ޤައުމީ ފެރީ ނިޒާމުކަމަށްވާ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް އައްޑޫ ސިޓީގައި ފެށުމަށްޓަކައި އެ ސަރަހައްދުގެ މުވައްސަސާތަކާއި އާއްމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ފަށައިފިއެވެ.

އެ ކަމަށް ތައްޔާރުވުމުގެ ގޮތުން އައްޑޫ ސިޓީގެ އެކި ރަށްތަކުގެ ކައުންސިލްތަކާއި ސަރުކާރުގެ އެކި މުއައްސަސާތަކާއި ބައްދަލުކޮށް ހިޔާލު ހޮދައި މަޝްވަރާކޮށް އެހިދުމަތް ވިހާވެސް އަވަހަށް ފެށުމަށް ތައްޔާރުކުރުވުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

އެމްޓީސީސީން ބުނީ އައްޑޫ ސިޓީ ގަމާއި ހުޅުމީދޫ، ފޭދޫ އަދި ހިތަދޫގައި އާންމުން ހޭލުންތެރި ކުރުމުގެ ސެޝަންތަކެއް ބާއްވާފައިވާ ކަމަށެވެ.

ފަސޭހައިން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ޤައުމީ ފެރީ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަށް ފެރީ ނިޒާމުން ގުޅާލާފައެވެ. އަދި ޅ. އަތޮޅާއި ހުވަދޫ އަތޮޅުގައި ވެސް އާރްޓީއެލްގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ.

ޤައުމީ ފެރީ ވިއުގައަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ.