ހުއްދަ (3)

2

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

“ޒުބައިދާ- މިތާނގައި… މި އޮފީހުގައި ކީއްކުރަނީ…؟” ރިޒާ ސުވާލު ކޮށްލިއެވެ.

Advertisements

“އަހަރެން އަނެއްކާވެސް މި ރަށަށް އައީ- ގޭގެ ޙާލަތު މިހާރު ހުރި ގޮތުން ވަޒީފާއެއް އަދާ ކުރަން މަޖުބޫރުވީ- ނުކައެއް ނޫޅެވޭނެއެއްނު ދޯ-؟”

“ޒުބައިދާއާ ބައްދަލުވީތީ ވަރަށް އުފާ ވެއްޖެ- ވަގުތެއް ވެއްޖެއްޔާ ގެއަށް ޖައްސައިލާތި-”

ރިޒާ ވައިގެ ތެރޭގައި ރީތި މަންޒަރުތަކެއް ކުރަހަން ފަށައިފިއެވެ

“ފަސް މިނިޓުގެ ތެރޭގައި އަހަރެންގެ މަސައްކަތް ނިމިދާނެ- ދެން އޮންނާނީ ހުސް ވަގުތު- ހިނގާ ދަމާ-” އޭނާ އަކީވެސް އެކަނިވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްކަން ނޭނގެ އެވެ. ރިޒާގެ ހިތުގައި ވެސް ކުއްލިއަކަށް މާޒީގެ ގުޅުމުގެ ހަނދާންތައް ހިނގަން ފަށައިފިއެވެ. އަދި ރޫބީގެ ވާހަކަވެސް ހަނދާނަށް އަތުވެއްޖެ އެވެ. ރޫބީ އޮތީ އޭނާއަށް ހެޔޮ ހިތުން ހުއްދަ ދީފައެވެ.

ގެއަށް ވަދެވުމާއެކު ޒުބައިދާ ގޮސް ވަނީ އޭނާ ދެކެ ފަރިތަ ކޮޓަރިއަށެވެ. އަދި ދޯޕައްޓާ ނަގައި އެއްލައިލިއެވެ. ވަރަށް ހޫނު ގަދައެވެ. އެހެންވީމާ ފަންކާ ހިންގާލާފައި ގޮސް އެނދުގައި އޮށޯވެއްޖެ އެވެ.

ރިޒާ އައިސް އަލަމާރިން ދެ ޕެކެޓު ޖޫސް ނަގައިގެން އައިސް އެއް ޕެކެޓު ޒުބައިދާއަށް ދީފައި އަނެއް ޕެކެޓު ބޯން ފަށައިފިއެވެ.

ޒުބައިދާ އޭނާގެ ނާކާމިޔާބު ކާވެނީގެ ހިތްދަތި ވާހަކަ ރިޒާއަށް ކިޔައިދޭން ފަށައިފި އެވެ. މައިދައިތައާއި، ފިރިމީހާގެ ގޭގެ މީހުންގެ އަނިޔާވެރިކަމުގެ ވާހަތައް ކިޔަން ފަށައިފިއެވެ. އޭނާ ވާހަކަ ދައްކަމުން ދަނީއެވެ. އެކަމަކު ރިޒާ އަކަށް އަޑެއް ނީވެއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ޒުބައިދާގެ ރީތި ދެ ލޮލަށެވެ. އޭނާގެ ސިކުނޑީގައި ކުރެހެމުން ދަނީ ޒުބައިދާގެ ރީތި ހަށިގަނޑެވެ. އެ ހަށިގަނޑަކީ ދުވަހަކުވެސް އޭނާ އަށް ފެނިފައިވާ ހަށިގަނޑެއް ނޫނެވެ. އެހެން ނަމަވެސް މިހާރު އޭނާއަށް ކޮންމެވެސް ވަރެއްގެ އިޙްސާސެއް އެބަ ކުރެވެއެވެ. ޒުބައިދާގެ ތުނިތުނި އިނގިލިތައް އޭނާގެ އަތުގައި ބީހެމުން ދިޔަ ދުވަސްތައް ހަނދާނަށް އަންނަން ފަށައިފިއެވެ. އޭނާގެ ރީތި ވާހަކަތަކާއި، ކުޑަ ކުއްޖެއްހެން ރުޅި އަންނަ ގޮތާއި، ފަހުން ރުޅި މަޑުވާ ގޮތް ހަނދާނަށް އަންނަން ފަށައިފިއެވެ. އޭނާ ވަނީ ޢަޖައިބެއް ފަދަ ސިހުރެއްގައި ޖެހިފައެވެ. ހިމޭނުން އޮށޯވެގެން އޮތީއެވެ.

