މިޔަންމާ ދޫކޮށް މެލޭޝިޔާއަށް ހިޖުރަ ކުރުމަށް ދަތުރު ކުރަމުންދިޔަ ރޮހިންޔާ ދަރިކޮޅުގެ މުސްލިމް ރެފިއުޖީން ތިބި ބޯޓެއް ކަނޑުވެ 30 މީހުން މިއަދު މަރުވެއްޖެއެވެ.

ބީބީސީން ބުނެފައިވަނީ މިބޯޓުން 50 މީހުން ދަތުރު ކުރި ކަމަށެވެ. މިހާދިސާގައި 8 މީހަކު ސަލާމަތްވެފައިވާ ކަމަށްވެސް ބީބީސީއިން ބުނެއެވެ. ބޯޓުން ސަލާމަތްވީ މީހުން ކިޔައިދިން ގޮތުގައި ބޯޓް އަޑިޔަށްދިޔައީ ނެގި ބިޔަ ރާޅެއްގައި ކަމަށެވެ. އަދި މިހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޯޓުން ސަލާމަތްވި މީހުން ބީބީސީއަށް މައުލޫމާތު ދެމުން ބުނީ އެމީހުން ބޯޓް ކުއްޔަށް ނަގައިގެން ދަތުރު ފެށީ ދަތުރުގައި ބައިވެރިވި ކޮންމެ މީހަކު އަތުން 4000 ޑޮލަރު ނަގައިގެން ކަމަށެވެ.

މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެގައުމުގެ އަސްކަރިއްޔާއިންނާއި ބުޑިސްޓުން ކުރަމުންދާ ލާއިންސާނީ އަނިޔާތަކަށް ކެތް ނުކުރެވިގެން މިހާރުވެސް އެތައް ހާސްބަޔަކު ރައްކާތެރިކަން ހޯދައިގެން ތިބީ ބަންގްލަދޭޝްގައިި ހުރި ރެފިއުޖީ ކޭމްޕްތަކުގައެވެ. ބަންގްލަދޭޝްއަށް ހިޖުރަ ކުރުމުގެ އިތުރުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން މެލޭޝިޔާ އާއި އިންޑޮނޭޝިޔާއަށް ކަނޑުމަގުން އެތެރެވުމަށް ނުރައްކާތެރި ދަތުރުތައް ކޮންމެ އަހަރަކުވެސް ކުރެއެވެ.