ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދ. މީދޫ ފެނަކަ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައި މީދޫ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މީދޫގައި ސަރުކާރުން ޢިމާރާތްކޮށްދެއްވި ފެނަކަ އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައިދެއްވައި އެރަށުގައި ޤާއިމްކުރެވުނު ފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ އެމަނިކުފާނު ނިލަންދެއަތޮޅު ދެކުނުބުރިއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތުގައެވެ.

ފެނަކަ ކޯޕަރޭޝަނުން، މީދޫގައި ޢިމާރާތްކޮށްފައިވާ އައު އިންޖީނުގެއާއި އޮފީސް ޢިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޢިމާރާތެކެވެ.މިރަށު ބާ އިންޖީނުގެ ހުންނަނީ މީހުން އުޅޭ ސަރަހައްދުގައި ނަމަވެސް އަލަށް ހުޅުވި އިންޖީނުގެ ހުންނަނީ މީހުން އުޅޭ ސަރަހައްދާ ދުރުގައެވެ.

މި މަޝްރޫއުއަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަޝްރޫއުއެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ނިންމައި،އިތުރު މަސައްކަތްތައް ކުރިޔަށް ދެއެވެ.