ޒުބައިދާ ވާހަކަ ދެއްކުން ހުއްޓައިލައިފިއެވެ. އެކަމަކު ރިޒާ އަކަށް އެ ކަމެއް ނޭނގެއެވެ. ޒުބައިދާ އޭނާގެ ޖޫސް ޕެކެޓު ހުސްކޮށްލައިފިއެވެ. އަދި ރިޒާ އާ ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.
“ހިނގާ- އަހަރެން ޒުބައިދާ ގެއަށް ގެންގޮސް ދޭނަން-” ރިޒާ ކުއްލިއަކަށް ތެދުވެއްޖެއެވެ. ޒުބައިދާ ޙައިރާން ވެފައި ތެދުވެ، ދޯޕައްޓާ ނަގައިފިއެވެ.

ރޫބީ ހޯދާކަށް އުނދަގުލެއް ނުވިއެވެ. އޭނާ އިނީ ކުތުބުޚާނާ ގައެވެ. ފޮތް ތަކެއްގެ ތެރެއަށް ގެއްލިފައެވެ. އިމްތިޙާނަށް ދެން އޮތީ ކުޑަ ދުވަސްކޮޅެކެވެ. ރިޒާ ބޭނުން ވަނީ ހަމަ އެ ވަގުތު އޭނާއަށް އެ ވާހަކަ ކިޔައި ދޭށެވެ.

އޭނާ ބުނަން ބޭނުން ވަނީ ރޫބީ ނޫން އެހެން މީހަކާ އެއްވެސް ކަހަލަ ގުޅުމެއް ބާއްވަން ބޭނުން ނުވާ ވާހަކައެވެ. އަދި ބޭނުން ވިޔަސް ނުބޭއްވޭނެ ވާހަކައެވެ. އޭނާ ދިޔައީ ހިތުގައި ވަރަށް ދިގު ތަޤްރީރެއް ތައްޔާރުކޮށް ނިންމައިގެންނެވެ.

އަހަރެން ކިތަންމެ ދުވަހެއް ވިޔަސް އިންތިޒާރު ކުރާނަމޭ ބުނާނީއެވެ.

ކާވެނި ކުރަން ޖެހުނަސް އެ ވާހަކަވެސް ދައްކާނީއެވެ. ލޯތްބާއި، އެހެން ގުޅުންތައް ވަކިކޮށް، ދިރިއުޅުމަކީ ކުޅިވަރަކަށް ހަދައިގެންނެއް އަހަރެންނަކަށް ނޫޅެވޭނެއެވެ. އަހަރެން ދެކޭ ގޮތުގައި ލޯތްބެއް ފުރިހަމަ ވުމަކީ ހުރިހައި ބާވަތެއްގެ ގުޅުންތައްވެސް ފުރިހަމަ ވެގެން ދިއުމެވެ.

އަހަރެންގެ ހިތާއި، ހަށިގަނޑާއި، ސިކުނޑިއަށް ބާރު ފޯރުވޭނީ ހަމައެކަނި ރޫބީ އަށެވެ. އެހެން އެއްވެސް މަޚްލޫޤަކަށް އެ ޙައްޤެއް ނުދެވޭނެއެވެ.

“އަހާނ… ރިޒާ… މި ވަގުތު، މިތާނގައި…” އޭނާ ކޮޅަށް ހުއްޓާ ފެނުނީމާ ގޮނޑިއެއްގައި އިށީންނަން އިޝާރާތް ކޮށްފައި ރޫބީ ބުނެލިއެވެ. ބ”ަލަ ފުރަތަމަ ޕޭޕަރު އޮތީ މާދަމާ ނޫން އަނެއް ދުވަހުއެއް ނޫންތަ-؟ ފިލާވަޅެއް ދަހެއް ނުކުރަންތަ-؟ އަތް ދައްކަބަލަ- މިހާރު ހުންނާނީ ފިނި ވެފައި-” އޭނާ އާދައިގެ މަތީން ރިޒާގެ އަތްތިލަ މޮޑެދޭން ފަށައިފިއެވެ. އަދި މަޑު މަޑުން އެ އަތްތިލައި އޭނާގެ ތުންފަތުގައި ޖައްސައިލިއެވެ.

“ކިހިނެއްވީ-؟ މާ ވަރަކަށް ތިޔަ ބަލަނީ ކިހިނެއް ވެގެން-؟ ރިޒާގެ ލޮލަށް ބަލަން ފެށީމާ އަހަރެން ހާސްވާކަން ދަންނަމެއްނު-؟” ރޫބީ ހިނިތުންވެލިއެވެ.

“ރޫޕް- އަހަރެން މިއައީ ވާހަކައެއް ދައްކަން ވެގެން- ރޫޕް އަހަންނަށް ހުއްދަ ދިނީމެއްނު…؟”

ރިޒާ ވާހަކަ ދައްކަމުން ދިޔައީ އަޅައަޅައިގަންނަމުންނެވެ. ވާހަކަ ފަށާނީ ކިހިނެއް ކަމެއް އޭނާ އަކަށް ނުވިސްނެއެވެ.

“އޯހ މައި ގޯޑް- “ރޫބީގެ ހިތުގައި ހީވީ ބާރު އެތިފަހަރެއް ޖެހީ ހެންނެވެ. ކުއްލިއަކަށް ފޮތް ހަރުގަނޑުގައި ހުރިހައި ފޮތެއް ރާސް ލާފައި ފައިބައިގެންފިއެވެ.

މި ނުލަފާ މީހާގަނޑު މިއަދު އެ އައީ އޭނާގެ ފާހިޝް އެދުންތައް ފުއްދައިގެންނެވެ. އެ އުޅެނީ އަހަރެން ލައްވައި ސާބަހޭ، މޮޅޭ، ބުނުވަން ވެގެންނެވެ. ތިމާގެ ކުށުގެ އިހްސާސް ފޮރުވަން ވެގެން މާ ވަފާތެރި، ތެދުވެރި މީހަކަށް ހެދެން އުޅެނީ އެވެ. ރިޒާގެ އަތު ތެރޭގައި އޮތް ރޫބީގެ އަތްތިލަ ފިނި ވެއްޖެއެވެ. ފުރާނަ ނެތް އެއްޗެކޭ އެއްވަރު ވެއްޖެއެވެ. އޭނާ އަތް ދަމައިގަންނާކަށް ނޫޅެއެވެ. އެހެން އިނދެފައި ވަރަށް މަޑު މަޑުން އަހައިލިއެވެ. “ރިޒާގެ ތަޖްރިބާ ކިހިނެއް-؟” އޭނާ އެހެން އެހި ގޮތުން ހީވަނީ ކިޔަވާ ފިލާވަޅުގެ ވާހަކައެއް އެހީ ހެންނެވެ. އައިންސްޓައިންގެ ތިއަރީއެއްގެ ވާހަކަ އެހީ ހެންނެވެ.

“އަޑު އަހާބަލަ- ރޫބީއަކަށް ޤަބޫލެއްވެސް ނުކުރެވޭނެ-” ރިޒާ ހުރީ ވަރަށް ބޮޑަށް އުފާ ވެފައެވެ.

“ކިޔައިދީ- އަވަހަށް ކިޔައިދީ- ކިޔައިދޭން ބޭނުމިއްޔާ ކިޔައިދީ- މައްސަލައެއް ނެތް-” ރޫބީ ދެކޮނޑު ހިއްލައިލިއެވެ.

“އަހަރެން އޭނާ ގޮވައިގެން އައީ ގެއަށް- ގޭގައި ތިބެގެން ވާހަކަ ދެއްކީ- ވަރަށް ހޫނު ގަދަ- އެހެންވީމާ އަހަރެންގެ ހިތަށް އެރީ ފިނި އެއްޗެއް ބޯލާނީއޭ- އަހަރެން ޖޫސް ގެނެސް އޭނާއަށް ދިނީ-”

“ކީކޭ-؟” ރޫބީ އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. “އޭނާއަށް ޖޫސް ވެސް ދިނީތަ-؟”

“އާނ- ކޮންމެވެސް އެއްޗެއް ދޭން ވާނެއެއްނު-؟ މެހްމާނުންނަށް ކަމޭ ހިތަން ވާނެއެއްނު-؟ އަހަރެމެން ދެ މީހުންވެސް ތިބީ ފެން ބޮވައިގެންފައި- ކިހިނެއްވީ-؟”

“ކިތައް ޕެކެޓް ޖޫސް” ރޫބީ އަހައިލިއެވެ.

“ދެ ޕެކެޓް”

“ކިތައް ހޮޅި؟”

“ދެ ހޮޅި؟ ތިޔަ ދަމަނީ ކޮން ހާސަރެއް؟”

“ދެ މީހުން ޖޫސް ބުއީ ކިހިނެއް؟”

“ބުއީ ކިހިނެއް ހެއްޔޭ؟ ބުއީ ހަމަ ޖޫސް ބޯ ގޮތަށް.” ރިޒާ ރުޅި އައިސްފައި ބުނެލިއެވެ. “ތިޔަ ދައްކަނީ ކޮން ކަހަލަ ވިޔާނުދާ ވާހަކައެއް-؟ ޖޫހާ މި ވާހަކަޔާ އޮތީ ކޮން ގުޅުމެއް-؟ އަހަރެމެން ދެ މީހުން… ބަލަ އެ ވާހަކަ އަޑު އަހަން ބޭނުން ނުވަނީތަ-؟”
“ކުރި ކަންތައްތަކަކީ އަހަންނަކާ ބެހޭ ކަމެއް ނޫން-” ރޫބީ ވެސް ރުޅި އައިސްފައި ބުނެލިއެވެ.

“އާނ- އެހެން ވެއްޖެއްޔާ އަޑު އަހާ- އަހަރެމެން ދެ މީހުން ޖޫސް ބުއީ އެއް ހޮޅިއަކުން- އޮޅުން ފިލުވަން އުޅޭ ކަމަކީ އެޔެއްނު، ދޯ-؟” ރިޒާ ރުޅި އައިސްފައި ދޮގެއް ހަދައިލިއެވެ. އޭނާ އެ އައީ މި އަންހެން ކުއްޖާއަށްޓަކައި ނުލާހިކު ބޮޑު ޤުރްބާނީއެއް ވެފައެވެ. އެކަމަކު މި ކުއްޖާގަނޑު އެ އުޅެނީ ޖޫސް ބުއި ގޮތް ނޭނގިގެންނެވެ.

ރޫބީ ގިސްލާފައި ރޯން ފަށައިފި އެވެ.

“އަހަރެން ރިޒާ އަށް ހުއްދަ ދިނީ އެހެން ކަމަކަށްނު-؟ އެހައި ގާތް ގުޅުމެއް ބާއްވާކަށް ނޫނެއްނު-؟”

(ނިމުނީ)

Advertisements

2 COMMENTS

  1. Aa vaahaka eh fennaanee kondhuvahakunthoa..
    INI ge aa vaahaka akah inthizaaru kuran.
    Shakkehnethi reethi vaanekan en’gey.ehenveema Naeem ge vaahaka akah inthizaaru kurevenrr

Comments are closed.