ދިވެހި ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ރ. އަތޮޅާއި ބ. އަތޮޅުގައި ފުލުހުންގެ އޯޕަންޑޭ އެއް ބާއްވަން ހަމަޖައްސައިފިކަމަށް ފުލުހުން ބުނެފިއެވެ.

މި ގޮތުން މި އޮގަސްޓު މަހުގެ 9 އަދި 10 ވަނަ ދުވަހުގައި ރ.އަތޮޅުގައި އޯޕަންޑޭ ބާއްވަން ހަމަޖެހިފައިވާއިރު، ބ.އަތޮޅުގައި އޯޕަންޑޭ ބާއްވަން ހަމަޖެހިފައިވަނީ 11 އަދި 12 ގައެވެ.

ފުލުހުން ބުނި ގޮތުގައި މި ހަރަކާތް ހިންގުމުގެ މައިގަނޑު ބޭނުމަކީ ފުލުހުންގެ މުއައްސަސާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތުދީ، ޝަރުތުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމާއި ވަޒީފާއަށް ވަނުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލުމެވެ.

ފުލުހުންގެ އޯޕަންޑޭ ރ. އަތޮޅުގައި ކުރިއަށް ގެންދާނީ އުނގޫފާރުގައެވެ. އަދި ބ. އަތޮޅުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭދަފުށީގައެވެ. މި ދެރަށުގައި މި ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވީނަމަވެސް އޯޕަންޑޭގައި ބައިވެރިވާ ގިނަ ފަރާތްތައް އެއަތޮޅުގެ އެހެން ރަށްރަށުގައި ތިބިނަމަ އެރަށަކަށް ފުލުހުންގެ ޓީމުތައް ދިއުމަށްވަނީ ހަމަޖެހިފައެވެ.

މީގެކުރިން ފުލުހުންގެ ޚިދުމަތުގެ ވަޒީފާތަކަށް މުވައްޒަފުން ހޯދުމަށްޓަކައި ނ، ގއ، ގދ އަދި އައްޑޫ ސިޓީގައިވެސް އޯޕަންޑޭ ބާއްވާފައިވެއެވެ.