ދިވެހިރާއްޖޭގައި އިސްލާމީ ޢިލްމު ފަތުރައި އިސްލާމީ ޙަޟާރަތު ދިރުވައި ކުރިއަރުވައި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ ޤައުމީ އަދި އުންމަތުގެ މަތިވެރި ޚިދުމަތުގައި އަބަދުވެސް ދެމި ހުންނާނަން. އިންޝާ ﷲ.

ދިވެހިގައުމާއި އުންމަތުގެ މަތިވެރި ހިދުމަތުގައި އަބަދުވެސް ދެމިހުންނަވާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިހެން ވިދާޅުވީ އެކްސް.ކޮމް ގައި ކުރައްވާފައިވާ ޓުވީޓެއްގައެވެ. އެޓުވީޓުގައި ޑރ ޝަހީމް ވަނީ ދިވެހިރާއްޖޭގައި އިސްލާމީ އިލްމު ފަތުރައި އިސްލާމީ ހަޟާރަތު ދިރުވައި ކުރިއަރުވައި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ ގައުމީ އަދި އުންމަތުގެ މަތިވެރި ހިދުމަތުގައި އަބަދުވެސް ދެމި ހުންނާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް އެޓުވީޓުގައި ވެސް އަދި އޭގެ ފަހުން ދެން ކުރެއްވި އެހެން ޓުވީޓެއްގައިވެސް ސިޔާސީ އެއްވެސް ބަހެއް ޑރ ޝަހީމް ވިދާޅުވެފައެއް ނެތެވެ.

ސިޔާސީ ކުރިމަގާމެދު ނިންމަވާ ނިންމެވުމެއް ޖެހިގެން އަންނަ ދުވަހު ހާމަކުރައްވާނެކަމަށް މިމަހުގެ 5 ވަނަ ދުވަހު ވިދާޅުވި ފަހުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އެއްވެސް ހަބަރެއް ނުވެ ދެތިން ދުވަސް މެދުކެނޑުމަށްފަހު މިއަދު ހަބަރެއްވީއިރުވެސް އޭގައިވެސް ސިޔާސީ އެއްވެސް ވާހަކައެއް ވިދާޅުވެފައެއް ނުވެއެވެ. ހާއްސަކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެތައް ބޮޑެތި ކަންތައްތަކެއް ވެނިމިގެން ދިޔަ މިފަދަ ދަނޑިވަޅެއްގައި، އަމުދުން ސިޔާސީ ކުރިމަގާމެދު ގޮތެއް ނިންމަވަން ވިދާޅުވެފައި، އޭގެ އެއްވެސް ބަހެއް ވިދާޅުވެފައި ނެތުމުން ގިނަ ބައެއްގެ ފާޑު ކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރެއްގެގޮތުގައި ހުންނެވި ޑރ. ޝަހީމަކީ ރައީސް ޔާމީން 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނެވީ ރަނިންމޭޓެއްގެ ގޮތުގައެވެ. ރަައީސް ޔާމީންގެ ވެރިކަމަށްފަހު ޑރ ޝަހީމް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކަކަށް އުޅުއްވިއެވެ. ސައުދީ އަރަބިއްޔާގައި އޯއައިސީގެ ވަޒީފާއެއްގައި ދިރިއުޅުއްވުމަށްފަހު ރާއްޖެ ވަޑައިގަތްފަހުންވެސް ސިޔާސީ ކަންކަމަކުން ފެނިވަޑައިނުގަންނަވައެވެ. މުޅިންހެން އުޅުއްވީ އިސްލާމް ދީން ކުރިއެރުވުމާއި ތައުލީމީ ދާއިރާގެ މަސައްކަތްތަކެއްގައެވެ.

އެހެންކަމުން ޑރ. ޝަހީމް އެގޮތަށް ސިޔާސީ ކުރިމަގާމެދު ނިންމަވާ ނިންމެވުމެއް ވިދާޅުވާނެ ކަމަށް ހާމަކުރެއްވުމުން، ގިނަބަޔަކު އެމަނިކުފާނުގެ ނިންމެވުމަށް އިންތިޒާރު ކުރަމުންދަނިކޮށް ކުރެއްވި ދެ ޓުވީޓުގައިވެސް ސިޔާސީ އެއްވެސް ބަހެއް ވިދާޅުވެފައި ނެތެވެ.