ލޭ ބޯ ފަނި (3)

0

އެއް ފަހަރަކު އޭނާގެ ރައްޓެހި އަންހެން ކުއްޖަކު ބައްޕަ ގެއަށް ދިޔައީމާ، ކޮއްކޮ އެ ކުއްޖާޔާ ގުޅެންވެސް މަސައްކަތް ކުރިއެވެ. އެ ދުވަހުވެސް އޭނާ ބުނީ ހަމަ އެހެންނެވެ. އޮނަކީ ފުމެން ހުންނަ އެއްޗެކެވެ. އަހަރެންގެ ކޮއްކޮއަށް އެ ފުރުސަތު ދޭށެވެ. އޭނާ ބާރަށް ހިނގާފައި ގޮސް ބަދިގެއިން ނުކުމެއްޖެއެވެ. ފަހަރިއަށް އެކަހަލަ ގެއްލުންދެނިވި ނަސޭހަތް ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެ ގެއްލުން ލިބޭނީ އޭނާއަށެވެ. އޭނާ ނިދާ ކޮޓަރީގެ ދޮރު މައްޗަށް ގޮސް ހުއްޓިއްޖެއެވެ. އޭރު އޭނާގެ ފިރިމީހާ ޖަވާދު ޙުސައިނާއި، ކޮއްކޮ އަކްބަރް ޢަލީއާ ދެމީހުން ކޮޓަރި ތެރޭގައި ވާހަކަ ދައްކަން ތިއްބެވެ. ޖަވާދު ޙުސައިނާއި، ފީރޯޒާގެ ބައްޕަ ޗައުދަރީ ޢިނާޔަތު ޙުސައިނަކީވެސް މުދައުވެރިއެކެވެ. އެކަމަކު އަކްބަރް ޢަލީ އާއި ސަލްމާގެ ބައްޕަ ޤާސިމް ޢަލީހައި ބޮޑު މުދައުވެރިއެއް ނޫނެވެ. މި ދެ ޢާއިލާއަކީ މުދަލާއި ބިމުގެ ގޮތުން ބޮޑު ތަފާތެއް ހުރި ކަމުގައި ވިޔަސް ފައިސާވެރި ކަމުގެ ގޮތުން ކައިރިކައިރީގައި ވާދަ ކުރެވޭވަރުގެ ދެ ޢާއިލާއެވެ.

