ސިޔާސީ ތަޖުރިބާ އެންމެބޮޑު އަދި ރައްޔިތުންގެ ހިތްތަކުގެ ވިންދު އެންމެ ރަގަޅަށް އެނގޭނެ ލީޑަރޝިޕެއް އޮތީ އެމްޑީޕީގެ ކޯލިޝަނުގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު މިލަދުންމަޑުލު ދެކުނުބުރި އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުޑަފަރިއަށް ވަޑައިގެން ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އެމްޑީއޭ އާއި އަދާލަތު ޕާޓީގައި އެއްވެސް އަމިއްލަ އެދުމެއް ނެތް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލާފައި ތިބި އަށް ކެންޑިޑޭޓުންނަށް ބަލާއިރު, ސިޔާސީ ތަޖުރިބާ އެންމެ ބޮޑު އަދި ރައްޔިތުންގެ ހިތްތަކުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭނެ ލީޑާޝިޕެއް އޮތީ އެމްޑީޕީގެ ކޯލިޝަންގައި ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ އެދުމެއް ނެތް. އަމިއްލައަށް ބޭނުންވާ އެއްވެސް އެއްޗެއް ނެތް. ސިޔާމެއް ބޭނުންފުޅުވަޑައެއް ނުގަންނަވާ ފަޅެއް. ރަށެއް. ފުދިފަ ހުންނެވީ. އަދާލަތު ޕާޓީ މި ތިއްބެވީ. ހަމަ އެހެން ތިއްބެވީ. މި ކޯލިޝަނަކު ނެތް މި ދަންނަވާހެން. ފަޅެއްގެ ބޭނުމުގައި, ރަށެއްގެ ބޭނުމުގައި ނޫނިއްޔާ ސަރުކާރަށް ދައްކަންޖެހޭ ފައިސާ މާފުކުރަން އެދޭނެ އެއްވެސް މީހެއް. އަޅުގަނޑުމެންގެ އޮތީ އެންމެ މަގުސަދެއް. ރައްޔިތުންނަށް ހިދުމަތް ކުރުން. ފަށާފައިވާ މަސައްކަތްތައް ނިންމުން. އިތުރު ހުރި މަސައްކަތްތައް ފަށައި, ނިންމުން," ރައީސް ވިދާޅުވިއެވެ.

އަދި އެ މަނިކުފާނުގެ އެއްވެސް އަމިއްލަ އެދުމެއް އަދި ބޭނުންވާ އެއްވެސް އެއްޗެއްވެސް ނެތް ކަމަށާއި ކޯލިޝަން ޕާޓްނަރުންވެސް ތިއްބެވީ އެގޮތަށް ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ މިވާހަކަފުޅުގައި މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މިސަރުކާރުން ވަނީ ތައުލީމީދާއިރާއަށް ކުރިއެރުންތައް ގެނެސްދީފައި ކަމަށާއި 2018 ވަނަ އަހަރާ ހަމައަށް އެއްވެސް ދަރިވަރަކަށް ހިލޭ ޑިގްރީއާ ހަމައަށް ކިޔެވޭނެ ފުރުސަތު ލިބިފައިނެތް ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާތަނަށް އަށާރަހާހަށްވުރެ ގިނަދަރިވަރުން ސަރުކާރުން ދޭ ސްކޮލަރޝިޕާއި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވާކަންވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ހާމަކުރައްވާފައެވެ.