ގެދޮރުވެރިޔާގެ ސްކީމަށް ޝަރުތުހަމާ އެންމެންނަށް ފެލެޓު ދޭން ނިންމައި ސަރުކާރުން އިމާރާތްކުރަމުން އަންނަ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށްފިއެވެ.

މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ.

އަދި ފޯމް ހުށައެޅުމުގެ ސުންގަޑި މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުޞަތުގައި ފްލެޓަށް އެދި 20697 އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ. އަދި ގޯއްޗަށް އެދި 15164 އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ހުޅުމާލޭގައި 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ.ފްލެޓަށް އެދި ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ވަނީ ފޯމު ހުށަހަޅައިފަ އެވެ. ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.

މިފެލްޓަތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓާއި 2 ކޮޓަރީގެ އެޕާޓްމަންޓެވެ. ކޮނެމް އެޕާޓްމަންޓެއްވެސް ތަރައްޤީކޮށްފައިވަނީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަށް، ޖާގަ ތަނަވަސް އަދި ޒަމާނީ ފެންވަރަށެވެ.

ފްލެޓް ލިބޭ މީހުން އިއުލާންކުރުމަށްފަހު، ލިސްޓަށް ޝަކުވާ ހުށަހަޅަން ފަނަރަ ދުވަހުގެ މުއްދަތެއް ލިބޭނެކަމަށް ފްލެޓާއި ގޯތި ކޮމިޓީގެ ޗެއަރމަން، ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެފައިވެއެވެ.