އެއްބައިވަންތަކަމުގެ ޝަރުޠު

0

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އިސްލާމީ ހަތަރު ވަނަ ޚަލީފާ ޢަލީ ރަޟިޔަﷲ ޢަންހު ގެ ދުވަސްވަރު މުސްލިމުންގެ އިޖްތިމާޢިއްޔަތު ނުވަތަ އެއްބައެއްވަންތަކަން އޮތީ ގެއްލިފައެވެ. މުސްލިމުންގެ މެދުގައި ޚިލާފު އުފެދެން ފަށާފައެވެ. އެ ދުވަސްވަރު އެއް ދުވަހަކު މީހަކު އައިސް ޢަލީ ރަޟިޔަﷲ ޢަންހު އަށް ދަންނަވައިފިއެވެ. އަބޫބަކުރުގެފާނާއި، ޢުމަރުގެފާނުގެ ދުވަސްވަރު އިސްލާމީ ދުނިޔެ އޮތީ އެކަތިގަނޑަކަށެވެ. ކަލޭގެފާނުގެ ދުވަސްވަރު މި އޮތީ ބައިބައި ވެފައެވެ. އެއީ ކީއްވެގެންތޯއެވެ؟ ޢަލީ ރަޟިޔަﷲ ޢަންހު ޖަވާބު ދެއްވިއެވެ. لان ابابكروعمركانا واليين على مثلى وانااليوم وال على مثلك މާނައަކީ އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާ ދެބޭކަލުން ވެރިކަން ކުރެއްވީ އަހަރެމެން ކަހަލަ މީހުންގެ މައްޗަށެވެ. އަހަރެން މި ވެރިކަން ކުރަނީ ކަލޭކަހަލަ މީހުންގެ މައްޗަށެވެ.

Advertisements

މި ވާހަކަ ލިޔުއްވަމުން އިބްނު ޚަލްދޫން ލިޔުއްވައިފައި ވެއެވެ. ދީނީ ވެރިކަމެއް ކުރެވޭނީ ޤައުމެއްގައި ދީނީ ރޫޙެއް ނުވަތަ ދީނީ ޝުޢޫރެއް އޮވެގެންނެވެ. މިއީ ދީނީ ވެރިކަމެއް ޤާއިމު ކުރުމަށްޓަކައި ލާޒިމު ޝަރުޠެކެވެ. ޤައުމުގައި އިސްލާމީ ޝޫޢޫރެއް ނެތް ނަމަ ވެރިއަކަށް ހުންނަ މީހާ އިސްލާމީ ވެރިއަކަށް ވިޔަސް އިސްލާމީ ވެރިކަމެއް ޤާއިމެއް ނުކުރެވޭނެއެވެ.

އިބްނު ޚަލްދޫން ލިޔުއްވާ ގޮތުގައި ޢަލީ ރަޟިޔަﷲ ޢަންހު ދެއްވިޖަވާބުގެ މާނައަކީ މި ދެންނެވުނު ދީނީ ޝުޢޫރު ނެތް މުޖުތަމަޢެކޭ ވިދާޅުވުމެވެ. މިސާލަކަށް އަލްމައުމޫން ގެ ދުވަސްވަރަށް ބައްލަވައިލައްވާށެވެ. އަލްމައުމޫން ހެއްދެވި ގޮތަކީ އެމަނިކުފާނުގެ ވަލީޢަހްދަކަށް ޢަލީ ބުނު މޫސާ ބުނު ޖަޢުފަރުއްޞާދިޤް ހަމަޖައްސަވައި އެމަނިކުފާނަށް “އައްރިޟާ” ގެ ލަޤަބު ދެއްވީއެވެ. މިކަމާ ގުޅިގެން ޢައްބާސީން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަން ފެށްޓިއެވެ. އެންމެ ފަހުން ބައިޢަތު ރޫޅާލުމަށް ފަހު އަލްމައުމޫންގެ ބޮޑުބޭބޭފުޅު އިބްރާހީމް ބުނު އަލްމަހްދީގެ އަތްޕުޅު މައްޗަށް ބައިޢަތު ހިފައިފިއެވެ. މި ބައިޢަތުގެ ސަބަބުން އުފެދުނު ހަމަނުޖެހުންގަނޑު ބޮޑު ވެގެން ގޮސް ބަޣާވާތަކާ ކައިރިއަށް ހިނގައްޖެއެވެ. އެންމެ ފަހުން ވެރިކަމުގެ ކިއްލާ ވެއްޓިދާނެހެން ހީފުޅު ވީމާ އަލްމައުމޫން ޚުރާސާނުން ބަޣްދާދަށް ވަޑައިގެންފިއެވެ. އަދި ޢަލީ އައްރިޟާ ވަލީޢަހްދު ކަމުން ވަކި ކުރައްވައި، އެމަނިކުފާނުގެ ޢާއިލީ ބޭފުޅަކަށް އެ މަޤާމު ދެއްވައިފިއެވެ.

