އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، އޭނާގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ފޯމް ހުށަހެޅުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޭނާއަށް ތާއީދު ކުރައްވާ ގިނަ ބަޔަކު ބައިވެރިވިއެވެ. އުމަރުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ހަވާލުވީ އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެވެ.

އުމަރުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމަށް (މާޒް ސަލީމް) އެވެ. އެކަން ހާމަކުރެއްވީ މިއަދު ފޯމު ހުށަހަޅުއްވަން ވަޑައިގެންނެވި ވަގުތެވެ. މާޒް ވަނީ އުމަރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު އެކުގައި މަސައްކަތް ކުރައްވައިފައެވެ.

އުމަރުގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ރަސްމިއްޔާތުގައި މާޒް ސަލީމްގެ އިތުރުން އުމަރަށް ސަޕޯޓްކުރާ ފަރާތްތަކުން ބައިވެރިވިއެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން އޭނާއަށް ތާއީދުކުރާ 1،500 މީހުންގެ ސޮއި ހުށަހަޅަންޖެހެ އެވެ. ގާނޫނުގައި ބުނާ އަދަދަށްވުރެ އިތުރަށް ސޮއި ހޯދާފައިވާ ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ.

މިއީ ރިޔާސީ އިންތިހާބުގައި އުމަރު ވާދަ ކުރައްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރިއިރެއްވި ނަމަވެސް ލިބުނީ މަދު ވޯޓެކެވެ.