މިއަދު އެޅި ބައިނަލްއަގުވާމީ ފައިބަރ ކޭބަލް، އިންޓަނެޓް ކޭބަލަކީ ރާއްޖެ ޓެކްނޮލޮޖީގެ ހަބަކަށް ހެދުމުގެ ބިންގާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯ.ސީ.އެމް-އައި.އޭ.އެކްސް) ކޭބަލް އިފްތިތާހުކުރުމަށް މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފައިބާ ކޭބަލަކީ ރާއްޖޭގެ އިގުތިސާދު ދެގުނަ ކުރުމަށް ވެސް އެޅިގެން ދިޔަ މުހިންމު ބިންގާއެއް ކަމަށެވެ. އަދި ހަމައެހެންމެ މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅުވައިދޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅުކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ރާއްޖެ، ބައިނައަލްއަގުވާމީ ފައިބާ ކޭބަލްއަކާ ގުޅާލުމަކީ، ރާއްޖޭގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ހަބެއް އުފެއްދުމުގެ ވެސް ބިންގާ. އަޅުގަނޑުމެން މިއަދު މިއުޅެނީ، ބައިނަލްއަގުވާމީ ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ އިރުމައްޗާއި ހުޅަނގާ ދެމެދު ގުޅާލެވޭ ފާލަމަކަށް ރާއްޖެ ހެދުމުގެ ފުރަތަމަ ފިޔަވަޅުގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ޑިޖިޓަލް ރާއްޖޭގެ ފެށުން ކަމަށާއި ފައިބާ ކޭބަލާއެކު ސަރުކާރުން ފަށައިފައިވާ ސެޓްލައިޓް ސްކޫލުގެ ހިދުމަތްތަކަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިއީ މީގެ އެތަކެއް އަހަރެއް ކުރިން ކޮށް ނިންމާފައިވާ މަސައްކަތަކަށް ވާން ޖެހޭ ކަމަށެވެ.

އިންސާނުން އުފެއްދި އާޓިފިޝަލް ޓެކްނޮލޮޖީ، އިންސާފުން ފަހަތުން ދުވާއިރު، ރާއްޖެއިން އަދިވެސް މަސައްކަތް ކުރަމުންދަނީ އިންޓަނެޓުގެ ސްޕީޑު ފަހައި ކަމަށް ރައީސް ވިދާޅުވިއެވެ. އަލަށް އެޅުނު ކޭބަލާއެކު ޓެކްނޮލިޖީއަށް ޝައުގުވެރިވާ ޒުވާނުންނާއެކު މި ދަތުރުކުރަނީ މުޅިން އާ ދުނިޔެއަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް ލިބުނު ރަނގަޅު ފުރުސަތެއްކަން ފާހަގަކުރައްވައި، ކޭބަލް ވިއުގަޔާ ގުޅުމުން، ހިދުމަތް ދިނުމަށް އެ ކުންފުނިތަކުން ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަވެގެން ދާނެކަމުގައި ވިދާޅުވިއެވެ. އަދި އެއާއެކު ރައްޔިތުންގެ ޖީބަށް ލުއި، އަދި މިހާރަށް ވުރެ ހަލުވި ސްޕީޑްގައި އިންޓަނެޓްގެ ހިދުމަތް ދެވޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި ސަބްމެރިން ކޭބަލްއާ އެކު ދިވެހި ރައްޔިތުން ގޮވައިގެން, ހާއްސަކޮށް ދިވެހި ޒުވާނުން ގޮވައިގެން އަޅުގަނޑުމެން ދަތުރު މި ފަށަނީ މުޅިން އާ ދުނިޔެއަކަށް. މިއީ ހަމައެކަނި މުއާސަލާތީ ގޮތުން ކުރެވޭ ކަމެއް ނޫން. ޑިޖިޓަލް ދުނިޔޭގެ އުދަރެސްތައް އެއަށްވުރެ މާ ފުޅާ," ރައީސް ވިދާޅުވިއެވެ.

އެ ކޭބަލަކީ ޑިޖިޓަލް ސިޔާސަތުގެ ދަށުން އިންޓަނެޓް އެކްސްޕޯޓް ކުރުމަށާއި އިންޓަނެޓް އަގު ހެޔޮކޮށް އަދި އަވަސް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެޅި ކޭބަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އޯ.ސީ.އެމް-އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅައިލުމުގެ މި މަޝްރޫއުގެ ދަށުން ކުރިޔަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފަރ ސްޕީޑް ލިބިގެންދާނެއެވެ. މި ކޭބަލް ސިސްޓަމާއެކު ދިވެހިރާއްޖެ އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ގައުމުތަކާ ގުޅައިލެވޭނެއެވެ. އަދި ރާއްޖެއަށް އިޖުތިމާއީ އަދި އިގްތިސާދީ ދާއިރާއިން ނަފާހޯދާނެ މަގުފަހިކޮށްދިނުމާއި އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕަށް އީޖާދީ ބަދަލެއް ގެނައުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ކުރިޔަށް އޮތް 25 އަހަރަށް ރާއްޖޭގެ ބޭނުންތައް ފުދޭ ދުވެލީގައި އިންޓަނެޓާއި ޑޭޓާ ޓްރަންފަރ ސްޕީޑް ލިބިގެންދާނެއެވެ. މި ކޭބަލް ސިސްޓަމާއެކު ދިވެހިރާއްޖެ އިންޑިއާ އާއި ޔޫރަޕާއި އިރުދެކުނު ޤައުމުތަކާ ގުޅައިލެވޭނެއެވެ.