މި ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވައި އިބްނު ޚަލްދޫން ލިޔުއްވައިފައި ވެއެވެ. ޚުލަފާއުއްރާޝިދީން ވެރިކަން ކުރެއްވި ދުވަސްވަރު އަދި މުލޫކިއްޔަތުގެ މިޒާޖެއް ނުއުފެދެއެވެ. މުޖުތަމަޢަށް ފެތުރިފައި އޮތީ ދީނީ ޙަރަކާތާއި، ދީނީ ޝުޢޫރެވެ. އެހެންވީމާ މުޅި މުޖުތަމަޢަށް ފެތުރިފައި އޮތް ޝޫޢޫރަކަށް ވާތީ ރައްޔިތުން އެ މީހުންގެ ވެރިއަކަށް ހޮވީ ދީނީ ނަޒަރަކުން ބަލާފައި އެންމެ ޤާބިލު ކަމަށް ފެނުނު މީހާއެވެ. އެހެން އެއްވެސް މީހެއްގެ މައްޗަކަށް ރައްޔިތުންގެ ނަޒަރެއް ނުހިނގައެވެ. ވެރިކަމުގެ މައްޗަށް އެހެން ނަޒަރަކުން ބަލަމުން ދިޔަ މީހުން އެ މީހުންގެ ޙަރަކާތްތައް ހިންގާނެ ގޮތަކަށް ހިންގަން ދޫކޮށްލީއެވެ.

އިސްލާމީ ދުނިޔޭގައި އަމިއްލަ އެދުން އިންތިހާއަށް އަރައިގެން ދިޔައީ އަމީރު މުޢާވިޔާގެ ދުވަސްވަރުއެވެ. މުޖުތަމަޢަށް ފެތުރިފައި އޮތީ އެ ރޫޙެވެ. ދީނީ ޝުޢޫރު އޮތީ ބަލިކަށި ވެފައެވެ. މުލޫކިއްޔަތާއި، ވެރިކަމުގެ ބާރުގެ ނުފޫޒު ފެތުރެން ފަށައިފިއެވެ. ވުމާއެކު އަމިއްލަ އެދުމުގެ ހަމަތަކަށް ނުފެތޭ ވެރިކަމެއް ނަމަ ބަލިކަށި ވަނީއެވެ. އެންމެ ފަހުން ހަމަނުޖެހުމާއި، ޚިޔާލު ތަފާތުވުންތައް އުފެދެނީއެވެ. މިއީ ފަހުގެ ތާރީޚުގައި ފެނުނު ކަންތައްތަކެވެ. (މުޤައްދިމާ، އިބްނު ޚަލްދޫން، ޞަފްޙާ 211)

