ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށްވެސް ހާމަކަން ބޮޑު ގޮތެއްގައި ކެމްޕެއިން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއިން އެއްވެސް ބޭފުޅަކަށް އަނިޔާއެއް އުނދަގުލެއް ނުކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރަައީސް ސާލިހް މިހެން ވިދާޅުވީ މިއަދު ކެމްޕޭން ޖަލްސާއެއްގައި ގއ. ކޮލަމާފުށީގައި އަމަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

"2018 ވަނަ އަހަރު، ރިޔާސީ އިންތިހާބަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށް އޭރުގެ ސަރުކާރުން އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންތަކެއް ހައްޔަރު ކުރި. އަޅުގަނޑު ސާފުކޮށް މިދަންނަވަނީ އަށެއް ކީއްކުރަންތޯ ބާރަ ކެންޑިޑޭޓުން ކުރިމަތިލެއްވިޔަސް ކެމްޕެއިން ކުރުމުގެ ފުރުސަތު އޮންނާނެ. މިސަރުކާރުން އެއްވެސް މީހަކާމެދު އަނިޔާވެރިއެއް ނުވާނަން" ރައީސް ސާލިހް ވިދާޅުވިއެވެ.

ކޮލަމާފުށީގައި ވާހަކަފުޅު ދައްކަމުން ރައީސް ސާލިހް ވިދާޅުވީ ކޮލަމާފުށީ ރައްޔިތުންނަކީ އިސްލާހީ ހަރާކަތްތަކުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާބައެއްކަން ފާހަގަ ކުރައްވާފައެވެ. މިދަތުރުފުޅުގެ ތެރެއިން ކޮލަމާފުށީ ފެނަކަ އޮފީހާއި ވޮލީކޯޓް ރަސްމީކޮށް ރައީސް ސާލިހް މިއަދު ހުޅުއްވައިދެއްވިއެވެ.