މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލުން މުބާރާތް ބާއްވާ އެއްގައުމު ކަމުގައިވާ އޮސްޓްރޭލިޔާ އާއި މުބާރާތުގެ ފެވަރީޓުންގެ ގޮތުގައި އޮތް އިންގްލެންޑް މިއަދު ޖާގަ ހޯދައިފިއެވެ.

އޮސްޓްރޭލިޔާއިން ކުއާޓާގެ ޖާގަ ޔަގީން ކުރީ ޑެންމާކުގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. ދެލަނޑު ކާމިޔާބު ކޮށްދިނީ ކައިޓްލިންގ ފޫޓާއި ހޭލޭ ރަސޯއެވެ.

ކުއާޓާފައިނަލުގައި އޮސްޓްރޭލިޔާ ބައްދަލު ކުރަން ޖެހޭނީ މާދަމާ ފްރާންސާއި މޮރޮކޯ ކުޅެގެން މޮޅުވާ ގައުމަކާއެވެ.

މިފަހަރު އެންމެ ފޯމުގައި އޮވެގެން މުބާރާތާ ކުރިމަތިލި އިނގިރޭސިން ކުއާޓާގެ ޖާގައެއް ހޯދީ ވަރުގަދަ ނައިޖީރިއާ ރޮއްވާލުމަށްފަހު ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ.

ދެގައުމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ 87 ވަނަ މިނެޓުގައި އިންގްލެންޑުގެ ލައުރަންސް ޖޭމްސްއަށް ރަތްކާޑް ދެއްކުމުން އިންގްލެންޑުން މެޗް ނިންމާލަން ޖެހުނީ އެއްކުޅުންތެރިޔަކު މަދުކޮށެވެ.

ކުއާޓާގައި އިނގިރޭސިން ވާދަކުރަން ޖެހޭ ގައުމެއް ކަށަވަރު ވާނީ މާދަމާ ޖެމައިކާ އާއި ކޮލަމްބިއާ ބައްދަލު ކުރާ މެޗަށްފަހުއެވެ.