مُحَـمَّدٌ رَسُـوْلُ اللَّـه

ޢަބްދުﷲ ނަޢީމު އިބްރާހީމު

ޤަދީމީ މައްކާގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފަންވެވަޑައިގަތްއިރު، މައްކާގައި އޮތީ ޝިރުކުގެ ވަބާ ވަރަށް ބޮޑަށް ފެތުރިފައެވެ. ހުރިހައި ފައިދާތަކެއް ގުޅިފައި އޮތީ ޝިރުކާއެވެ. އެހެންނަމަވެސް އެކަލޭގެފާނު، އެކަލޭގެފާނު އަމިއްލަ ނަފްސު، އެ ޙާލަތަށްވުރެ މައްޗަށް އުފުއްލެވިއެވެ. ޙާލާތުގެ ފައިދާ ހޯއްދެވުމުގެ ބަދަލުގައި އެކަލޭގެފާނު ފެއްޓެވީ ޙައްޤަކީ ކޮބައިތޯ ހޯއްދެވުމުގެ މަސައްކަތްޕުޅެވެ. ﷲ ގެ މަދަދު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް ހިދާޔަތުގެ އަލިމަގު ފެނިވަޑައިގަތެވެ. އޭގެ ފަހުން ﷲ އެކަލޭގެފާނަށް ނަބިކަން ދެއްވިއެވެ.

Advertisement

އެކަލޭގެފާނު ވެވަޑައިގަތީ ﷲ އަށް ތެދުވެރިކަމާއެކު އަޅުކަން ކުރައްވާ ބޭކަލަކަށެވެ. އެކަލޭގެފާނުގެ ހުރިހައި ޖަޒުބާތެއްގެ މައިގަނޑަކަށް ހެއްދެވީ ހަމައެކަނި އެއްކައުވަންތަ ﷲ އެވެ. އެކަލޭގެފާނުގެ މުޅި ވުޖޫދު ﷲ އަށް ވަޤުފުކޮށްލެއްވިއެވެ. ހަމައެކަނި ދުވާލަކު ނޫނެވެ. ރޭގަނޑުވެސް އެކަލޭގެފާނު ﷲ އަށް އަޅުކަން ކުރެއްވީއެވެ. ހަމައެކަނި މީހުން ކުރިމަތީގައެއް ނޫނެވެ. މީހުންނަށް ނުފެންނަތާނގައިވެސް އެކަލޭގެފާނު ގެންދެވީ އަޅުކަން ކުރައްވަމުންނެވެ.

އެކަލޭގެފާނު ފުރިހަމަ އަޚްލާޤަކީ އެކަލޭގެފާނުގެ ފޭރާންކޮޅެއް ކަމުގައި ހެއްދެވިއެވެ. މީސްތަކުން އެކަލޭގެފާނާމެދު ނުބައިކޮށް ކަންތައް ކުރީމާވެސް، އެކަލޭގެފާނު އެމީހުންނާމެދު ކަންތައް ކުރައްވަމުން ގެންދެވީ ނުހަނު ރަނގަޅު ގޮތުގައެވެ. މީސްތަކުން އެކަލޭގެފާނަށް އަނިޔާ ކުރިއެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު އެމީހުންނަށްޓަކައި ހެޔޮ ދުޢާ ކުރައްވަމުން ގެންދެވިއެވެ. އަނިޔާވެރިންގެ އަނިޔާއަށް އެކަލޭގެފާނު ކެތްތެރިވެވަޑައިގަތެވެ. ކޯފާ އިސްކުރައްވަން ޖެހޭ ޙާލަތްތަކުގައިވެސް އެކަލޭގެފާނު ކޯފާ އިސްކުރައްވައެއް ނުހައްދަވައެވެ.