ޢިނާޔަތު ޙުސައިނަކީ ފައިސަލް އާބާދުން އެ ރަށަށް އަންނަ ދަނޑުވެރިކަމާ ބެހޭ ގިނަ އާލާތުގެ ޑީލަރުކަން ކުރާ ވިޔަފާރިވެރިއެކެވެ. ދަރިފުޅު ޖަވާދު ޙުސައިނަކީ މަންގްލާ ޑޭމް ގައި އެސިސްޓަންޓް އިންޖިނިއަރެއްގެ ވަޒީފާ އަދާ ކުރާ މީހެކެވެ. އޭނާއަކީ ކަމަށް އެކަށޭނަ ފެންވަރު ހުރި، ކުޅަދާނަ މީހަކަށް ވާތީ އޭނާގެ މަތިން ތިބޭ ބޮޑެތި އޮފްސަރުންވެސް ދެކެނީ އޭނާޔާ ބައްދަލުވެ ވާހަކަ ދައްކައިލުމަކީ ލިބޭ ޝަރަފެއް ކަމުގައެވެ. ދެ ޅިޔަނުން ވާހަކަ ދެއްކި ވާހަކައަކާ ގުޅިގެން ހޭން ތިއްބާ އަނބިމީހާ ފެނިފައި ހުނުން ހުއްޓައިލައިފިއެވެ. އަދި ސިފައިންގެ މަތީ މީހަކު ފެނުނީމާ އާދައިގެ މީހަކު ފުންމައިގެން ތެދުވާހެން ތެދުވެފައި ބުނެލިއެވެ. “ސަލްމާ ރާނީ. ނުވަދެ ހުރީ ކީއްވެގެން؟ އަވަހަށް އާދޭ!” ސަލްމާ ޖަވާދު ޙުސައިނާ އިން ރެޔާ ހަމައަށް އޭނާގެ ނަމަކީ ސަލްމާ ބާނޫ އެވެ. އެހެން ނަމަވެސް އެރެއިން ފެށިގެން އޭނާއަކީ ޖަވާދުގެ ހިތުގެ ރާނީ ކަމުގައި ވެގެން ހިނގައްޖެއެވެ. އެރެއިން ފެށިގެން އޭނާ އަކީ ސަލްމާ ރާނީ އެވެ. މައިންބަފައިންގެ ކުރިމަތީގައި ޖަވާދު އޭނާއަށް ސަލްމާ ރާނީ އޭ ގޮވައިލީ ހިސާބުން، އެއީ އޭނާގެ ރަސްމީ ނަން ކަމުގައި ވެއްޖެއެވެ. ބަފައިބެ ބުންޏެވެ. “އަހަރެމެންގެ ޅީދަރިފުޅަކީ ހަމަ ޙަޤީޤަތުގައިވެސް ރާނީއެއް.” އެހެން ނަމަވެސް މައިދައިތައަކަށް އެކަމެއް ކަމަކު ނުދިޔައެވެ. އޭނާ ބުންޏެވެ. “އެނދަކީ ނިދަން ހުންނަ އެއްޗެއް. އަހަރެމެންގެ ދަރިފުޅު އެނދު، ސާލަކަށް ހަދައިގެން ގައިގައި އޮޅައިލީ…” އޭނާ ކޮޓަރިއަށް ވަދެފައި ބުނެލިއެވެ. “އަޅުގަނޑު އަކްބަރާ ދައްކާލަން ޖެހޭ މުހިއްމު ވާހަކައެއް އެބައޮތް” ޖަވާދު ބުންޏެވެ. “އެހެންތަ؟ އަވަހަށް ދައްކައިލާ. އަހަރެން މަންމަގެ ހާލު ބަލައިލައިފައި އަންނާނަން” ޖަވާދަކީ ވިސްނުންތެރިއެކެވެ. ހައެއްކަ ދުވަސްވެސް ނުވަނީސް އޭނާގެ ރާނީގެ މޫޑު ހުންނަ ގޮތާއި މިޒާޖު ވަރަށް ރަނގަޅަށް ދެނެގެންފިއެވެ. އެހެންވީމާ ކޮއްކޮއާ ދައްކަން އޮތީ ކޮން ވާހަކައެއްތޯ، ފިރިމީހާއަށް އެވާހަކަ ސިއްރު ކުރަނީ ކީއްވެގެންތޯވެސް ނާހައެވެ.

