ޑޫސެލްޑޯފް (ޖަރުމަނުވިލާތް): ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ވައްޓާލި ބޮމެއް ޖަރުމަނުގެ ހުޅަނގުގެ ސިޓީއެއް ކަމަށް ޑޫސެލްޑޯފްއިން ފެނުމުން، އެސަރަހައްދުގައި ދިރިއުޅޭ ގާތްގަނޑަކަށް 13،000 މީހުން ރައްކާތެރި ހިސާބުތަަކަށް ކުޑަ ވަގުތުކޮޅަކަށް ބަދަލު ކުރަން ޖެހިއްޖެއެވެ.

ޖަރުމަނުގެ ކަމާބެހޭ އިދާރާތަކުން ބުނެފައި ވަނީ 1 ޓަނުގެ ގޮވާތަކެތި ހުރި މިބޮން ފެނުނީ މިސަރަހައްދުގެ ސިޓީ ޒޫ ހެދުމަށް އެސަރަހައްދު ކޮނުމުގެ ތެރޭގައި ކަމަށެވެ.

ބޮން ފެނުނު ސަރަހައްދުން 13،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށްފަހު ޖަރުމަނުގެ ފަޔަރ ފައިޓަރުން ވަނީ ބޮމުގެ ބާރު ކަނޑުވާލައި އެސަރަހައްދުން ބޮން ނަގާފައެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް 78 އަހަރު ވެފައި ވީނަމަވެސް، ޖަރުމަނުގެ ސިޓީތަކުގެ ބިން ކޮނުމުގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ބޮންތައް ދޭތެރެއިން ފެނެއެވެ. މިގޮތުން 2017 ވަނަ އަހަރު ފްރެންކްފަރޓުން 1.4 ޓަނުގެ ބޮމެއް ފެނުމުން 65،000 މީހުން އެތަނުން ނެރެ ރައްކާތެރި ހިސާބުތަކަށް ގެންދަން މަޖުބޫރުވިއެވެ.

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދެވަނަ ބޮޑު ހަނގުރާމައިގެ ބޮމެއް މިއުނިކް ސްޓޭޝަން ކައިރީގައި ހުރި ކޮންސްޓްރަކްޝަން ސައިޓެއްގައި ގޮވައި ހަތަރު މީހަކު ޒަޚަމްވެ ރޭލު ދަތުރުފަތުރަށް ބުރޫއެރިއެވެ.