ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިލަދުންމަޑުލު ދެކުނުބުރީ މާފަރު ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވީ، ރައީސް ސާލިހު، ރިޔާސީ ކެމްޕެއިނަށް، މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، މާފަރު ފުޓުބޯޅަ ދަނޑަކީ، މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑްއިން ޓަރފް އަޅައި ޒަމާނީފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.އަދި ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައި ވަނީ، ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.