Advertisements

އަނބިމީހާގެ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން އަވަހަށް ކޮޓަރިން ނުކުމެގެން ދިޔައީއެވެ. އަކްބަރް ޢަލީ ހީނގެންފައި ބުންޏެވެ. “ހާދަހާ ކިޔަމަންތެރިއޭ… ޖަވާދު ބޭބެ ވިހެއީވެސް މި ކޮޓަރި ތެރެއަށް ކަމަށް ވާނީ. ޅަ ދުވަސްވަރު ހޭދަކުރީ މި ކޮޓަރި ތެރޭގައި. ޒުވާންވީ މި ކޮޓަރި ތެރެއަށް. ދައްތަޔާ އިނދެގެން އައިސް ވަނީ މި ކޮޓަރިއަށް. އެކަމަކު ހަމަ އިޝާރާތެއް ކޮށްލުމާ އެކީ ކޮޓަރިން ނުކުމެގެން އެ ދިޔައީ. އަނބިންނަށް ކިޔަމަންތެރި ޚާދިމުން ތިބޭނީ އެހެން.” “އަހަރެންގެ ފިރިމީހާގެ ވާހަކަ ނުދައްކާ! އަމިއްލަ ވާހަކަ ދައްކާ! ފީރޯޒާގެ ފަހަތުން އަޅައިގަނެގެން ތިޔަ އުޅެނީ ކީއް ވެގެން؟ އަހަރެން ވަރި ކުރުވަން ރާވައިގެން އުޅެނީތަ؟” “ދައްތާ! ތިޔަހައި ރުޅި ގަދަ ވެގެން އުޅެނީ ކީއްވެގެން؟ މިއީ އަހަރެންގެ ގެއެއް ނޫން. ދައްތަގެ އަސްލު ކުލަވަރު ނުދައްކާ މިއީ ދައްތަގެ ފިރިމީހާގެ ގެޔާ ގުޅުން ހުރި ކަމެއްކަން އަހަންނަށް އެނގޭ. އެކަމަކު ބުނަންތަ؟ ވެގެން އުޅޭ ގޮތަކީ އަބުރުވެރިކަމާއި، ތަހުޒީބުގެ ދާއިރާގެ ތެރޭގައި އަހަންނަށް އޭނާ ދެކެ ލޯބި ވެވުނީ. މި ކަމުގެ ސަބަބުން ދައްތައަކަށް އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނަން.” “ކަލޭގެ ލޯބީގެ އެންމެ ފަހުގެ ފަރުދާއަކަށް ވާނީ ކޮން ކަމެއް؟ އޭނާޔާ އިންނާނަންތަ؟” “އާނ! އޭނާ ފެނުނު ދުވަހުން ފެށިގެން އަހަންނަކަށް ހަމަޔަކަށް ނުއެއް ނިދޭ- އިންނާނަންކަން ގައިމު” “މިއީ އަހަރެމެންނާ އެއް ފެންވަރެއްގެ ޢާއިލާއެއް. ބޮޑެތި މީސްމީހުންގެ ފަރާތުން ފީރޯޒާގެ ކާވެންޏަށް އެދިގެން އެބަ އާދޭ. ޢާއިލާއަށް ބޮޑު ޠޫފާނެއް އަންނަ ކަހަލަ ކަމެއް ވާކަށް އަހަރެންގެ ބަފައިބެއެއް ނޭދޭނެ. އެކަހަލަ ވިޔާނުދާ ކަމެއް ކޮށްފިއްޔާ ދެން ކަލެއަކަށް މިގެއަކަށްވެސް ނުވަދެވޭނެ.” “ދައްތާ- އަހަރެމެން މިއީ އިސްޓޭޖު ތަކަށް އަރައި ފޮނި ވާހަކަ ދައްކައިގެން ރިޝްވަތު ހިފާ މީސްމީހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަދާ ބައެއް. އެހެންވީމާ އަހަރެން ކަހަލަ ސެކަންޑް ހޭންޑް ފިރިއަކަށް މި ޢާއިލާގެ ތެރެއަށް ނުވަދެވޭންވީ ކީއް ވެގެން؟” ސަލްމާ ކަންބޮޑު ވެއްޖެއެވެ. “ކަލޭ ތިޔަ އުޅެނީ ބޮޑު ހައިޖާނެއް އުފައްދަން ދޯ؟” “މިހާރަކު ނޫން- ހައިޖާނެއް އުފެދޭނީ ބޭނުންވާ ކަންތައް ނުވީމައެއްނު؟” “އެކަން ކަލޭ ކުރާނީ ކިހިނެއް؟” ‘ފުރަތަމަ އަހަރެން ފީރޯޒާގެ ރުހުން ހޯދާނީ- އޭނާވެސް އަހަންނާ ގަޔާވާކަން އަހަންނަށް އެނގޭ” “އޭނާ ހީކުރަނީ ކަލެއަކީ ހުސްހަށިބައި މީހެއް ކަމަށް” “ހުސްހަށިބަޔަކަށް، ދެހަށިބަޔަކަސް ހިތުގައި ޖާގައެއް އުފެދިއްޖެއްޔާ އަންހެން ކުދިން ރުހި ގަބޫލު ވާނެ” “އަކްބަރް! ބުނަންތަ؟ ކަންތައް ގޯސް ވެއްޖެއްޔާ އަހަރެންގެ ދުވަސް ދާނެ.

އެކަން ހަނދާން ކުރާތި” “ދައްތަ އަހަރެންގެ ވާހަކަ ގަބޫލު ކުރޭ! ޖަވާދު ބޭބެ ރުއްސަން މަސައްކަތް ކުރަމުން ގެންދޭ! ގޭގެ ދެ ވޯޓު އޭރުން އަހަންނަށް ލިބުނީ. ތިން ވަނަ ވޯޓަކީ ފީރޯޒާގެ ވޯޓު. އެ ވޯޓު އަހަރެން ހޯދާނަން. ދައްތަގް މައިދައިތަ، ޖަވާދު ބޭބެ ދެކެ އިންތިހާއަށް ލޯބިވޭ. އެހެންވީމާ މަޑުމަޑުން ގޮސް ޖަވާދުބޭބެގެ ބަހަށް ބޯ ލަނބާނެ- ދެން ހުންނާނީ އެދުރުންގެ އެދުރު. ބަފާބެ. އޭނާގެ ކަންތައްވެސް އަހަރެން ހަމަ ޖައްސައިލާނަން.”(ނުނިމޭ)

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here