ދަރިންނާމެދު އުންމީދު ނުކުރަނީ ކޮން ބެލެނިވެރިއެއް ހެއްޔެވެ. އެކަމަކު ބައެއްކަހަލަ ހަގީގަތްތައް ނޭނގި މައުސޫމު ތުއްތު ފުރާނަތަކަށް ދޭ ނުހައްގު އަނިޔާދެވޭ ކަން ގަބޫލު ކުރަން ހެއްޔެވެ. ދަރިފުޅު ފިލާވަޅު ދަސްނުކުރަނީ ނޫނީ ހަމަ ގަސްތުގައި ބަސްނާހާތީ ފިލާވަޅު ނުބައިކޮށް ހަދަނީކަމަށް ހީކޮށް ކުށެއް ނެތް އެކުދިންނަށް ނުހައްގު ބަސްބުނެ ނުހައްގު އަދަބުވެސް ބައެއް ބެލެނިވެރިންގެ ފަރާތުން ދެވިފައި އެބަހުރެއެވެ.

ދިރާސީ އައުއަހަރުގެ ކިޔެވުން ފެށިގެން އުޅޭއިރު ދަރިފުޅުގެ ކިބައިން މިދަންނަވާ ކަހަލައެއްވެސް ކަމެއް ފާހަގަ ވާނަމަ އެދަރިފުޅު ބަސްނާހަނީއޭ، ބޯހަރީ ކަމަށް ބުނެ ނިންމާނުލާށެވެ. ބަސްތައް ލިޔާއިރު އަކުރުތަކުގައި، ސްޕެލިން ލިޔުމުގައި، ދަތިތަކެއް ނުވަތަ އުނދަގޫތަކެއް ހުންނަ ކަމަށްވާނަކަމަ ފަރުވާކުޑަކަމުން ގަސްދުގައި ދަރިފުޅު އުޅޭ ގޮތެއް ނުނިންމާށެވެ. ދަސްކުރުމުގައި ހާއްސަ އެހީއަށް ބޭނުންވެ، ގުރުއާން އަކުރު ކިޔުމުގައި ތަކުލީފު އުފުލަންޏާ ވިސްނުންތެރިކަމާއެކު ދަރިފުޅު ދެނެގަންނާށެވެ.

  • ހެދިބޮޑުވުމުގައި ލަސްތަކެއް ހުރުން
  • ބަސް ކިޔުމުގައާއި ފަށައިގަންނަ ބަސްތައް ބުނުމުގައި ދަތިތައް ހުރުން
  • ކިޔަން ދަސްކުރުމުގައި ދަތިތަކެއް ލަސްތަކެއް ހުރުން
  • އަޑުއަޑު ފާހަގަކުރުން، ގަވާއިދާ އެއްގޮތަށް ލިޔަން ދަތިވުން
  • ފަސޭހައިން ހަނދާން ނެތުން
  • ފިރުކެން ފެށުމާއި، ހިނގައިގަތުން، އަދި ވާހަކަ ދައްކަން ފެށުން އާދައިގެ އެހެން ކުދިންނަށްވުރެ ލަސްވުން

މިއީ "ޑިސްލެކްސިޔާ" ދަސްކުރުމުގައި ދަތިވުން ނުވަތަ ދަސްކުރުމާއި ކިޔުމާއި ލިޔުމުގައި ތަކުލީފުތަކެއް ހުރެ، ހާއްސައެހީ ބޭނުންވާ މައްސަލައެކެވެ. މިހާތަނަށް ދިރާސާތަކުން ދައްކާ ގޮތުގައި މިއީ އާއިލީ ވާރުތަ ކަމެކެވެ. ނުވަތަ ދިރިއުޅޭ މާހައުލުންވެސް ވާރުތަވެދާ ކަމެކެވެ.

ޑިސްލެކްސިއާގެ ޝިކާރައަކަށް ކޮންމެ އުމުރެއްގައިވެސް ވެދާނެއެވެ. އެކްސިޑެންޓެއް ކަހަލަ ހާދިސާއަކުން ލިބޭ ސިކުނޑިއަށް ގެއްލުމަކުން މިމައްސަލަ ޖެހިދާނެއެވެ. އާންމުކޮށް ޅައުމުރުގައާއި ވިހައި ހެދިބޮޑުވުމުގެތެރޭގައި މީގެ އަލާމާތްތައް ފެންނަ ކަމެކެވެ.

މިއީ ސިކުނޑިއަށް މެސެޖް ފޯރުމުގައާއި މެސެޖު ފަހުމުވާން ދަތިވެ ވަގުތު ނަގާ ކަމެކެވެ. ކަންކަން ދެނެގަތުމުގެ އިތުރުން، ސިކުނޑީގެ ކޮން ދިމާއަކަށް ފޮނުވަން ޖެހޭ މެސެޖެއްކަން ދެނެގަންނަން ދަތިވާ ކަމެކެވެ. މިފަދަ ކުދިންނަށް އިނގިރޭސި އަދި ދިވެހިތާނަ ވިޔަސް އަކުރުތައް ވަކިކޮށް ތަފާތު ދެނެގަންނާކަށް ފަސޭހައެއް ނުވެއެވެ. އަދި ބަހުގައި ހިމެނޭ އަކުރުތަކާއި ފިލިތައް ތަފާތު ކުރުމަށާއި އެއަޑުތައް ނަގައިގަނެ ދެނެގަންނަންވެސް ކިޔުމަށްވެސް ހާއްސައެހީތެރިކަމެއް ބޭނުންވެއެވެ.

1986 ގައި ފެނުނު "ޑިސްލެކްސިޔާ" އަކީ މިހާރު މިއީ އާންމު މައްސަލައެކެވެ. ގިނަ ބެލެނިވެރިން، މައިންބަފައިންނަށާއި، އާއިލާތަކުގެ މީހުންނަށް ގަބޫލު ކުރަން ދަތިވިޔަސް މިއީ ކުރިމަތިލާން ޖެހޭ ކަމެކެވެ.

ބޭރުފުށުން އެއްވެސް ކަހަލަ އުނިކަމެއް ކުއްޖާގެ ގައިން ނުފެންނާނެއެވެ. މުއާމަލާތްކޮށް އުޅުނު ނަމަވެސް ޑިސްލެކްސިއާ ހުންނަ ކުދިން އާންމުކޮށް ކަންތައްތައް ފަހުމުވުން ނުވަތަ ދަސްކުރުން ލަސްވާނެއެވެ. ޑިސްލެކްސިޔާ ހުންނަކަން ފަސޭހައިން ދެނެގަނެވޭނެ އަލާމާތަކީ ލަހުން ކަންތައްތައް ދަސްވާކަން ދެނެގަތުމެ.

ހޯދުންތަކުން ދައްކާ ގޮތުގައި ޑިސްލެކްސިޔާ ހުންނަ ކުދިންގެ ސިކުނޑީގެ އެއްފަޅި، އަނެއްފަޅިއާ ދެމެދު ހެދި އުފެދުމުގައި އުނިކަމެއް ހުރުމާއެކު ސިކުނޑީގެ ވާތްފަޅީގައި މަސައްކަތްކުރާ ބައެއް މަދެވެ. ނާރުތައް އުފެދުމުގައި ދިމާވާ އުނިކަމަކީ އާއިލީ ވާރުތައިން ވެދާނެ ކަމެކެވެ. އުޅެމުން އަންނަ މާހައުލުން ސިނގިރޭޓް ދުމާއި ވިހަގޭހުގެ، އަސަރުން ބަލިވެއިންނައިރު ބޭނުންކުރެވޭ އެއްޗަކުންވެސް ތުއްތު ދަރިފުޅު ޑިސްލެކްސިއާގެ ޝިކާރައަކަށް ވެދެއެވެ.

މިކުދިންނަށް ބޭނުންވަނީ އޯގާތެރިކަމާއި އަޅާލުމެވެ. ލޯތްބާއި އެހީތެރިކަމެވެ. ކެތްތެރިކަމާއެކު މިފަދަ ކުދިންނަށް ސަމާލުކަންދީ ލޯބިދޭށެެވެ. ހޯދުންތަކުން ދައްކާގޮތުގައި ހަތަރު ވައްތަރެއްގެ ޑިސްލެކްސިއާ ހުރެއެވެ. ނަމަވެސް މިމައްސަލައަށް އެއްވެސް ކަހަލަ ދާއިމީ ފަރުވާއެއް ބޭހެއް ވެކްސިނެއް، އެކައްޗެއްވެސް އުފެއްދިފައެއް ނެތެވެ. ގިނައިން ކުޑަކުދިންނަށް ޖެހޭ މިބަލީގެ ސަަބަބުން ކުއްޖާއަށް އެންމެ ބޮޑަށް ދަތިތަކާ ކުރިމަތިލުމެއް ޖެހޭނީ ސްކޫލުތެރެއިންނާއި ކުލާސްތަކުގެ ތެރެއިންނެވެ.

ދިމާކުރުމާއި މަލާމާތްކޮށް ހީނ ހަދާނެއެވެ. ފާޑުފާޑުގެ ބަސްތަކުން ހަމަލާދީ ކުއްޖާ ނަފުސާނީ ބައްޔެއްގެ ޝިކާރައަކަށް ވެދާނެކަމަށް ބިރުގަންނަ ވަރަށް މިކަންތައް ހިނގައެވެ. މިއީ ސަމާލުވާން ޖެހޭ ފަރުވާތެރިކަމާއެކު ބަލަހައްޓަން ޖެހޭ، އޯގާތެރިވެ ލޯބިން ހޭހަން ކޮށްދޭން ޖެހޭ ކަމެކެވެ.