ސަރަހައްދީ ދާރުލްއާސާރުތަކެއް ރާއްޖޭގައި އަޅަނީ

0
ޤައުމީ ތާރީހީ ދުވަހުގެ ޖަލްސާގެ ތެރެއިން

ރާއްޖޭގައި ސަރަހައްދީ ދާރުލްއާސާރުތަކެއް ހުޅުވުމަށް މަސައްކަތްކުރައްވަމުންގެންދަވާކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބަައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދާރުލްއާސާރުގެ އެކިއެކި ގޮފިތައް ހުޅުވި، ސަރަޙައްދީ ދާރުލްއާސާރުތަކާއި އަމިއްލަ ދާރުލްއާސާރުތައް ހުޅުވިގެންދިއުމަކީ ދިވެހީންގެ ޒަމާންވީ ތާރީޚާއި ތަރިކައާއި ސަޤާފަތާމެދު ދިވެހިންގެ ހިތްތަކުގައި ފަޚުރުވެރިކަން އުފެދޭނޭ ކަމެއް ކަމަށެވެ. އަދި މި ސަރަޙައްދީ ދާރުލްއާސާރުތައް ވެގެންދާނީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ހުވަދޫ ސަރަޙައްދީ ދާރުލްއާސާރު ހުޅުވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މީގެ އިތުރުންވެސް އެހެނިހެން ހިސާބުތަކުގައި ސަރަޙައްދީ ދާރުލްއާސާރު ހުޅުވުމުގެ ޕްލޭންތައް ތައްޔާރުކުރެވި މަޝްވަރާތައް ކުރެވެމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދާރުލްއާސާރަކީ އެ މުޖުތަމަޢެއްގެ ތާރީޚާއި، ފަންނުވެރިކަމާއި ސަޤާފަތާއި ތަރިކައާއި ގުޅޭ މަޢުލޫމާތު އެ މުޖުތަމަޢެއްގެ އަހުލުވެރިންނަށާއި ދިރާސާކުރާ ފަރާތްތަކަށާއި، ޒުވާނުންނަށާއި، ކިޔަވާކުދިންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ތަންތަން ކަމަށެވެ. އަދި ދާރުލްއާސާރަކީ ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމަށްވާއިރު ދާރުލްއާސާރުތައް ތަރައްޤީކޮށް އެތަން މުއްސަނދިކުރުން ވެގެންދާނީ ދިވެހިރާއްޖެ އިޖުތިމާޢީގޮތުން ކުރިއަރާ ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް ރާއްޖެއަށް މާލީ މަންފާތަކެއް ލިބި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހެޔޮ އަސަރުތަކެއް ކުރާނޭ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި ތަރިކަތައް ހިމާޔާތްކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

މިނިސްޓަރގެ މެސެޖުގައި ވަނީ ރާއްޖޭގެ ދާރުލްއާސާރުގައި ހުރި އާސާރުތަކަކީ ދިވެހީންގެ ހަނދާންތަކާއި، ޝުޢޫރުތަކާއި އަމިއްލަވަންތަކަމާއި ގުޅިފައިވާ ތަކެތިކަން ފާހަގަކުރައްވާ، މިތަކެއްޗާއި މިތަކެތިން ލިއްބައިދޭ އަގުހުރި މަޢުލޫމާތު ރައްކާތެރިކުރުމަކީ އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ހެދުމަށް ގޮވާލައްވާފައެވެ. އަދި މިއީ، ކާބަފައިން ޙަވާލުކުރައްވާފައިވާ އަގުބޮޑު އަމާނާތެއްކަން ފާހަގަކުރައްވާ މިތަކެތި ރައްކާތެރިކޮށް ދަމަހައްޓާ އަދުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ހެދުމަށްވެސް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ޤައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 19ގައި އޭރުގެ ވަޒީރުލްއަޢުޒަމް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އަދި ޒަމާނީ ދާރުލްއާސާރެއް ޤާއިމްކުރުމުގެ ޕްލޭންތައް ތައްޔާރުކުރެވި ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 2008 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހު ޤަޢުމީ ދާރުލްއާސާރުގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވިއެވެ. އަދި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގއި 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މި ޢިމާރާތް ހުޅުއްވައިދެއްވިއެވެ.

ރާއްޖޭގައި ހުރި އެނެމް ގިނަ ދުވަސްވީ އެއް މިސްކިތް

ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަކީ ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކައާއި ސަޤާފަތާއި ބެހޭ ހުރިހައި މަޢުލޫމާތެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފުރުޞަތު ފަހިކޮށްދީފައިވާ ތަނެކެވެ. އެންމެ އެވޭލާ ޒަމާނުގެ ތާރީޚުން ފެށިގެން، ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކާއި، ތަރައްޤީގެ މަރުޙަލާތަކާއި، ރަސްރަސްކަލުންގެ ރަސްކަމުގެ ދައުރުތަކާއި ރާއްޖޭގައި ފާހަގަކޮށްފައިވާ ޚާއްސަ ކަންތައްތަކުގެ މަޢުލޫމާތުވެސް ދާރުލްއާސާރުގައި ރައްކާކޮށްފައިވެއެވެ.

ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަސް ފާހަގަކުރަން ފަށާފައިވަނީ އިންޓަރނޭޝަނަލް ކައުންސިލް އޮފް މިއުޒިއަމްސް (އައިކޮމް) އިން 1977 އިން ފެށިގެން ކޮންމެ އަހަރެއްގެ މެއި މަހުގެ 18 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމުމާ ގުޅިގެންނެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދާރުލްއާސާރުތަކަކީ ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ ތަފާތުކަމާއި، މުއްސަނދިކަމާއި، އެބައެއްގެ އެއްބައިވަންތަކަމާއި ސުލްޙަމަސަލަސްކަން ދައްކައިދޭ ތަނަކަށް ވުމާއިއެކު، މި ކަންކަމަށް އާންމުންގެ މެދުގައި ހޭލުންތެރިކަމާއި ލޯބި އިތުރުކުރުމެވެ. އެގޮތުން، މި އަހަރުގެ ދާރުލްއާސާރު ދުވަހުގެ ޝިޢާރަކީ “ދާރުލްއާސާރުތަކަކީ ސަޤާފަތުގެ ނާރެސް – އާދަކާދައިގެ ކުރިމަގު” މިއެވެ. މި ޝިޢާރުން ބާރުއަޅަނީ ދާރުލްއާސާރުތަކުގެ ބަދަލުވަމުންދާ ތަސައްވުރަށެވެ.

 

Advertisements