ކޮވިޑް ނައިނަމަ ގައުމީ އުފެއްދުންތެރިކަން 140 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި މި އަހަރު ނިމޭއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވްގައި ގާތްގަނޑަކަށް 500 ބިލިއަން ޑޮލަރު އޮންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ރޭ ގައްދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެވާހަކަފުޅުގައި ކޮވިޑުގެ ސަބަބުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 81 ބިލިއަން ރުފިޔާއިން 51 ބިލިއަން ރުފިޔާއަށް ދަށަށް ދިޔަ ކަން ފާހަގަ ކުރައްވައި މިނިސްޓަރ އަމީރު ވިދާޅުވީ ކޮވިޑު ނައި ނަމަ ރާއްޖޭގެ އިގްތިސާދު އޮންނާނެ ގޮތުގެ ތަސައްވަރެއް ރައްޔިތުންނަށް ދެއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކޮވިޑު ނައި ނަމަ، ގައުމީ އުފެއްދުންތެރިކަން 140 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

"ޔޫސެބަލް ރިޒާވްގައި 500 މިލިއަން ހުންނާނެ،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، 2028 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ޑަބަލް ކުރާ ވާހަކަ ދައްކަނީ، ރާއްޖެއަށް އަންނަ އުމްރާނީ ތަރައްގީތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓު ތަރައްގީކޮށް ނިމުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.

އަދިވެސް އިތުރަށް މިނިސްޓަރ އަމީރުގެ ވާހަކަފުޅުގައި 2028 ވަނަ އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 260-280 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.