ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓަރީ ބާތިލުވާ މީހުން އަލުން ރަޖިސްޓަރީ ކުރުމުގެ ސުންގަޑި އަކީ މިއަދު މެންދުރު 2:00އަށް ހަމަވާނެ ކަމަށް އީސީއިން ބުނެފިއެވެ.

އިއްޔެގައި އީސީއިން ގެޒެޓްކޮށްފައިވާ އިއުލާންގައިވަނީ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓު ލުމަށްޓަކައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅިފައިވާ އަދަދަށް ވުރެއް މަދުވުމުން ބަޔެއް ތަންތަނުގައި ފޮށިތައް ނުބަހައްޓަން ނިންމާފައިވާކަމަށެވެ.

މިކަމާ ގުޅިގެން އިތުރަށްބުނީ މިހާރު ފޮށި ބެހެއްޓުމަށް އިޢުލާނު ކުރެވި ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިއްޔެއިން ފެށިގެން މިއަދު މެންދުރު ފަހު 04:00 ގެ ނިޔަލަށް ހުޅުވާލައިފައިވާކަމަށެވެ. މި ފުރުސަތުގައި އެ ފޮށިތަކަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީވުމަށްވެސް އީސީއިން އެދިފައިވެއެވެ.

ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) އެދި ފޯމު ހުށަހެޅޭނީ އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނެވެ.

މީގެއިތުރުން ވޯޓު ފޮށި ނުބަހައްޓާ ތަނެއްގައި ރަޖިސްޓްރީކޮށްފައިވާ މީހަކު އަލުން ރަޖިސްޓްރީ ނުކުރާނަމަ އެމީހަކު ވޯޓުލާން ޖެހޭނީ ރަށްވެހިފައިވާ ރަށަށެވެ.