވޯޓު އިންތިހާބު ބޮއިކޮޓް ނުކުރުމަށް ދީފައިވާއިރު އިންތިހާބު ބޮއިކޮޓް ކުރަން ފެންނަ ކަމަށް ވޯޓް ދިނީ 46 ސެނެޓުންނެވެ.

ހަމަމިއާއެކު ރިޔާސީ އިންތިހާބު ބޮއިކޮޓް ނުކުރަން ސެނެޓުގެ ނިންމި ނިންމުން އަލުން ރިވިއު ކޮށްދޭން ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވިއެވެ. މިކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ރޭ މަޝްވަރާކުރައްވައި، ނިންމެވީ އިންތިހާބު ބޮއިކޮޓު ނުކުރުމަށެވެ.