ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިސްތިއުފާ ދެއްވައިފިއެވެ.

ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުންނާއި އެ ޕާޓީގެ މެންބަރުކަމުން އިސްތިއުފާ ދެއްވަން ނިންމެވިކަން ޑރ. ވަހީދު ހާމަކުރައްވާފައިވަނީ ސޯޝަލްމީޑިޔާގައި (އެކްސް.ކޮމްގައި) ހިއްސާ ކުރައްވާފައިވާ އިނގިރޭސި ބަހުން އެމަނިކުފާނު ނެރުއްވި ބަޔާނެއްގައެވެ.

އެބަޔާނުގައި ޕީޕީއެމުން ވަކިވެވަޑައިގަންނަވާކަން ހާމަ ކުރައްވައި ޑރ ވަހީދު ވިދާޅުވީ ދިހަ އަހަރަށް ފަހު އެ ޕާޓީއާ ދުރަށް ވަޑައިގަތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމުގައެވެ.

މީގެ ދިހަ އަހަރުގެ ކުރިން ޕީޕީއެމްއާ އެ މަނިކުފާނު ގުޅިވަޑައިގަތީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް, ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ކަން ފާހަގަ ކުރައްވައި ޑރ ވަހީދު ވިދާޅުވީ އޭގެ ތެރެއިން ގިނަ ކަންކަން ޕްލޭނާ އެއްގޮތަށް ހާސިލުވި އިރު, ރާއްޖޭގެ އިގުތިސާދާއި ޑިމޮކްރަސީ ހަރަދަނާކޮށް ރައްޔިތުންގެ ފާގަތިކަން އިތުރު ކުރަން އިތުރު މަސައްކަތްތަކެއް ކުރަން އަދިވެސް އެބަހުރި ކަމަށެވެ.

ހުރިހާ ދިވެހިންނަށް ކާމިޔާބީ ހޯދައިދިނުމަށް, އެމަނިކުފާނުގެ ހުނަރާއި ތަޖުރިބާއާއި އިލްމު ބޭނުންކުރެވޭނެ ހަމަޖެހޭ, ނަޒާހަތްތެރި އަދި ތެދުވެރި ޖާގައެއް މި ވަގުތަށް މުހިންމުކަމަށް، ގަބޫލުފުޅުކުރެއްވޭ ކަމަށް ޑރ ވަހީދު ވިދާޅުވިއެވެ.

އަދިވެސް އިތުރަށް ޑރ. ވަހީދު ހާމަކުރެއްވި ގޮތުގައި އެ މަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ދިވެހިންގެ ކުރިއެރުމާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އަދި އިޖުތިމާއީ އިގުތިސާދީ ކުރިއެރުމަށެވެ.

ރައީސް ވަހީދު ޕީޕީއެމުން މި ވަކިވެވަޑައިގެންނެވީ ރައީސް ޔާމީނަށް ރިޔާސީ ރޭހުން ފުރުސަތު ލިބިވަޑައިނުގަންނަވާ ހާލަތެއްގައި ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނިކޮށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކަންތައްތަކުގެ ތެރެއިން ޑރ ވަހީދުގެ ކުށުގެ ރެކޯޑު ސާފުކުރެއްވުމަށްވެސް ހުށަހެޅުނެވެ.