ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވަޒީފާ އިން ވަކިކުރި މުވައްޒަފަކަށް ބަދަލުގެ ގޮތުގައި ހަ ލައްކަ ރުފިޔާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން މިއަދު ހުކުމް ކޮށްފައި ވަނީ ބީއެމްއެލްގެ ޔުނިޓް މެނޭޖަރެއްގެ ވަޒީފާގެ ހުރި އަންހެން މުވައްޒަފެއް 2019 ވަނަ އަހަރު ވަކިކުރި މައްސަލައެއްގައެވެ. އެމުވައްޒަފަކީ ބީއެމްއެލްގެ ވަޒީފާއާ 1998 ވަނަ އަހަރު ގުޅުނު އަންހެން މުވައްޒަފެކެވެ.

ޓްރައިބިއުނަލްގެ އަޑުއެހުމުގައި ބީއެމްއެލް އިން ބުނީ އޭނާ ވަޒީފާއިން ވަކިކުރީ ބަަލަން ޖެހޭ ވަރަށް ނުބަލައި ފައިސާ ދޫކުރުމަށް އެޕްރޫވް ކުރަންޖެހޭ ލިޔުމެއްގައި ސޮއިކުރުމުން ކަމަށާއި އެހެންވެ ކުންފުންޏަށް މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

ނަމަވެސް އެކަން ބީއެމްއެލްއަށް ސާބިތު ކޮށްދެވިފައެއް ނުވާތީ އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫން ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމާފަ އެވެ. ޓްރައިބިއުނަލުން ކުރި ހުކުމުގައި ބުނެފައި ވަނީ ބަދަލުގެ ގޮތުގައި 24 މަސް ދުވަހުގެ މުސާރަ ދިނުމަށް ހުކުމް ކޮށްފަ އެވެ. އެއީ މަހަކަށް 27،610ރ. ގެ ނިސްބަތުން ޖުމްލަ 662،640 ރުފިޔާ އެވެ.

އެ ފައިސާ އެކާވީސް ދުވަސް، ތިންހަފުތާ ތެރޭގައި މުވައްޒަފަށް ދެއްކުމަށްވެސް އެހުކުމުގައި ވަނީ ބުނެފައެވެ.