ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ބިލްބޯޑާއި، ބެނާފަދަ ތަކެތި ހުޅުމާލެ ސިޓީގައި ހަރުކުރެވޭނީ ކުރިއަލާ އެކަން އާބަންކޯއަށް އެންގުމަށްފަހު އެ އޮންނަ އުސޫލުގެ ދަށުން ކަމަށް އާބަންކޯއިން ބުނެފިއެވެ.

މިއަހަރު ސެޕްޓެމްބަރުމަހުގެ 9 އެއްގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ގުޅޭގޮތުން އާބަންކޯއިން ބުނީ، އިންތިހާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތަކެއް ދިނުމުގެ ގޮތުން އުސޫލްތަކެއް ކަނޑައަޅާފައިވާކަމަށެވެ.

މާލެސިޓީ އަދި ރާއްޖޭގެ އެހެން ސިޓީތަކާއި އަދި ރަށްތަކުގެ މަގުތަކުގެ ފާރާއި އެނޫންވެސް ތަންތަނުގައި ޕޯސްޓަރު ހިއްޕައި، ދިދަ ފޮތިތައް ދެމިނަމަވެސް ހުޅުމާލޭގައި އެފަދަ ކަންކަން ކުރުމަކީ އާބަންކޯއިން މަނާކޮށްފައި އޮންނަ ކަމެކެވެ.

އާބަންކޯއިން ކަނޑައަޅާފައިވާ އުސޫލްތަކުގެ ތެރޭގައި:

ބިލްބޯޑާއި ބެނާ ޖެހެނީ އިލެކްޝަނުން ހުއްދަ ދީފައިވާ ކެނޑިޑޭޓުންނަށް އެކަނި

ބިލްބޯޑާއި ބެނާ ޖެހޭނީ އާބަންކޯއިން ކަނޑައަޅާފައިވާ ތަންތަނުގައި އެކަނި

މީގެކުރިން ހުޅުމާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހިއްޕާފައިވާ އިސްތިހާރުތަކާއި ފޮތި ބެނާތައް އާބަންކޯއިން ވަނީ ނަގާފައެވެ. ހުޅުމާލެ ސިޓީގައި ފޮތި އަދި ކަރުދާސް ބޭނުންކޮށްގެން މަގުތަކުގައި އިސްތިހާރު ކުރުމަކީ މިހާރު މަނާކަމެކެވެ.

އާއްމުނަށް ހިތްފަސޭހަ ތަނަކަށް ހުޅުމާލެ ސިޓީ ހެދުމުގެ ގޮތުން އާބަންކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.