އަމިއްލަފުޅު ވަޒަނުގައި އުޅުއްވުމަކީ ދަތިފުޅު ކަމަކަށް މުޝްރިކުން ހެދިއެވެ. މަޖުބޫރުވެވަޑައިގެން ވަޒަން ދޫކުރައްވައި އެކަލޭގެފާނު ހިޖުރަ ކުރެއްވިއެވެ. މައްކާ ދޫކުރައްވައި މަދީނާއަށް ވަޑައިގަތެވެ. އެކަލޭގެފާނު ވަޒަން ދޫކޮށްލެއްވުން ހިޖުރައަކަށް ހެއްދެވިއެވެ. އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ ކުރަން މީސްތަކުން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަލޭގެފާނު ނުހަނު ވަރުގަދަ ޢަޒުމްފުޅަކާއެކު ދައްކަވަމުން ގެންދެވީ ހަނގުރާމައިގެ ބާރަށްވުރެ، އަމާންކަމާއި ޞުލްޙައިގެ ބާރު މާގަދަ ކަމުގައެވެ.

އެކަލޭގެފާނަށް މަޝްހޫރުކަމާއި މަޤްބޫލުކަން ލިބިވަޑައިގަތެވެ. އެކަމަކު އެކަލޭގެފާނު އެއިން ކަމަކަށް ބޮޑާވެވަޑައެއް ނުގަނެއެވެ. އެކަލޭގެފާނަށް މުއްސަނދިކަން ލިބިވަޑައިގަތެވެ. އެހެންނަމަވެސް އެކަލޭގެފާނު އުޅުއްވީ ބޭކާރު އަރާމާއި، އުފަލާ ދުރުގައެވެ. އެކަލޭގެފާނަށް ވެރިކަން ލިބިވަޑައިގަތެވެ. އެކަމަކު ވެރިކަމުގެ ސަބަބުން އެކަލޭގެފާނުގެ ތަވާޟުޢުވެރިކަން އިތުރުވެގެން ދިޔައީއެވެ. އެކަލޭގެފާނަށް ހުރިހައި މަތިވެރިކަމެއް ލިބިވަޑައިގަތެވެ. އެކަމަކު އެމަތިވެރިކަމުގެ ސަބަބުން އެކަލޭގެފާނުގެ އަޅުވެރިކަމާއި، މަޑުމައިތިރިކަން އިތުރުވެގެން ދިޔައީއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވަނީ އެކި ކަހަލަ ދަތު އުނދަގޫތަކާ ކުރިމަތިލައްވާން ޖެހިވަޑައިގެންފައެވެ. އެކަލޭގެފާނު ވަނީ އެތައް ހިތި ތަޖްރިބާއެއް ކުރައްވާފައެވެ. އަތްޕުޅުމަތި ދަތި ދުވަސްވަރު އެކަލޭގެފާނު ވަނީ ދެކެވަޑައިގެންފައެވެ. އަރާމާއި، ތަނަވަސްކަމުގެ ދައުރުވެސް ވަނީ ތަޖްރިބާ ކުރައްވާފައެވެ. ފުރިހަމަ ޞިއްޙަތުފުޅަކާއި، ބަލިޙާލުކޮޅުވެސް ވަނީ ކުރިމަތިވެ ވަޑައިގެންފައެވެ. އެކަލޭގެފާނު ވަނީ ތާރީފުކުރާ މީހުންނާވެސް ބައްދަލު ކުރައްވާފައެވެ. އަދި ދެކޮޅުވޗެރިކަމާއެކު ފާޑުކިޔާ މީހުންނާވެސް ކުރިމަތިލައްވާފައެވެ. ދިރިއުޅުއްވުމުގައި ހަތުރުންނާއި، މިތުރުންނާ މުޢާމަލާތް ކުރެއްވިއެވެ. ބަލިވުމާ ކުރިމަތިލެއްވިއެވެ. ނުހަނު ބޮޑެތި ކާމިޔާބީ ހޯއްދެވިއެވެ. އެހެންނަމަވެސް މިއިން ކޮންމެ ޙާލަތެއްގައިވެސް އެކަލޭގެފާނު ވަނީ އީމާންކަމުގައި ގާއިމުވެ ހުންނަވާފައެވެ. ކޮންމެ ޙާލަތެއްގައިމެ، ﷲ އަށް ޝުކުރު ކުރައްވައި، ކެތްތެރިވެ ވަޑައިގަތެވެ.

Advertisements