ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށުގެ މައްސަލައިގައި އިއްވި އެގާރަ އަހަރުގެ ޖަލުހުކުމް ފަސްކުރުމަށް އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ނިންމައި، ފަސް މިލިއަަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކޮށްދޭން ހައި ކޯޓުން އަމުރުކޮށްފިއެވެ.

މިއަދު އާރަށު މައްސަލައިިގެ އެގާރައަހަރުގެ ހުކުމްގެ އިސްތިއުނާފު މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުން މިއަދު ނެރުނު ވަގުތީ އަމުރުގައި ވަނީ، ޖަލު ހުކުމް ތަންފީޒުކުރަން އަމުރުކުރާނެ ތަނެއް ނެތް ކަމަށެެވެ. މި ނިންމުމުގައި ބުނެފައިވާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި، ދަށު ކޯޓަކުން މީހެއްގެ މައްޗަށް އިއްވާ ހުކުމެއް މަތީ ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އިޖުރާއަތެއް ބަޔާންކޮށްފައެއް ނުވެއެވެ.

ކޯޓުތަކުން އަދާކުރަނީ ގާނޫނު ހެދުމުގެ ދައުރެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއް ކަން ފާހަގަ ކުރައްވައި ވަގުތީ އަމުރުގައި ބުނެފައިވަނީ އެމަޖިލިހުން ހަދާ ގާނޫނާއި ގަވާއިދުގައި ނެތް ކަމެއް ނުވަތަ އޭގައި ނެތް ތަރުޖަމާއެއް ދީގެން މާނަކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ވަނުންކަމަށެވެ.

ހުކުމް ފަސްކޮށްނުދިން ނަމަވެސް ޖޫރިމަނާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދުނު އަމުރާ ގުޅިގެން ހައި ކޯޓުން ވަކިން ނިންމި ނިންމުމުގައި ބުނެފައިވަނީ އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން އެ ފައިސާ ދެއްކުމަށް އަމުރެއް ނެރެފިނަމަ، އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެ ކަމަށާއި އެހެންކަމުން އެ ފައިސާ ހޯދަން ކޯޓަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިވާނަމަ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ. ދައުލަތުގެ އެއްވެސް އިދާރާއަކުން އެ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރުމަށް ވެސް އެއަމުރުގައި އަންގާފައިވެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވުމުން، ކުރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ހައި ކޯޓުގައި އޮގަސްޓު މަހުގެ ހަވަނަ ދުވަހު، އެދިވަޑައިގެންނެވި އިރު، ހައި ކޯޓަށް އާރަށު މައްސަލައިގެ އިސްތިއުނާފު ވަނީ ހުށަހަޅާފައެވެ.

އާރަށު މައްސަލައިގައި ކޮށްފައިވާ ހުކުމް، އިސްތިއުނާފް ކުރި ނަމަވެސް، އެ މައްސަލަ ބައްލަވާ ފަނޑިޔާރުން ޗުއްޓީ ނެންގެވުމުން އަޑުއެހުންތައް މަޑުޖެހުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު އަލުން އަޑުއެހުންތައް ވަނީ ފަށާފައެވެ. އެ ދުވަހު އޮތީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުގެ މައްސަލައިގެ އަޑުއެހުމެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލަމުން، އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރު މުހައްމަދު ސަލީމް ވިދާޅުވީ އެ އަމުރާ މެދު ނިންމާ ގޮތެއް އާދިއްތަ ދުވަހު ލިއުމުން އަންގަވާނެ ކަމަށް ވިދާޅުވެފައެވެ.