ލޭ ބޯ ފަނި (2)

1

“ތިޔަހައި އަނިޔާވެރި ނުވޭ- އެންމެ ރަނގަޅު- ކޮންމެވެސް ތަނަކުން އަހަންނާ އެންމެ ފަހަރަކު ބައްދަލު ކޮށްލާ- ފޯނު ނުދެއްކޭނެ ވާހަކަ އެބަހުރި- އެ ވާހަކަތައް ސީދާ ބައްދަލު ކޮށްގެން ދައްކައިލާނެ ފުރުޞަތެއް ދީ- އަހަރެންގެ ލޯބީގެ ބާރުގައި ފީރޯޒާ ލަންބައި ނުލެވުނިއްޔާ އެއީ އަހަރެންގެ ބަދުނަސީބު ކަމަށް ގަބޫލު ކޮށްލާނަން-” އޭނާ ރިސީވަރު ކަންފަތުގައި ޖައްސައިގެން، އިސް ޖަހައިލައިގެން އިނދެ ވިސްނަމުން ގެންދިޔައެވެ. ތަނަކަށް ގޮސް ބައްދަލު ކުރަން އެއްބަސް ވެގެން އަކްބަރް ޢަލީގެ ހިތްވަރު އާލާ ކުރުވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އަކްބަރް ސުވާލު ކޮށްލިއެވެ. “ހިމޭނުން އިނީ ކީއްވެގެން؟ ހިމޭނުން އިންނަން ލަދުގަންނަންޏާ ކިތަންމެ ގިނައިރެއް ކުރިޔަސް އެނެމެ ރަނގަޅު. ރިސީވަރު ކަންފަތުގައި ޖައްސައިގެން މިހެން އިނދެ މުޅި ޢުމުރު ދުވަސް ހޭދަކޮށްލާކަށްވެސް އަހަރެން ފަހެއް ނުޖެހޭނަން- އެކަމަކު އިންކާރު ނުކުރާތި-!” އޭނާ އިންކާރެއް ނުކުރެއެވެ. އަދި އެއްބަހެއްވެސް ނުމެ ވޭމެއެވެ. ހިމޭނުން އިރުކޮޅަކު އިނދެފައި ފޯނު ބާއްވައިފިއެވެ. ހިމޭން ކަމަކީ ދެބައިކުޅަ އެއް ބަޔަށް އެއްބަސްވުމެއް ނޫނެވެ. ހިމޭނުން ހުރުމުގެ ސަބަބުން ބޮޑެތި ޤަޟިއްޔާތައް އެތައް ދުވަހަކަށް ލަސް ވެފައި އެބަހުއްޓެވެ. އަކްބަރް ޢަލީގެ ޤަޟިއްޔާ އަކީ ދުނިޔޭގެ އެންމެ ބޮޑެތި ޤަޟިއްޔާތަކަށް ވުރެވެސް ބޮޑު ޤަޟިއްޔާ އެކެވެ. އެއީ ރީތި ޒުވާނެކެވެ. ހެދިހުރި، ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ މީހެކެވެ. ތަނަވަސް މޭމައްޗެއްގެ ވެރިއެކެވެ. އޭނާގެ މޭމަތީގައި ބޯ އަޅައިލުމުގެ ޚިޔާލު ކުރެވުމާއެކު ގައިން ހީބިހި ނަގައިގެން ދެއެވެ. ފީރޯޒާގެ ހިތަށް އެރިއެވެ. އެހެން ވެގެން ނުވާނެއެވެ. އެއީ ރަނގަޅު ކަމެއް ނޫނެވެ. އެހެންނަމަވެސް މަޑު މަޑުން އަކްބަރާ ދިމާއަށް ލެނބެމުންދާ ކަން އެއީ ޙަޤީޤަތެކެވެ.އޭނާގެ ރަޙްމަތްތެރި ކުއްޖަކު ވަނީ މީހަކާ އިނދެގެން އުޅޭ މީހަކާ ވަރަށް ފަހުން އިނދެފައެވެ. އިވޭ ގޮތުގައި އެ ދެމީހުން ވަރަށް އުފާވެރި ޙަޔާތެއް ވޭތު ކުރަމުން އެބަ ގެންދެއެވެ. ސެކަންޑް ހޭންޑް ފިރިހެނުންނާ ހެދި މޮޔަ ވެފައި ތިބޭ އަންހެނުން އޭނާއަށް ވަރަށް ގިނައިން ފެނެއެވެ. މުސްކުޅި އަންހެނުން ޙައިރާން ވެފައި ބުނެއެވެ. “މި ޒަމާނުގެ އަންހެނުން ކުދިންނަށް މިވަނީ ކީއްބާ؟ މީހުންނާ އިނދެގެން އުޅޭ ޅަދަރިބަފައިންގެ ފުށުން މި މީހުންނަށް ފެންނަނީ ކޮން އެއްޗެއްބާ ؟ މިއޮތް ބޮޑު ޤައުމުގައި ހުސްހަށިބައި ފިރިހެނުން ހަމަ ނެތީބާ” މި ޤައުމުގެ ވާހަކަ ދައްކަނީ ކީއް ކުރަން ހެއްޔެވެ؟ ދުނިޔޭގެ އެތަން މިތާނގައި ހުސްހަށިބައި ފިރިހެނުން ވަރަށް ގިނައިން އެބަ އުޅެއެވެ. އެކަމަކު ދުނިޔެއަށް ސުންޕާ ވައި ރޯޅިއެއްގެ އަސަރު ކުރީކަން ނޭނގެއެވެ. މި ކުދިން ހުސްހަށިބައި މީހުންގެ ފަހަތަކުން ދުވެއެއް ނަހަދައެވެ. ފީރޯޒާގެ ވިސްނުންވެސް ކުރީން ހުރީ އެފަދަ މީހުންނާ ކައިރި ނުވާ ކަހަލަ ގޮތަކަށެވެ. މީހެއްގެ ފިރިއަކާ ހިތާވާނީ ކިހިނެއް ހެއްޔެވެ؟ އެއީ ހިތާއި ސިކުނޑީގެ ބަލިމަޑު ކަމެކެވެ. އެހެން މީހެއްގެ ފިރިއަކަށް އެދި އަތް ދިއް ކުރުމަކީ ލަގަނެއް ނެތް އެދުމެއްގެ ތެރެއަށް ވަދެގަތުމެކެވެ. އެހެންނަމަވެސް އަޚްލާޤީ ބަލިކަށިކަމާ ހެދި، މި އުޅެވެނީ އެހެން މީހެއްގެ ނުވަތަ އެހެން ބައެއްގެ ޙައްޤަކަށް އަރައިގަންނާން ކަމެއް ހަނދާނެއް ނުހުރެއެވެ. ފީރޯޒާއަށް އެންމެ ފުރަތަމަ އަކްބަރް ޢަލީ ފެނުނީ އޭނާގެ ދައްތަޔާއި، ފީރޯޒާގެ ބޭބެ ޖަވާދު ޙުސައިނާ ދެމީހުންގެ ކާވެނީގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. އޭނާގެ މޫނުމަތީން ފެންނާން ހުރީ އަޖައިބެއް ފަދަ ފިރިހެންވަންތަ ކަމެއްގެ އަސަރެވެ. ފެނުނީމާ ކޮންމެވެސް ކަހަލަ ގޮތެއް ވެއެވެ. އެއީ ކޮން ކަހަލަ ގޮތެއް ހެއްޔެވެ؟ މި ސުވާލަށް ޖަވާބެއް ހޯދުމުގެ ގޮތުން އޭނާ އިރުއިރުކޮޅާ އަކްބަރްގެ މޫނަށް ސިއްރު ސިއްރުން ބަލައިލައެވެ. ބައެއް ކަހަލަ ކަންކަމަކީ އެނގިފައިމެ، ނޭނގޭ ކަންކަމެވެ. ނޭނގުނީމާ ހިތަށް ނުތަނަވަސްކަން ވެރިވެއެވެ. މިއީ އެފަދަ ކަމެކެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލު ވަމުން، އިސް ޖެހެމުން، މިކަހަލަ ގޮތަކަށް އޮވެގެން ދަނީއެވެ. އެއް ދުވަހަކު އަކްބަރް ސަލްމާ ދައްތަޔާ ބައްދަލު ކުރާން އެގެއަށް އައިސް އުޅުމުގެ ތެރޭގައި، އެކަނިވީ ވަގުތު ބަލާފައި އޭނާޔާ ދިމާއަށް ބުނެލިއެވެ. “ފީރޯޒާ ބަލާ ގޮތުން ބައެއް ފަހަރު ވަރަށް ފުން މާނައެއް ދޭހަވޭ- ބައެއް ފަހަރު އެއްވެސް މާނައެއް ދޭހައެއް ނުވޭ- އޮޅުން އަރާ ގޮތަށް ނުބަލާތި-” އޭނާ ހިނިތުން ވެލާފައި ދުވެފައި ގޮސް ބަދިގެއަށް ވަދެއްޖެއެވެ. އޭރު ސަލްމާ ދައްތަ ކޮންމެވެސް އެއްޗެއް ކައްކަން އުޅެއެވެ. ދައްތަ ސުވާލު ކޮށްލިއެވެ. “ފީރޯޒާގެ ފަހަތުން ފުލުހުން އަންނަނީތަ-؟” އޭނާ މާނޭވާ ލަމުން ބުނެލިއެވެ. “އަކްބަރަކީ ވަރަށް ފާޑެއްގެ މީހެއް-” ފަހަރި ހިނިތުން ވެލިއެވެ. “އެއީ ކޮން ފާޑެއް-؟” “ފަހަރި… އެކަން މަނާ ކުރޭ…” “ކޮން ކަމެއް-؟” “ބުނޭ އެކަހަލަ ވާހަކަ ނުދައްކާށޭ…””އެކަހަލަ ވާހަކައަކީ ކޮބައިތަ-؟” “ނުބުނާނަން- ފަހަރިވެސް ތިޔަ އުޅެނީ އަހަންނާ ދިމާ ކުރަން-” “އެހެންތަ؟ ފަހަރިވެސް  … މާނައަކީ އަކްބަރްވެސް ދިމާ ކުރަނީއޭތަ-؟” ލަދިން އިސް ޖަހައިލުމަށް ފަހު އެތަނުން ދާން އޭނާ އުޅުނެވެ. އެހެން ނަމަވެސް ސަލްމާ އޭނާގެ އަތުގައި ހިފައިފައި ބުނެލިއެވެ. “އޮނަކީ ފުމެން ހުންނަ އެއްޗެއް- އަހަރެންގެ ކޮއްކޮއަށް އެ ޙައްޤު ދޭންވީނު-؟” އޭނާ އަތް ފޮޅުވައިލާފައި ދުވެފައި ބަދިގެއިން ނުކުމެގެން ހިނގައްޖެއެވެ. ސަލްމާ ވިސްނާން ފަށައިފިއެވެ. “ކޮއްކޮގެ ހިތުގައި ފީރޯޒާގެ ނަން ހަރުލީތާއެވެ؟ ކޮއްކޮގެ ނިޔަތަކީ ކޮބައި ބާވައެވެ؟ އެ އުޅެނީ އިންނާން ބާވައެވެ؟ ނުވަތަ ފޫހި ފިލުވައިލާން ބާވައެވެ؟ މުއްސަނދީންގެ ހިތަށް އެންމެ ފުރަތަމަ ވަންން ޚިޔާލަކީ ފޫހި ފިލުވައި ލުމާއި، މަޖާ ކޮށްލުމުގެ ޚިޔާލެވެ. ކޮއްކޮ އެ އުޅެނީ މީހަކާ އިނދެގެންނެވެ. ކޮއްކޮގެ ޚިޔާލު ހުރީ އެހެން ކަމަށް ވާ ނަމަ، މި ކަންތައް ކުރިއަށް ދިޔަ ދީގެން ނުވާނެއެވެ. އަހަރެންގެ ފަހަރިއަށް ދެރައެއް ލިބިގެން ނުވާނެއެވެ. އެފަދަ ދެރައެއް ލިބިއްޖެ ނަމަ އަހަރެންގެ ދުވަސްވެސް ދާނެއެވެ.”(ނުނިމޭ)

Advertisements

1 COMMENT

Comments are closed.