މިއްލަތަށް އެއްބައިވަންތަކަން ގެނެވެނީ ކިހިނެއްކަން ފުރަތަމަ ދައުރުގެ މި ތަޖުރިބާއިން ވަރަށް ރަނގަޅަށް އެނގެއެވެ. އަދި އެ އެއްބައިވަންތަކަން ރޫޅިގެން ދަނީ ކޮން ސަބަބުތަކަކާ ހުރެކަންވެސް އެނގެއެވެ. އިބްނު ޚަލްދޫން ލިޔުއްވާ ގޮތުގައި އެއީ ދީނީ ޝޫޢޫރެއް ނެތުމާއި، ހުރުމުގެ ތަފާތެވެ. އެއްބައިވަންތަކަމަކީ އެއްބައިވަންތަކަމަށް އެދި ގޮވައިލުމަކުން ވާނެ ކަމެއް ނޫނެވެ. އެއްބައިވަންތަކަމެއް އުފެދޭނީ، މުޖުތަމަޢުގައި ދީނީ ޝުޢޫރު އުފެދިފައި ހުރެގެންނެވެ.

އުއްމަތުގެ ނުވަތަ ޤައުމުގެ އެއްބައިވަންތަކަމުގެ މަސައްކަތް ފެށޭނީ މިއްލަތުގެ ނުވަތަ ޤައުމުގެ އިޞްލާޙުގެ މަސައްކަތުންނެވެ. އިޞްލާޙުގެ މަސައްކަތަށް އޮންނަ އެންމެ ބޮޑު ޝަރުޠަކީ ދީނީ މާޙަވްލެއް އޮތުމެވެ. މީހުންގެ ހިތަށް ވައްދައި ދޭން ޖެހެނީ އާޚިރަތް ދުވަހުން ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ވާހަކަތަކާއި، ޢަމަލުތަކަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމެވެ. އާޚިރަތުގެ ފައިދާތަކަށްޓަކައި، ދުނިޔޭގެ އުނދަގޫތަކަށް ކެތްކުރާ ވަރަށް އާޚިރަތުގެ ލޯބި މީހުންގެ ހިތުގައި އަށަގަންނަ ގޮތް ހަދަންވީއެވެ. ﷲ އާއި، ކީރިތި ރަސޫލާގެ އަމުރުފުޅެއް ކުރިމައްޗަށް އަތުވެއްޖެ ނަމަ ބޯލަނބާ ވަރަށް މީހުން ހޭލުންތެރި ކުރުވަންވީއެވެ. އެއީ ތިމާގެ މަޞްލަޙަތަށް އުނިކަން އަންނަ ކަމަކަށް ވިޔަސް ފަރުވާލެއް ނުބަހައްޓާވަރަށް ހޭލުންތެރި ކުރުވަންވީއެވެ. ޚިލާފު ހުރި ކަމުގައި ވިޔަސް އެއްބައިވަންތަކަމާއެކު އުޅޭ ކަހަލަ މިޒާޖެއް މީހުންގެ ތެރޭގައި އުފައްދަންވީއެވެ.

އެއްވެސް ބައެއްގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއްބައިވަންތަކަން އުފެދެނީ، އެއްބައިވަންތަ ބަޔަކަށް ވާން ގަސްތުކުރާ ބައެއްގެ ޤުރްބާނީއާ އެކުގައެވެ. ރައުޔުގެ ޤުރްބާނީއާއި، އަމިއްލަ ފައިދާތަކުގެ ޤުރްބާނީއާއި، އަމިއްލައަށް ފަހަތަށް ޖެހިލުމުގެ ޤުރްބާނީއާއި، ޚިލާފުތައް ނައްތައިލުމުގެ ނުވަތަ ޚިލާފުތައް ހަނދާންނައްތައިލުމުގެ ޤުރްބާނީ ފަދަ ޤުރްބާނީތަކެވެ. ދައްކާނެ ވާހަކަތައް ހުރެމެ، ހިމޭނުން ހުރުންފަދަ ޤުރްބާނީއެވެ. ފުރަތަމަ ޖެހެނީ ވިސްނުން ބައްޓަން ކުރާށެވެ. އެއްބައިވަންތަކަން އުފެދޭނީ އޭގެ ފަހުންނެވެ.

Advertisements